ހަބަރު

އުތުރުގައި ކަނޑު ދަތުރު ނުކުރަން އިލްތިމާސްކޮށްފި

ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލާޓް ނެރެނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކުރުމުގެ ގޮތުންނެވެ. އަދި ނުރައްކަލަކަށް ފިޔަވަޅު އަޅައިގެން ތިބުމަށް އެންގުމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ ނެޝަނަލް މީޓޮރޮލޮޖިކަލް ސެންޓަރުން ވަނީ މިރޭ 3:00 އިން ފެށިގެން ހެނދުނު 8:00 ދެމެދު ހއ. އަތޮޅާ ރ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

އައްޑޫ އަދި ހުވަދޫ އަތޮޅަށް މޫސުން ގޯސްވެ ގަޑިއަކުން 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ވަނީ ބުނެފަ އެވެ.

ސްރީލަންކާގެ ކައިރީގައި މިއަދު އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. އެ ކޮޅިގަނޑު ހއ. އަދި ހދ. އަތޮޅުގެ އުތުރުން ރާއްޖޭގެ ހުޅަނގު އުތުރަށް ދަތުރުކުރަމުންދާ އިރު ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުގަދަވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ މިއަދާ މާދަމާވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ. މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި މެދުތެރެއާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.