ކުޅިވަރު

ބޫޓާންގެ ގްރާސްރޫޓް ފުޓްބޯޅައަށް އޭއެފްސީގެ އެވޯޑް

Nov 30, 2017

ގްރާސް ރޫޓް ފުޓްބޯޅަ ތަރައްގީ ކުރުމުގައި އުންމީދީ ގައުމެއްގެ އެވޯޑް އޭއެފްސީން ބޫޓަނަށް ދީފި އެވެ.

ތައިލެންޑްގައި ބޭއްވި އޭއެފްސީ އެވޯޑް ރަސްމިއްޔާތުގައި، ގްރާސް ރޫޓް ފުޓްބޯޅަ އެވޯޑްގައި ބޫޓާންގެ އިތުރުން ދެ ގައުމަކުން ވަނީ އެވޯޑް ހޯދާފަ އެވެ. އެގޮތުން މިދިޔަ އަހަރު ގްރާސް ރޫޓް ޑިވްލަޕްމެންޓްގައި ނަމޫނާ މަސައްކަތެއް ކޮށްފައި ވާތީ ޗައިނާއަށްވެސް ވަނީ އެވޯޑެއް ދީފަ އެވެ. އަދި ގްރާސް ރޫޓްގެ ކުރިއަރަމުން އަންން ގައުމުގެ އެވޯޑް ސިންގަޕޫރުން ވަނީ ހޯދާފަ އެވެ.

ބުޓާނަށް އެވޯޑް ލިބުނީ، ގްރާސްރޫޓް ތަރައްގީ ކުރުމުގައި ބޫޓާނުން ކުރާ މަސައްކަތާއި، އެގައުމުގެ ގްރާސް ރުޓް ފުޓްބޯޅައިން ފެންނަމުން އަންނަ ނަތީޖާ ތަކަށް ބިނާކޮށެވެ. އެވޯޑަށް ނޮމިނޭޓް ކުރުމުގައި ގްރާސް ރޫޓްގައި ބޫޓާންގެ ފުޓްބޯޅަ އެސޯސިއޭޝަން އެހެން ފަރާތްތަޢް ބައިވެރިކޮށްގެން ކުރާ މަސައްކަތާއި އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޕްރޮގްރާމްތަކާއި ކޯސްތައް ހިނގާގޮތް ބަލާނެ އެވެ. އަދި ހުނަރު ދެނެގަތުމަށް ކުރާ މަސައްކަތްވެސް ބަލާނެ އެވެ.

ބުޓާންގެ ފުޓްބޯޅަ އެސޮސިޢޭޝަނުން ވަނީ ގްރާސްރޫޓް ތަރައްގީ ކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ގްރާސްރުޓް އެކްސްޗޭންޖް ޕްރޮގްރާމުތަކަށް ސްކޫލްތައް ބައިވެރި ކުރުމާއި ބޫޓާންގެ އެހެން އެކެޑެމީތައް ގްރާސްރޫޓްގައި ވަނީ ބައިވެރި ކޮށްފަ އެވެ. އަދި ގްރާސްރޫޓް ފުޓްބޯޅައިގެ މުހިންމު ކަމުގެ މައްޗަށް އާންމުން ހޭލުންތެރި ކުރުމަށް ބޫޓާނުން ދަނީ ހަރަކާތްތައް ހިންގަމުން ނެވެ.

ރޭ ގެ އެވޯޑް ރަސްމިއްޔާތުގައި، އޭއެފްސީގެ މޮޅު ކުޅުންތެރިޔަކަށް ހޮވާފައި ވަނީ ސައުދީ އަރަބއްިޔާގެ އަލް ހިލާލް އެފްސީ އަށް ކުޅެމުން އަންނަ ސީރިޔާގެ އުމަރު މާހިރު ހަރުބިން އެވެ.