ދުނިޔެ

ތޫފާނުގައި މަލިކަށް ބޮޑެތި ގެއްލުންތައް ވެއްޖެ، މީހަކު މަރެއް ނުވޭ

އިންޑިއާ ކަނޑުގައި ހުރި ތޫފާން އޯޗީ އެރުމުގެ ސަބަބުން މަލިކަށް ބޮޑެތި ގެއްލުންްތައް ވެއްޖެއެވެ.

މަލިކަކީ ދިވެހި ބަހުން ވާހަކަ ދައްކާ މުސްލިމުންގެ އާބާދީއެއް އޮންނަ، އިންޑިއާގެ ބާރުގެދަށުގައިވާ ރަށެކެެވެ.

އިންޑިއާ ޕާލަމެންޓުގައ މަލިކު ތަމްސީލުކުރައްވާ މެމްބަރު ޕީޕީ މުހައްމަދު ފައިޒަލްއާ ހަވާލާދީ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ މަލިކަށް އިއްޔެގައި ތޫފާން އެރުމުގެ ސަބަބުން ގިނަ ގެތަކެއްްގެ ފުރާޅު އެއްލާގައި އޮޑިފަހަރު ފެތި ހަލާކުވެފައިވާ ކަމަށެވެ. އަދި ބުނީ ރާޅުން ރައްކާތެރި ކުރުމަށް އެރަށުގައި ޖަހާފައިވާ ތޮށިގަނޑަކާއި ހެލިޕެޑެއް ގިރާލައިގެން ގޮސްފައިވާ ކަމަށެވެ.

ފަައިޒަލް ވިދާޅުވެފައިވަނީ ތޫފާނުގައި ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް މިހައިތަނަށް އެކަމުގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށެވެ. އަދި ބުނީ ތޫފާނުގައި މަލިކަށާއި ލަކްޝަދްވީޕްގެ އެހެން ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަން ކުރުމަށް ޓީމެއް ފޮނުއްވައި ދެއްވާނެ ކަަމަށް އިންޑިއާގެ ހޯމް މިނިސްޓަރު ރާޖްނާތު ވިދާޅުވި ކަަމަށެވެ.

ތޫފާނުގައި މަލިކަށް އިއްޔެ ވަނީ ގަޑިއަކު 68 އަށް މޭލަށް ވައި ޖެހިފައެވެ. ތޫފާން މިހާރު ހުރީ މަލިކުގެ އިރު އުތުރުން 80 ކިލޯމީޓަރު ދުރުގައެވެ.

ތޫފާން އެރުމުގެ ސަބަބުން އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓާއި ޓެމިލްނާޑޫ ސްޓޭޓުން 12 މީހުން މަރުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ.