ދުނިޔެ

މޫސުން ގޯސްވެ، ލަންކާ ހުއްޓުމަކަށް!

ލަންކާ ސަރަހައްދުގައި އުފެދިފަައިވާ "މޫސުމީ ޑިޕްރެޝަން" ނުވަތަ ބާރުގަދަ ކޮޅިގަނޑެއްގެ ސަބަބުން އެ ގައުމަށް މޫސުން އިންްތިހާއަށް ގޯސްވެ، ވައިގެ ދަތުރުތަކާއި ރޭލު ދަތުރުތަކަށް ބުރޫ އަރައިފި އެވެ.

ކޮލަމްބޯ ގެެޒެޓް ނޫހުން ބުނީ ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހެމުން ދާތީ ލަންކާގެ މެދު ތެރެއާއި އުތުރާއި ދެކުނުގައި ވެސް ސްކޫލުތައް ބަންދުކޮށްފައިވާ ކަމަށެވެ.

މޫސުން ގޯސް ވުމުގެ ސަބަބުން ކަޓުނަޔަކެ އެއާޕޯޓަށް ދަތުރު ކުރި ބައެއް މަތިންދާބޯޓްތައް ވަނީ މައްތަލަ އަށް ފޮނުވާލާފައެވެ. އޭގެ އިތުރުން ގަސްތަކެއް ވެއްޓުމުގެ ސަބަބުން ލަންކާގެ ކަރަންޓްގެ ނިޒާމަށް ގެއްލުންތަކެއްވެ، ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުވެސް ކެނޑިފައެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހު އިންޑިއާ ކަނޑުގައި ލަންކާއާ ކައިރި ހިސާބެއްގައި ހުރި ލޯ ޕްރެޝާ ޓްރަފް އިއްޔެ ވަނީ ޑިޕްރެޝަނަކަށް ބަދަލުވެފައެވެ. އެކޮޅިގަނޑުގެ ބާރު އަދިވެސް އިތުރަށް ގަދަވާނެ ކަމަށް ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގާތްގަނޑަކަށް 60-70 މޭލުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކޮޅިގަނޑުގެ ބާރު ގަދަވާ ވަގުތުތަކުގެ ގަޑިއަކު 70 މޭލާ 80 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ލަންކާގެ ދެކުނު ޕްރޮވިންސަށާއި މެދުތެރޭގެ ޕްރޮވިންސަށާއި އުވަ ޕްރޮވިންސް އަދި ހުޅަނގު ޕްރޮވިންސަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށާއި އެހެން ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.