ބޮލީވުޑް

އަހަރެންގެ ކުށެއް ނެތް، ވަނީ ފްރޭމް ކުރެވިފައި: ސަލްމާން

Apr 29, 2015

ޖޯދުފޫރު ކޯޓުގައި މިހާރު ހިނގަމުންދާ ސަލްމާން ޚާންގެ ޝަރީއަތުގައި ހެކިބަސްދިނުމަށް މިދިއަ ހަފްތާ ކޯޓަށް ހާޒިރުވާން އަންގާފައި އޮތް ނަމަވެސް، ބަލިވެ ކަމަށްބުނެ ހާޒިރުނުވެވުމުގެ ސަބަބުން މިއަދު ސަލްމާން ކޯޓަށް ހާޒިރުވެއްޖެ އެވެ.

މިއަދު ހެނދުނު ބޭއްވި ޝަރިއަތުގައި ވާހަކަދައްކަމުން ސަލްމާން ބުނީ 1988ވަނަ އަހަރުގެ އޮކްޓޯބަރު 1-2 ހިނގި ހާދިސާގައި ލައިސަންސް ނެތް ހަތިޔާރު ބޭނުންކޮށްގެން ހިމާޔަތްކުރެވިފައިވާ ޖަނަވާރެއް ޝިކާރަކުރުމުގައި އޭނާއާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މިއީ ގަސްތުގައި އޭނާ ފްރޭމްކުރަން ބަޔަކު ހިންގަމުން އަންނަ ޝަރީއަތްތަކެއް ކަމަށެވެ.

"އަހަރެންގެ ކުށެއް ނެތް. ވަނީ ފްރޭމް ކުރެވިފައި" ސަލްމާން ހެކިބަސްދެމުން ކޯޓުގައި ބުންޏެވެ.

ފިލްމު "ހަމް ސާތް ސާތް ހޭ" ޝޫޓިންގެ ދުވަސްވަރު ޖޯދްޕޫރު ކައިރީގައި އޮންނަ ކަންކާނީ ޖަންގަލީގައި ހިނގި މިހާދިސާގެ އިތުރު އަޑުއެހުމެއް މޭ މަހުގެ 4ވަނަ ދުވަހަށް މިހާރު ވަނީ ތާވަލްކުރެވިފަ އެވެ.

އަޑުއެހުން ނިންމާލުމަށްފަހު މީޑިއާ އާއި ވާހަކަދައްކަމުން ސަލްމާންގެ ވަކީލު ބުނީ ކޯޓުން ވަނީ ސަލްމާންގެ ކުށެއްނެތް ކަން ސާބިތުކޮށްދިނުމަށް އެދިފައި ކަމަށާއި، އެހެންކަމުން ސަލްމާން އޭނާގެ ކުށެއްނެތް ކަން ސާބިތުކޮށްދޭނެ ކަމަށެވެ.

މިމައްސަލައިގެ ދައުވާ ސަލްމާންގެ މައްޗަށް އުފުލާ ޝަރީއަތް ކުރަމުން އަންނަތާ މިހާރު ވަނީ 18 އަހަރު ވެފަ އެވެ.

ހެކިބަސްދިނުމަށް މިއަދު ކޯޓަށް ސަލްމާނާ އާއި އެކު އޭނާގެ ބޮޑީގާޑްގެ އިތުރުން ކޮއްކޮ އަލްވީރާ ޚާން ވެސް ވަނީ ހާޒިރުވެފަ އެވެ. އަދި ސަލްމާން ކޯޓަށް ހާޒިރުވީ ވަގުތު އެސަރަހައްދަށް ސަލްމާން އަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު އެއްވުމުގެ ސަބަބުން ވަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައެވެ.

މިމައްސަލައިގެ ހުކުމް އިއްވުން މާ ލަހެއް ނުވާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، 2002ވަނަ އަހަރު ހިނގި އެކްސިޑެންޓްގައި މުމްބާއި ބަނދްރާގެ ރަށްފުށު ސަރަހައްދެއްގައި ހުރި ބޭކަރީއެއްގެ ޕޭވްމަންޓް މަތީގައި ނިދާފައި ތިބި ބައެއްގެ ގައި މަތިން ވެހިކަލް ދިއުމުގެ ސަބަބުން އެކަކު މަރުވުމުގެ އިތުރުން ހަތަރު މީހަކު ޒަހަމްވި މައްސަލައިގެ ހުކުމް އިއްވުން މޭ 6ވަނަ ދުވަހު އޮންނާނެ އެވެ.