ދުނިޔެ

ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެެ، މަލިކާ ދިމާލަށް

އިންޑިއާ ކަނޑުގައި ރާއްޖެއާ ސްރީލަންކާއާ ކައިރި ހިސާބެއްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ އެ ތޫފާނަށް " ގޯޚީ"ގެ ނަން ދީފައިވާ ކަމަށާއި ތޫފާން އިތުރަށް ވަރުގަދަ ވަމުން ދާއިރު މިހާރު މިސްރާބު ހުރީ ލަކްޝަދްވީޕްއާ ދިމާލަށް ކަމަށެވެ.

ލަކްޝަދްވީޕް އާކިޕެލަގޯގައިވާ މައި ރަށް ތަކަކީ މަލިކާއި ކަރަވައްޓީއާއި އަގައްޓީއާއި އަމީނީއެވެ.

ތޫފާން މިހާރު ހުރީ މަލިކުގެ އިރު ދެކުނުން 700 ކިލޯމީޓަރު ދުރުގައެވެ.

ލަކްޝަދްވީޕަށް މިއީ އާ ކަމެއް

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ އާކިޕެލަގޯއެއް ކަމަށްވާ ލަކްޝަދްވީޕްގެ މައި ރަށް ތަކަކީ ކަރަވައްޓީ، އަގައްޓީ، މިނިކޯއީ( މަލިކު) އަދިި އަމީނީއެވެ. އެ އާކިޕެލަގޯ އޮންނަނީ އިންޑިއާގެ ދެކުނުގައިިވާ ކެެރެލާ ސްޓޭޓުގެ އައްސޭރިން ފެށިގެން 400 ކިލޯމީޓަރު ދުރުން ހުޅަނގުގައެވެ.
އެތަނުގައިވާ ހަމަ އެކަނި އެއާޕޯޓު އޮންނަނީ އަގައްޓީގައެވެ.

ތޫފާނުގެ އަސަރު އިންޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެންމެ ދެކުނުގައިވާ ކަންޔާ ކުމާރީއާއި ނާގަރްކޮއިލް އަށް މިއަދު ހެނދުުނުން ފެށިގެން ގަދަވަޔާއި އެކު ބޯކޮށް ވާރޭ ވެހެމުންދާ ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ. އެއަށއް ވުރެ އުތުރުން ކަރްނަޓާކާ ސްޓޭޓުގެ ބެންގަލޫރަށް ވެސް މިހާރު ވަނީ ތޫފާނުގެ އަސަރުތަައް ފެންނަން ފަށާފައެވެ.

ތޫފާނަށް ބަދަލުވުމުގެ ކުރިން ކޮޅިގަނޑުގައި އަވަށްޓެރި ސްރީލަންކާއިން ވަނީ ތިން މީހުން މަރުވެ، ބޮޑެތި ގެއްލުންތައް ލިބިފައެވެ. ލަންކާގެ ބައެއް ސަރަހައްދުތަކުން އަދިވެސް އޮތީ ކަރަންޓު ކެނޑިފައެވެ.