ހަބަރު

ހުޅުމާލެ ހިއްކާ ސަރަހައްދުގެ ލޮނުގަނޑު ކުނިވެއްޖެ، ހިއްކަން ފަށަނީ އަންނަ މަހު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށް ހިއްކަން ފަށާނީ އަންނަ މަހު ކަމަށް ހުޅުމާލެ، ތަރައްގީ ކުރާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނި އިރު، އެ ރަށް ހިއްކުމަށް ވެލި އަޅައި ބަންދު ކޮށްފައި ހުރި މޫދު ސަރަހައްދުގެ ފެންގަނޑު ކުނިވެ ރަށުތެރެއަށް ނުބައިވަސް ދުވަން ފަށައިފި އެވެ.

ކްލަބްފަރާއި ހުޅުމާލެއާ ދެމެދު އޮންނަ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ވެލި އަޅައި އޮޔެ ނުދެމޭ ގޮތަށް ބަންދުކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުން ގިނަ މަސްތައް މަރުވެ މޫދު ލޮނުގަނޑު ވަނީ ތަގައްޔަރުވެފަ އެވެ. އެ ވަސް ރަށުތެރެއަށް ދުވާތީ އާންމުން އަންނަނީ އެޗްޑީސީއަށް ޝަކުވާ ވެސް ހުށަހަޅަމުންނެވެ.

"މީގެ ކުރިން ވެސް އެ ސަރަހައްދަށް ދިޔައިމާ ވަރަށް ކުނި ވަސްދުވާ. އެކަމަކު މި ދެދުވަހަކު ވަރަށް އާދަޔާ ހިލާފަށް ބޮޑަށް މުޅި ރަށުތެރެއަށް އެ ވަސް އޮތީ ފަތުރިފައި،" ޕްލެޓިނަމް ރެސިޑެންސްގައި އުޅޭ މީހަކު ބުންޏެވެ.

އެ ޝަކުވާތަކާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހެއިލް އަހުމަދު ވިދާޅުވީ އެ ސަރަހައްދުގެ ލޮނުގަނޑު ކުނިވީ އޮޔެ ނުދެމޭ ގޮތަށް ފަސް ފުންޏެއް ޖަހައި ބަންދުކޮށްފައި ހުރުމުން ކަމަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރީ އެންމެ ފުރަތަމަ ހިއްކަން ފަށާނީ އެ ސަރަހައްދަށް ވާތީ ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ. އެހެން ނަމަވެސް މޫދުގެ ލޮނުގަނޑު ކުނިވުމުގެ މައްސަލަ ދިމާވުމާ ގުޅިގެން އެ ސަރަހައްދުން އޮޔެ ދެމޭނެ ގޮތް ހެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

"އެ ސަރަަހައްދުން އޮޔެދެމޭ ކަހަލަ ގޮތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން މި އަންނަނީ. އޭރުން މި މައްސަލައަށް ހައްލެއް ލިބޭނެ،" ސުހެއިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަނީ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތަށް ސަރުކާރުން 30 މިލިއަން ޑޮލަރު ހަރަދު ކުރާނެ އެވެ.

ސުހެއިލް ވިދާޅުވީ އެ މަސައްކަތް ފެށުމަށް ޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ. އެގޮތުން ބިން ހިއްކާނެ ސަރަހައްދުތަކުގެ މަގުތައް ކަނޑައެޅުމާއި ބިން ހިއްކުމަށް ބޭނުންވާ އެހެން ވެސް ސާމާނު މިހާރު ގެނެސް ޖަމާކޮށްފައިވާ ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންނަ ބޯޓު އައިސް މަސައްކަތް ފަށައި ގަންނާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގަ އެވެ. އަދި ހުޅުމާލެ ހިއްކުމަށް ވެލި ނަގަނީ ގުޅީފަޅު ކައިރިންނާއި ހުޅުމާލެ ކައިރީގެ ދެ ސަރަހައްދަކުން ކަމަށެވެ.

"މިހާރު ހުރިހާ ތައްޔާރީތަކެއް ގާތްގަނޑަކަށް އެ ހުރީ ނިމިފައި. ދެން ކޮން ބޯޓު އައިސް ހިއްކަން ފަށަން ވީ،" ސުހެއިލް ވިދާޅުވި އެވެ.

ބިން ހިއްކުމުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ އިރު ހުޅުމާލެއަށް އިތުރު 240 ހެކްޓަރުގެ ބިން އިތުރު ކުރާނެ އެވެ. އޭރުން ހުޅުމާލެ އަކީ 428 ހެކްޓަރުގެ ބޮޑު ރަށަކަށް ވާނެ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގައި 100،000 މީހުންގެ އާބާދީއެއް ވަޒަންވެރި ކުރުވުމަށް ސަރުކާރުން ވަނީ ރާވައިފަ އެވެ.