މިއަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕް މުބާރާތުގެ ގުރު ނަގައިފިއެވެ. އަށް ގްރޫޕަކަށް ގައުމުތަށް ބާހާލެވިފައިވާ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ބައެއްގެ ކަޅި ހުއްޓިފައިވަނީ ގްރޫޕް ބީ އަށެވެ. 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ގްރޫޕްގެ ފުރަތަމަ މެޗުގައި ނިކުންނާނީ 2016 ވަނަ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް އާއި ދެކޮޅަށެވެ.
މިއަންނަ އަހަރުގެ މުބާރާތް ހުޅުވައިދޭ މެޗުގައި މުބާރާތް ބާއްވާ ގައުމު ރަޝިޔާ ނިކުންނާނީ ސައުދީ އާއި ދެކޮޅަށެވެ. ގްރޫޕް އޭގައި މިދެ ގައުމުގެ އިތުރަށް ދެން އޮތީ މިސްރު އަދި އުރުގުއޭ އެވެ.
ގްރޫޕް ބީގައި ސްޕެއިން އާއި ޕޯޗުގަލްގެ އިތުރުން އޮތީ މޮރޮކޯ އަދި އިރާން އެވެ.
ގްރޫޕް ސީގައި ފްރާންސް އާއި އެކު އޮތް ތިން ގައުމަކީވެސް މުބާރާތަށް ޕްލޭއޮފް ކާމިޔާބުކޮށްގެން ކޮލިފައިވި ތިން ގައުމެވެ. ޑެންމާކް ޕްލޭއޮފްގައި ރިޕަބްލިކް އޮފް އަޔަލެންޑް ބަލިކުރިއިރު އޮސްޓްރޭލިއާ މުބާރާތުގެ ޖާގައެއް ޔަގީން ކުރީ ހޮންޑިއުރަސް ބަލިކޮށްގެންނެވެ. ޕެރޫ ޕްލޭއޮފްގައި ވަނީ ނިއު ޒިލެންޑް ބަލިކޮށްފައެވެ.
ގްރޫޕް ޑީގައި އާޖެންޓީނާ ގޮވައިގެން މެސީ ނިކުންނަނީ އެފްރިކާގެ ގަދަ ބާރު ނައިޖީރިއާގެ އިރުތުން ކްރޮއޭޝިއާ އަދި 2016 ވަނަ އަހަރު ޔޫރޯގައި ޔޫރަޕް ސިއްސުވާލި އައިސްލެންޑާއި ދެކޮޅަށެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް ލައްވާލީ ފަސޭހަ ގްރޫޕެއްގަ އެވެ. ސްވިޒަލޭންޑް އަދި ސާބިއާގެ އިތުރުން މިގްރޫޕުގައި ދެން ހިމެނެނީ ކޮސްޓަރީކާ އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން އާއެކު ގްރޫޕް އެފްގައި އޮތީ މެކްސިކޯ، ސްވިޑަން އަދި ކޮރިއާ އެވެ.
ގްރޫޕް ޖީގައި އިންގިރޭސިން ލައްވާލީ ބެލްޖިއަމްގެ އިތުރުން އަލަށް މުބާރާތަށް ކޮލިފައިވި ޕަނަމާ އަދި ތޫނިސް އާ އެވެ.
ގްރޫޕް އެޗްގައި ޕޮލެންޑް އާއެކު އޮތީ ސެނެގާލް، ކޮލޮމްބިއާ އަދި ޖަޕާން އެވެ.