ކުޅިވަރު

ޑެހެއާއަށް ޕްރިމިއާ ލީގްގެ ރެކޯޑެއް

Dec 3, 2017

އެއް މެޗެއްގައި އެންމެ ގިނަ ސޭވް ކުރި ކީޕަރުގެ ރެކޯޑް މެންޗެސްޓާ ޔުނައިޓަޑްގެ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ ގާއިމު ކޮށްފި އެވެ.

ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި، ޔުނައިޓަޑަށް ލީޑްގައި ހިފަހައްޓާ ލެވުނީ، އާސެނަލްއިން ފޮނުވާލި ނުރައްކާތެރި ގިނަ ބޯޅަތަކެއް ޑެހެއާ ސަލާމަތް ކުރުމުންނެވެ. ރެޑް ޑެވިލްސްގެ ނަމުގައި މަޝްހޫރު ވެފައިވާ ޔުނައިޓަޑް ރޭގެ މެޗުން މޮޅުވީ 3-1 ންނެވެ.

ކުޅިވަރުގެ ޑޭޓާ ބަލަހައްޓާ ކުންފުންޏެއް ކަމަށްވާ އޮޕްޓާގެ ހިސާބުތައް ދައްކާގޮތުން ޑެހެއާ ވަނީ ރޭގެ މެޗުގައި 14 ސޭވް ކޮށްފަ އެވެ. މިއީ އެހެން ކީޕަރަކާ އެއް އަދަދަކަށް ޑެހެއާ ކުރި ސޭވްތަކެއް ކަމަށް، އޮޕްޓާގައި ބުނެފައި ވެއެވެ.

ޕްރިމިއާ ލީގްގައި މީގެ ކުރިން އެއް މެޗެއްގައި އެންމެ ގިނަ ސޭވް ކުރުމުގެ ރެކޯޑް އޮންނަނީ ޓިމް ކޫރަލް އަތުގައެވެ. އޭނާ ވަނީ ޓޮޓެންހަމްއާ ދެކޮޅަށް ނޮވެމްބަރު 2013 ގައި 14 ސޭވް ކޮށްފަ އެވެ. އާސެނަލްގެ ކުރީގެ ކީޕަރު ވީޓޯ މަންނޯނޭ ވެސް ވަނީ އޭޕްރީލް 2014 ގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ގިނަ ސޭވްތަކެއް ކޮށްފަ އެވެ.

ޔުނައިޓަޑްގެ ލަނޑުތައް ކާމިޔާބު ކުރީ އެންޓޯނިއޯ ވެލެންސިއާ އާއި ޖެސީ ލިންގާޑް އެވެ. އާސެނަލްގެ ލަނޑު ކާމިޔާބު ކުރީ އެލެކްސެންޑާ ލެކެޒެޓް އެވެ. ރޭގެ މެޗުގައި ޔުނައިޓަޑްގެ ޕައުލް ޕޮގްބާ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. ލީގްގައި ޔުނައިޓަޑަށް ކުރިއަށް ދެން އޮތީ، ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގައި ޕޮގްބާ އަށް ނުކުޅެވޭނެ އެވެ.