ވިޔަފާރި

ރާއްޖޭގެ ފުރަތަމަ ގޭމް ސްޓޯރު އުރީދޫގައި

Nov 29, 2017

މޮބައިލް ގޭމިންނަށް ހާއްސަކޮށް ރާއްޖޭގައި ނެރޭ ފުރަތަމަ ގޭމް ސްޓޯރު އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނި ގޮތުގައި މި ސްޓޯރު މެދުވެރިކޮށް، މޮބައިލް ބޭނުންކޮށްގެން ކުޅޭ އެންމެ މަގްބޫލު ގޭމުތައް ޑައުންލޯޑުކޮށް، އެއްވެސް އިޝްތިހާރަކާއި ނުލާ ކުޅެވޭނެ ކަމަށެވެ.

އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވި ގޮތުގައި ކަސްޓަކަރުންނަށް ކަމުދާ، އާ ދުމަތްތައް ރާއްޖޭގައި ތައާރަފްކުރުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ.

"އުރީދޫ ގޭމް ސްޓޯ އިން އެންމެ ފަހުގެ މޮބައިލް ގޭމުތައް، ފަސޭހަކަމާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ގުޅުވާލަދޭނެ. މިފަދަ، ރާއްޖެއަށް މުޅިން އައު ޚިދުމަތެއް ތައާރަފް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރާނީ މި ސްޓޯރ އިތުރަށް ފުޅާކޮށް، މޮބައިލް ގޭމް ކުޅުއްވާ ބޭފުޅުންނަށް ކަމުދާނެ ގިނަ ގޭމްތަކާއި، ތަފާތު ފީޗާތައް އިތުރު ކުރުމަށް،" ނަޖީބު ވިދާޅުވި އެވެ.

މޯބައިލް ފޯނަށް ހާއްސަ އުރީދޫ ގޭމް ސްޓު ހިޔާރުކުރައްވައިގެން، www.ooredoogames.com މެދުވެރިކޮށް ފަހުގެ އެންޑްރޮއިޑް އަދި އެޗްޓީއެމްއެލް 5 ގޭމުތައް ޑައުންލޯޑު ކުރެވޭނެ އެވެ. ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް، އުރީދޫ ގޭމް ސްޓޯރގެ ހިދުމަތް ހޯދުމަށްޓަކައި ހިޔާރުކުރެވޭނެ ހާއްސަ ތިން އޮފާ އެއް ވަނީ ތައާރަފް ކޮށްފައެވެ.

ގޭމު ޕެކޭޖުތައް:

1- ގޭމާޒް ޕެކް ޑެއިލީ (ދެ ރުފިޔާ، މުއްދަތު އެއް ދުވަސް)
2- ގޭމާޒް ޕެކް ޑެއިލީ ( 10 ރުފިޔާ، މުއްދަތު އެއް ހަފުތާ)
3- ގޭމާޒް ޕެކް ޑެއިލީ ( 25ރ. އެއް މަސް ދުވަސް)

އުރީދޫން ބުނީ މިގޮތުން އެންޑްރޮއިޑް ފޯނު ބޭނުން ކުރައްވާ ބޭފުޅުންނަށް، އުރީދޫ ގޭމް ސްޓޯ އިން ތަފާތު ގޭމިންގ އެޕްތައް ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. އަދި އައިއޯއެސް ބޭނުން ކުރަށްވާ ބޭފުޅުންނަށް، ގޭމް ސްޓޯގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ގޭމުތައް އޮންލައިކޮށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އުރީދޫ ގޭމް ސްޓޯ އާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫގެ ޑިޖިޓަލް މީޑިޔާ ޓަޗްޕޮއިންޓް ތަކަށް ޒިޔާރަތްކޮށްލެއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.