ދުނިޔެ

ސައުދީން އިޒްރޭލަކާ ދެކޮޅެއް ނޫން؟

ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އުފައްދާފައިވާ އިޒްރޭލާ ދެކޮޅު ސިޔާސަތެއް ސައުދީ އަރަބިއްޔާއިން ނުގެންގުޅޭކަން ދޭހަވާ ފަދަ މޭރުމަކުން އެ ގައުމުގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވާހަކަފުޅު ދައްކަވައިފި އެވެ.

އިޓަލީގައި އޮތް ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޖުބައިރު އިއްޔެ ވިދާޅުވީ ސައުދީން އިޒްރޭލާ ގުޅުން ގާއިމް ނުކޮށް އޮތީ ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ އެއްބަސްވުމެއްގެ އިންތިޒާރުގައި ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ސައުދީއާ ގުޅުން ގޯސްކޮށް އޮތީ އެންމެ ދެގައުމާ ކަމަށާއި އެއީ އީރާނާއި އުތުރު ކޮރެއާ ކަމަށެވެ.

އަލް ޖުބައިރު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލުވާނީ ކިހިނެތްކަން އެންމެނަށް ވެސް އިނގޭނެ ކަމަށާއި އެކަަމަށް އެމެރިކާއިން ހުށަހަޅާ އާ ހުށަހެޅުމެއްގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ.

" އެތައް އަހަރެއްވީ އެމައްސަލައަށް އޮތް ހައްލަކީ ކޮބައިކަން އެންމެނަށް ވެސް އިނގޭ. އެއީ ރޮކެޓް ސައިންސެއް ނޫން،" ޖުބައިރު ވިދާޅުވި ކަމަށް އަރަބް ނިއުސްގެ ހަބަރުގައި ވެއެވެ.

ސައުދީ ފޮރިން މިނިސްޓަރު މިމޭރުމުން ވާހަކަ ދެއްކެވުމުގެ ކުރިން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ކުރީގެ ސެކިއުރިޓީ އެޑްވައިޒަރު ޔަކޯވް ނަގެލް ވިދާޅުވެފައި ވަނީ ސުލްހައިގެ އެއްބަސްވުމެއްގެ ގޮތުގައި ކޮންމެ ފަދަ އެެއްބަސްވުމެއްގައި ފަލަސްތީނު މީހުންނާ އެކު ސޮއިކުރި ނަމަވެސް އިޒްރޭލާ ގުޅުން ގާއިމް ކުރަން ސައުދީން ތައްޔާެރަށް އޮތް ކަމަށެވެ. އެގޮތުން ސޮއިކުރާ އެއްބަސްވުމަކީ ފަލަސްތީނު މީހުންނަށް ކިތަންމެ ގެއްލުން ބޮޑު އެއްބަސްވުމަކަށް ވިޔަސް ސައުދީން އަޅައި ނުލާނެ ކަމަށް ވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ދަ ޓެލެގްރާފް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަގޭލް ވިދާޅުވެފައި ވެެއެވެ.

" އެމީހުން ހަމަ ބުނަން ޖެހެނީ އިޒްރޭލާ ފަލަސްތީނު މީހުންނާ ދެމެދު އެއްބަސްވުމެއް އެބަ އޮތޭ. އެއްބަސްވުމުގައި އޮތީ ކޮންކަމެއްތޯ ބަލައި އެކަމަކަށް އެމީހުން ފަަރުވާލެއް ނުބަހައްޓާނެ. ދެން އޮތް ފިޔަވަޅަށް ދިއުމަށް އެމީހުން ބުނަން ބޭނުންވަނީ އެއްބަސްވުމެއް އެބަ އޮތޭ،" ނަގޭލް ވިދާޅުވި ކަމަށް ޓެލެގްރާފްގެ ރިޕޯޓްގައި ވެއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް އެގައުމުގެ ވަލީ އަހުދުކަން ލިބިވަޑައިގެންނެވުމާ އެކު ، ސައުދީއާ އިޒްރޭލާ ދެމެދު ގުޅުން ގާއިމްކުރަން އުޅޭ ކަމުގެ ވާހަތައް އަރަބި މީޑިއާތަކުން ދައްކަން ފެށިއެވެ. އެވާހަކަތައް އެންމެ ބޮޑަށް ދެކެވުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އިޒްރޭލަށް ސިއްރު ދަތުރުފުޅެއް ކުރެއްވުމަށް ފަހު ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސައުދީއަށް އެފަދަ ދަތުރުފުޅެއް ކުރެއްވުމުންނެވެ.

ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރުކަމާއި ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމުވެސް އޮންނަ މުހައްމަދު ވަނީ އެގައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އަދި އޭނާގެ ވާދަވެރިންނާ ދެކޮޅަށް މިހާރު ގެންދަވަނީ ވަރުގަދަ ކެމްޕޭނެއް ހިންގަވަމުންނެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ޝާހީ ހާންދާނުގެ އެތައް ބޭފުޅުންނެއް ވަނީ ހައްޔަރުވެސް ކޮށްފައެވެ.