ހަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުން ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި

ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރަން ކެބިނެޓުން މިއަދު ނިންމި، މިނިވަން ވިޔަފާރީގެ އެއްބަސްވުން ދިރާސާ ކުރުމަށް ޓަކައި މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީ ސިއްރުކޮށްފި އެވެ.

ޗައިނާ އާއި ރާއްޖެ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ކުއްލި ގޮތަކަށް ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވާ އެ މައްސަލަ ވަނީ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އަދި އެ ކޮމިޓީ ބައްދަލުވުން މިހާރު ކުރިޔަށް ދާއިރު އެއްވެސް މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރު ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރަމުންދާ އިރު މިރޭ ވެސް މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޖަލްސާގައި ފްރީޓްރޭޑް އެގްރީމަންޓާ ގުޅޭ މައްސަލައަށް ވޯޓަށް އަހާ ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލީ ސެޕްޓެމްބަރު މަހު 15 އަދި 16 ގައި ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަކަށް ފަހުގަ އެވެ. އެ އެއްބަސްވުމުގެ ސަބަބުން ޗައިނާއަށް ވުރެ ރާއްޖެއަށް ލިބޭ ފައިދާތައް ގިނަވާނެ ކަމަށް ސަރުކާރުް ވަނީ ނިންމައިފަ އެވެ.