ދުނިޔެ

ތޫފާނުގައި ޓްރިވެންޑްރަމުން 71 މަސްވެރިން ގެއްލިއްޖެ

ދެކުނު އޭޝިއާ ސަރަހައްދުގައި މިހާރު ހުރި ތޫފާން އޯޗީގެ ވިއްސާރައިގައި ޖެހިގެން އިންްޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓުގެ ވެރިރަށް ތިރުވަނަންތަޕޫރަޕް (ޓްރިވެންޑްރަމް)އިން 71 މަސްވެރިން ގެއްލިއްޖެއެވެ.

ކެރެލާގެ މަތުރުބޫމި ނޫހުން ބުނީ ވީނުވީއެއް ނޭނގި ގެއްލުނު މަސްވެރިންގެ އިތުރުން ވެސް 100 އަށް ވުރެ ގިނަ މީހުން ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ ކަމަށެވެ.

ކެރެލާ ސްޓޭޓުގެ ސަރަހައްދީ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދި އެނޫހުން ބުނީ ތޫފާނުގައި މުވާސަލާމަތީ ހިދުމަތްތަކުގެ ބައެއް ތަކެއްޗަށް ގެއްލުން ވެފައިވާތީ މަސްވެރިންނާ ގުޅުން ކެނޑިފައިވާ ކަމަށެވެ. އެނބުރި އާދެވުނު މަސްވެރިން ބުނީ މަސްވެރި ގިނަ އުޅަނދުތައް ވަނީ ބަންޑުން ޖަހާލާފައި ކަމަށާއި މަސްވެރިން ތިބީ އުޅަނދުތަކުގެ ބަނޑުފިލާ މަތީގައި ކަމަށެވެ.

ތޫފާން އޯކީގެ ސަބަބުން ކެރެލާ އާއި ޓެމިލްނާޑޫއިން މިހައިތަނަށް 10 އަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ތޫފާން މިހާރު ކެރެލާގެ އައްސޭރިއާ ދުރަށް ޖެހެމުންދާކަމަށާއި މިހާރު ހުރީ 200 ކިލޯމީޓަރު ދުރުގައި ކަމަށެވެ. ތޫފާން މިހާރު ހުރީ މަލިކާއި 100 ކިލޯމީޓަރު ދުރުގައެވެ.

ތޫފާނުގެ އަސަރު ރާއްޖެއަށް ވެސް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ބަައެއް ރަށްތަކުގައި ފެން ބޮޑުވެފައިވާ އިރު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވެސް ވަނީ ހިނގާފައެވެ.