އުތުރުކޮރެއާއިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓަކީ ދުނިޔެ ހަނގުރާމައާ ކައިރިކުރުވާނެ ކަމެއް ކަަމަށް އެމެރިކާއިން ބުނެފިއެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން ބުދަދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާ ސަފީރު ނިކި ހާލޭ ވިދާޅުވީ އުތުރުކޮރެއާ ހަނގުރާމަ ކުރަން އެމެރިކާއިން އެއްވެސް އިރެއްގައި ނޫޅޭ ކަމަށެވެ.
" އުތުރުކޮރެއާގެ ޑިކްޓޭޓަރު އިއްޔެގައި ހިޔާރުކޮށްފައި އެވަނީ ދުނިޔެ ހަނގުރާމައާ ކައިރި ކުރުވާނެ ކަމެއް،" ހާލޭ ވިދާޅުވި ކަމަށް ސީއެންއެންގެ ހަބަރުގައި ވެއެވެ.
އޭނާ ވަނީ ހަނގުރާމައިގެ ހާލަތެއް އަތުވެއްޖެ ނަމަ އެމެރިކާއިން އުތުރުކޮރެއާ ސަރުކާރުން ފަނާކޮށްލާނެ ކަމަށް ވިދާޅުވެ އުތުރަށް އިންޒާރު ދެއްވާފައެވެ. އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ސަލާމަތީ މަޖިލީހުން ކާމިޔާބު ހޯދާ ވަރަކަށް އެގައުމުން ދަނީ މާ ބާރުގަދަ މިސައިލްތައް ޓެސްޓުކުރަމުން ކަމަށާއި ނިއުކްލިއަ ހަތިޔާރު އުފެއްދުމާ ދިމާލަށް ދަތުރުކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުތުރުކޮރެއާއިން އިއްޔެގައި ބުނީ އެގައުމުން މާ ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ހުރި މިސައިލެއް އިއްޔެގައި ޓެސްޓްކޮށްފައިވާ ކަމަށެވެ. އެމިސަލަކީ އެމެރިކާގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭނެ މިސައިލެއް ކަމަށް ވެސް ބުންޏެވެ.
އުތުރުން ބުނީ ފޮނުވައިލި މިސައިލް ޖައްވުގެ ތެރެއަށް 4500 ކިލޯމީޓަރަށް( 2800 މޭލަށް) އަރައިގެން ދިޔަ ކަމަށެވެ. އެއީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ( އައިއެސްއެސް) 10 ގުނަ އުސްމިނެކެވެ. އެ އުސްމިނަށް އެރުމަށް ފަހު 960 ކިލޯމީޓަރު( 600) މޭލު ދުރަށް މިސައިލް ދަތުރުކުރި ކަމަށް ވެސް ބުންޏެވެ.
އުތުރުކޮރެއާގެ މި ފަހަރުގެ ޓެސްޓާ ބެހޭ ގޮތުން އެމެރިކާ، ޖަޕާނު އަދި ދެކުނު ކޮރެއާ ސަރުކާރުން ބުނެފައި ވަނީ އެއީ އައިސީބީއެމް އަކަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް އެއީ އެމެރިކާއާއި އެގައުމުގެ ބައިވެރިންނަަށް ހުރި ނުރައްކަލެއް ނޫން ކަމަށެވެ.
އުތުރުކޮރެއާގެ މިސައިލްޓެސްޓާ ގުޅިގެންް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ ޖަޕާނާއި ދެކުނު ކޮރެއާގެ ވެރިނަންނަށް ގުޅުއްވައިގެން ވާހަކަ ދައްކަވާފައެވެ. އުތުރުން ކުރިމަތިކުރާ ނުރައްކަލާ އެ ތިން ގައުމު އެކުވެގެން ކުރިމަތިލާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ އަލުން ދެއްވާފައެވެ. އަދި އެއަށް ފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެއީ ހަަމަ ޖެއްސޭނެ ހާލަތެއް ކަމަށެވެ.
އުތުރުކޮރެއާއިން މިސައިލެއް ޓެސްޓްކޮށްފައި މިވަނީ އެމެެރިކާއިން ގެންގުޅޭ ޓެރަރިޒަމަށް ވާގިދޭ ގައުމުތަކުގެ ލިސްޓުގައި އެގަުއުމުގެ ނަން ހިމަނައި ދަތިރުކުރުމުގެ އިތުރު ފިޔަވަޅުތައް އެޅިތާ ކުޑަ ދުވަސްކޮޅެއްް ފަހުންނެވެ.