ރިޕޯޓް

މެންބަރުން ނަމެއްގަ، ހުރިހާ ކަމެއް ސަރުކާރު!

ގާނޫން އަސާސީގެ ހަތަރު ވަނަ މާއްދަގައި ވެއެވެ؛ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެ ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުން ކިބައިންނެވެ. އެ މާއްދާއާ ޖެހިގެން ދެން ލިޔެފައި އޮންނަނީ، ގާނޫން ހެދުމުގެ އެންމެހާ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ދީފައި އޮންނަ ޖެހޭ ކަމަށެވެ.

އެގޮތަށް ލިޔެފައި ވަނީ ސަބަބެއް ނެތި އެއް ނޫނެވެ. ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގާނޫން އަސާސީގެ ހަތަރު ވަނަ މާއްދާއަށް އެންމެ ބޮޑަށް އަމަލީ ސިފައެއް ޖައްސާ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. އެއީ ސަރުކާރުން ނިންމާ ނިންމުންތަކުގައި، ރައްޔިތުންގެ ހިޔާލާއި ކަމާ ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާގެ މަތިން ބަދަލުތައް ގެނެސްގެން އެކަންކަމަށް ރުހުން ދޭ ބަޔަކަށް މަޖިލީސް މެންބަރުން ވާތީ އެވެ. އެއީ ތަހުޒީބު ގައުމުތަކުން އަމަލު ކުރާ ޑިމޮކްރަސީގެ ވެސް ރީތި އާދަ އެވެ.

އެ ބުރަ މައްސޫލިއްޔަތު ކޮނޑުގައި އެޅުވިފައިވާ 85 މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ނަމަވެސް އެގޮތަށް އަމަލު ކުރައްވަނީ ކިހާ މެންބަރުންނެއް ކަމާ މެދު މިއަދު ސުވާލު އުފައްދަން ޖެހެ އެވެ. އެއީ މަޖިލީހުގެ ތެރޭގައި މަންޒަރު ވަރަށް ތަފާތެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނަށް ވުރެ ބޮޑަށް ސަރުކާރުގެ ހައްގުގައި އަޑު އުފުލާ، ސަރުކާރު ބޭނުންވާ ގޮތަކަށް ހުރިހާ މަސައްކަތްތަކެއް އަންނަނީ ނިންމަމުންނެވެ.

އެ މައްސަލަ އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ ޗައިނާ އާއި ދިވެހި ސަރުކާރުން 2015 ވަނަ އަހަރުން ފެށިގެން، ދެ އަހަރާ ބައި ވަންދެއް މަސައްކަތްކޮށްގެން އެކުލަަވާލެވުނު 1000 ސޮފުހާގެ ބޮޑު އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހުން އެންމެ 30 މިނެޓު ތެރޭގައި ދިރާސާކޮށް ނިންމާލުމުންނެވެ. އެތަށް ގޮތަކުން ރައްޔިތުންނާ ސީދާ ގުޅުން ހުރި އެ ބޮޑު އެއްބަސްވުން މެންބަރުން ފާސްކޮށްދިނީ "ލޯ މަރާލާފައި" ސަރުކާަރުން ފޮނުވި ގޮތަށެވެ. ކަންތައް އެހާ ހިސާބަށް ދިޔުމުން މަޖިލީސް މެންބަރުންގެ ބޭނުމެއް އެބައޮތްތޯ ވެސް ސުވާަލު އުފެއްދުމުގެ ޖާގަ މިއަދު އެބައޮތެވެ.

ޕީޕީއެމް އާއި އެމްޑީއޭގެ މެންބަރުންނަށް މިކަން ވަނީ "ގޫގުލް ސްޕީޑުގައި ގެންނަ ތަރައްގީ" އަށެވެ. އަދި މަޖިލީހުގައި ތާރީހުގައި ވެސް ނުކުރެވޭހާ ހަލުވިކޮށް އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށެވެ. ނަމަވެސް ސަރުކާރުން ފޮނުވި އެއްޗެއް ފޮނުވި ގޮތަކަށް ފާސް ކުރާނަމަ، ބޮޑު ހަރަދުކޮށްފައި މަޖިލީހުގެ އިދާރާއެއް ވަކިން ހިންގުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިން ކަން ކުރަން ތިބޭ ބަޔަކު ސަރުކާރުން ބުނި ކޮންމެ އެއްޗަކަށް "އާދެ ލައްބަ" ކިޔަން ތިބެ، ބޮޑެތި ބިލުތައް ވެސް ތިން ކިޔުން އެއްފަހަރާ އިއްވާލާ އެއް ދުވަސް ތެރޭގައި ދިރާސާކޮށް ހަމަ އެ ދުވަހު ފާސްކޮށްލަން މިހާރު އެއްވެސް ޖެހިލުމެއް ނުވެ އެވެ. ހުރިހާ ކަމެއް ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ. ނަމަވެސް ނަން ވަނީ "ރައްޔިތުންގެ" މަޖިލީހުން ކުރާ މަސައްކަތަކަށެވެ.

ޗައިނާ އާއި ރާއްޖެ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ސީދާ ގޮތެއްގައި ރައްޔިތުންނާއި އަދި ހާއްސަކޮށް ވިޔަފާރީގައި އުޅޭ ފަރާތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތް އެއްބަސްވުމެކެވެ. ނަމަވެސް އެ ފަރާތްތަކުގެ މަޝްވަރާ ނުހޯދާތާ، އެނެމެ ކުޑަ މިނުން މަޖިލީސް މެންބަރުންގެ އަތަށް ވެސް އެ އެއްބަސްވުން ނާރަ އެވެ. އަދި ކޮމިޓީގައި އެ އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަދައްކާލަން ވެސް މެންބަރުންނަށް ފުރުސަތެއް ނުލިބެ އެވެ. ހަމައެކަނި ކުރި ކަމަކީ މިނިސްޓަރު ހާޒިރުކޮށް، އެކަމާ ބެހޭ ގޮތުން ކުރު ތައާރަފެއް ދެއްވީ އެވެ. އެއްވެސް ތަފްސީލު މައުލޫމާތަކާަ ހަމަޔަށް ނުދެ އެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ 1000 ސަފުހާގެ އެއްބަސްވުން އަވަސް އަރުވާލައިގެން ފާސްކޮށްފައިވަނީ މެންބަރުން އެއްބަސްވުމެއް ދައްކާލުމެއް ވެސް ނެތި ކަމަށާއި ކޮމެޓީގައި 10 މިނެޓް، ތަޅުމުގައި ވޯޓު ނެގުމަށް 10 މިނެޓް ކަމަށެވެ. އަދި އެއްވެސް ބަހުސެއް ނެތް ކަމަށާއި އެ ވޯޓުގެ ސައްހަކަމާއެކު ސީރިއަސް ސުވާލުތަކެއް ވެސް އުފެދިފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިއްޔެ ކުރެއްވި ޓްވީޓު --

"މިނިސްޓަރު ސައީދު ވާހަކަފުޅަށް ދިޔަ ވަގުތެއް ކޮމިޓީގެ މުޅި މަަސައްކަތަށް ދިޔައީ. މިނިސްޓަރު ވާހަކަފުޅަށް ފަހު ނިކުމެ ވަޑައިގަތީމާ ވޯޓަށް އަހާ ރުހުން އޮތް ކަމަށް ފާސްކުރީ. ސީދާ އަޅުގަނޑު ގަޑިއެއް ނުބަލަން. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ވާނީ،" ގައުމީ ސަލާމަތުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތްތައް މިފަދަ ގޮތަކަށް ހިނގުމަކީ މިއީ އިއްޔެ އަލަށް ހިނގި ކަމެކޭ ބުނެވޭކަށް ނެތެވެ. މަޖިލީހުގެ ކޮމިޓީތަކުގައި ގިނަ ފަހަރަށް ސަރުކާރުގެ އޮފިޝަލުންނަށް ގުޅައިގެން މުގައްރިރު ކަންކަން ނިންމުމާއި، ބޮޑެތި މުހިންމު ބިލުތައް އެއްގޮތަކަށް ބަލާވެސް ނުލާ އަވަސް އަރުވާލައިގެން ފާސް ކުރާ އެތަށް ފަހަރެއް ދެ އެވެ. އެގޮތުން އަންނަ އަހަރު ބަޖެޓު މަޖިލީހަށް ހުށަހެޅިގެން ދިޔުމުން ވެސް ފެނުނީ އެފަދަ މަންޒަރެކެވެ.

ބަޖެޓު ހުށެޅުމުން މީގެ ކުރިން މެންބަރުން މަސައްކަތް ކުރި ގޮތަށް ވުރެ މި އަހަރު އަދި މާ ގޯހެވެ. ބަޖެޓު ދިރާސާ ކުރުމަށް 10 ދުވަހުގެ މުއްދަތެއް ކަނޑައެޅި އިރު އެ ދިރާސާ ކުރުމަށް ކޮމިޓީއަށް ހަމައެކަނި ހާޒިރު ކުރީ ބަޖެޓު ހުށަހެޅުއްވި، ފިނޭންސް މިނިސްޓަރު އެކަންޏެވެ. މުޅި ދައުލަތުން އެއް އަހަރަށް ކުރާ ހަރަދުތައް ކަނޑައެޅިގެން ދިޔަ އިރު އެހެން އެއްވެސް ބައެއް ގެނެސް މަޝްވަރާކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. ބަޖެޓާ ގުޅިގެން މިނިވަން މުއައްސަސާތަކުން ވެސް ގިނަ ކަންބޮޑުވުންތަކެއް ހުށަހެޅުމުން އެކަން ވެސް ފިނޭންސް މިނިސްޓަރަށް ފޯނުން ގުޅާލައިގެން ހަދާނެ ގޮތެއް ސުވާލުކޮށް ނިންމާލީ އެވެ. އެމްއެމްއޭގެ ގަވަނަރެއް ނުވަތަ އޮޑިޓާ ޖެނަރަލެއް ވެސް ހާޒިރެއް މިފަހަރު ނުކުރެ އެވެ. ސަރުކާރުން ފޮނުވި ގޮތަށް ފާސްކޮށްލީ އެވެ.

"މިހާތަނަށް ވެސް ސަރުކާރުން ބަޖެޓުގައި ލަފާ ކުރާ ގިނަ ކަންކަންް އަހަރު ނިމޭއިރު ނުވެފައި އޮންނަނީ، މެންބަރުން ތިބެނީ ސަރުކާަރާ ކުރީބައިގަ މަޝްވަރާކޮށްގެން ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓު ފާސް ކުރަން ނިންމައިގެން، އެއްވެސް ބަދަލެއް ނުގެނެސް ހުރި ގޮތަށް ފާސް ކުރަން ހިފާފައި، ބަޖެޓަކީ ކުރާ އަންދާޒީ ހިސާބުތަކެއް ކަން އަޅުގަނޑު ވެސް ގަބޫލު ކުރަން ނަމަވެސް އެއްވެސް ވަރަކަށް ދިމާ ނުވާ އެއްޗެއް ދިރާސާ ކުރަނީއޭ ކިޔާފަ ވަގުތު ހޭދަ ކުރަނީ ކީއްކުރަން، އަދި ބައެއްގެ މަޝްވަރާއެއް ލަފައެއް ނުހޯދަންޏާ ކީއްކުރަން ކޮންމެ އަހަރަކު މަޖިލީހަށް ބަޖެޓު ފޮނުވައިގެން ފާސް ކުރަންވީ ވެސް، ހުރި ގޮތަކަށް ސަރުކާރުން ހަރަދު ކުރީމަ ނިމުނީނު، މިހާރު ވެސް ހަދަނީ ބޭނުން އެއްޗެއް، އަންދާޒާ ކުރާ އެއްވެސް ކަމެއް ހާސިލެއް ނުވޭ، މުޅިން ގޯހުން ގޯހަށް ހުރިހާ ކަމެއް ދަނީ،" އަވަސްއާ ވަހަކަދެއްކި އިދިކޮޅު މަޖިލީސް މެންބަރަކު ވިދާޅުވި އެވެ.

"ޓީވީތަކާއި ނޫސްވެރިން ހުރީމަ ބައެއް ފަހަރު ކަންދައްކަން މަސައްކަތެއް ކޮށްފާނެ، ނަމަވެސް އެއްވެސް ބަދަލެއް ސަރުކާރުގެ ރުހުމަ ނުލާ ނުގެންނާނެ، ފޯނުން ވައިބަރުން ވިޔަސް ކޮންމެވެސް ގޮތަކަށް ސަރުކާރުގެ ހުއްދައާ ލައިގެން މެންބަރުން އެއްވެސް ކަމެއް ކުރާނީ، ސަރުކާރުން ހިތް ހަމަ ނުޖެހޭ ގޮތަށް ކަމެއް ގޮސްފިއާ އެ ދިޔައީ ދުވަސް، ސަރުކާރުގެ ހިޔާލާ ކުޑަކޮށް ތަފާތުވިޔަސް އެ ވަރުގެ ނުބައި މީހަކު ނުހުންނާނެ،" ސަރުކާރުގައި ވަރަށް އިސްކޮށް އުޅުމަށް ފަހު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް މެންބަރަކު ވިދާޅުވި އެވެ.

ކަން މިހެން އޮތް ނަމަވެސް މީގެ އަނެއް ފަޅި ވެސް އޮވެ އެވެ. އެއީ ހަގީގަތުގައި ބުނާނަމަ މަޖިލީސް މެންބަރުންނަށް އެ ނޫން އިތުރު އެއްވެސް ގޮތެއް ނެތީ އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ޕާޓީން އިން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް، އެއާ ހިލާފަށް އެއްވެސް މެންބަރަކު ވޯޓެއް ލައިފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. އަނެއްހެން ބުނާނަމަ ހުރިހާ މެންބަރުން ތިބީ ސަރުކާަރުގެ އަތްދަށުގަ އެވެ. ބާރުތައް އޮތީ ސިޔާސީ ޕާޓީގެ ސުލޫކީ ކޮމިޓީ އަތުގަ އެވެ. މެންބަރުންނަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ "އާަދެ ލައްބަ" ކިޔާލަ ކިޔާލާ ތިބުމެވެ.

"މިހާރު ވެސް ސަރުކާރާ ޑީލު ނުހަދައިގެން ފަހަރަކު މެންބަރެއްގެ ގޮނޑި އެ ގެއްލުވާލަނީ، އެހެންވީމަ އަދި ސަރުކާރުން ކުރަން އުޅޭ މަސައްކަތަކަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް މެންބަރަކަށް ކޮށްލުމުގެ ފުރުސަތު ދޭނެ ހެން ހީވޭތަ، އެއީ ރައްޔިތުންގެ ހިޔާލެއް ކަމުގައިވީ ނަމަވެސް ސަރުކާރުން އެ ޖާގައެއް ނުދޭނެ، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވިޔަސް ޖެހޭނީ ސަރުކާރު ބޭނުން ކަމެއް ކުރަން، ރައްޔިތުން މަޖިލީހުގެ ނަން ވެސް ސަރުކާރުގެ މަޖިލީހަށް ބަދަލު ކުރާ ވަރުވެއްޖެ،"

މަޖިލީހުގެ ބާރު އަދިވެސް އޮތީ ސަރުކާަރު މެންބަރުންގެ އަތުގަ އެވެ. ނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަކަށް ރައްޔިތުންގެ އެއްވެސް ހިޔާލަކާ ނުލާ ހުރިހާ މަސައްކަތްތައް ކުރުން އެއީ ރަނގަޅު ގޮތް ހެއްޔެވެ؟ ސަރުކާރުން "ޖަހާހާ ބެރަކަށް ނަށަން" ތިބޭ ބަޔަކަށް މަޖިލީސް މެންބަރުން ވަނީ ވެފަ އެވެ. މަޖިލީހުގެ ތަޅުން ވެސް ސިޔާސީ ހަރުގެއަކާ ވަކި ތަފާތެއް ނެތެވެ. އެއީ މަޖިލީސް މެންބަރުންގެ އަމަލު ކުރަން ޖެހޭ ގޮތް ނަމަ އެ މެންބަރުން ތިބުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟