ދެވަނަ ފިޔަވަހީގައި ހުޅުމާލެއަށް އިތުރު ކުރި ބިމުގެ ސަރަހައްދުގައި ދެ ޓަވަރު އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާނު ކޮށްފި އެވެ.
އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ދެ މިކްސްޑް ރެސިޑެންޝަލް ޓަވަރު އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަމުގެ ލިއުން ފޮނުވުމަށެވެ. އެއީ ކިތައް ބުރީގެ އިމާރާތެއް ކަމެއް އެކުންފުނިން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް އިމާރާތްތައް އަޅަން ހަމަޖެހިފައިވަނީ 10،000 އަކަފޫޓު ބިމެއްގައި ކަން ވަނީ އިއުލާނުގައި ބުނެފަ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ކަމަށްވާ ހިޔާ މަޝްރޫއު ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވެގެން 62 ޓަވަރު އަޅާނެ އެވެ.
އެ މަޝްރޫއުގެ ދަށުން 15 ބުރީގެ ތިން ޓަވަރު އަޅަން އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ ބީލަމަށް ހުޅުވާލާފަ އެވެ. އެކަމާ ގުޅޭ ގޮތުން އެކުންފުނިން ކުރި އިއުލާނުގައި ބުނެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން 11،500 އަކަފޫޓުގެ ތިން ޓަވަރު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން 15 ބުރީގެ ދެ ޓަވަރު އަޅަން ސްޓެލްކޯއިން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ. ކަސްޓަމްސް އިންވެސް ވަނީ 15 ބުރީގެ ހަތަރު ޓަވަރު އަޅަން އިއުލާނުކޮށްފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން 62 ޓަވަރު އަޅާ އިރު އޭގެ ތެރެއިން 25 ބުރީގެ 16 ޓަވަރު އެޅުމަށް މިހާރު ވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓުރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ނަމަކަށް ކިޔާ ކުންފުންޏަކާ 6.6 ބިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އެވެ.