ދުނިޔެ

ތޫފާނުގައި ލަންކާއިން 13 މީހުން މަރުވި، 694 ގެ ހަލާކުވި

ތޫފާން އޯޗީގެ ސަބަބުން އަށްޓެރި ސްރީލަންކާއަށް ކުރި ވިއްސާރައިގައި އިއްޔެއާ ހަމައަށް 13 މީހުން މަރުވެ، 600 އަށް ވުރެ ގިނަ ގެ ، ދިރިނޫޅެވޭ ވަރަށް ހަލާކުވެއްޖެއެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާ ހަވާލާދީ ސަންޑޭ ޓައިމްސް ނޫހުން ބުނީ ބުދަދުވަހުން ފެށިގެންް އިއްޔެއާ ހަމައަށް ކުރި ވިއްސާރައިގައި 13 މީހުން މަރުވެ، 60 މީހުން ޒަހަމްވެފައިވާއިރު ލައްކައަކަށް ވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން އަސަރު ކުރި ކަމަށެވެ. އަދި ބުނީ 25811 ގެއަކަށް ގެއްލުންތައް ލިބި 694 ގެ މުޅިން ހަލާކުވި ކަމަށެވެ.

ލަންކާ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފައި ވަނީ ތޫފާނުގެ ސަބަބުން ގެދޮރުދޫކޮށް ދާން ޖެހުނީ 5435 މީހަކަށް ކަމަށާއި އެމީހުން މިހާރު ބައިތިއްބާފައި ތިބީ ރައްކާތެރި 66 ތަނެއްގައި ކަަމަށެވެ.

ލަންކާއަށް ކުރި ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގަައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އަދިވެސް ހިނގާފާނެ ކަމުގެ އިންޒާރު އެގައުމުގެ ނެޝަނަލް ބިލްޑިން ރިސާޗް އޯގަނައިޒޭޝަނުން ވަނީ ދީފައެވެ. އެފަދަ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރު ދީފައިވާ ސަރަހައްދު ތަކަކީ ބަޑުއްލާ، ރަތުނަޕޫރާ، ގޯލް އަދި މަތާރާއެވެ.

ތޫފާނުގެ ސަބަބުން ލަންކާގެ ބައެއް ސަރަހައްދުތަކުން ކަރަންޓްވެސް ވަނީ ކެނޑިފައެވެ. ކަރަންޓް ވިއުގައިގައި ގެއްލުންތައް ލިބިފައިވާ ބައިތައް މަރާމާތުކޮށް އަލުން ކަރަންޓް ދިނުމަށް އެގައުމުގެ ކަމާ ބެހޭ ފަަރާތްތަކުން އަންނަނީ 24 ގަޑި އިރު މަސައްކަތް ކުރަމުންނެވެ.

އަވަށްޓެރި ސްރީލަންކާގައި 15000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ.