ކުޅިވަރު

ރެލިގޭޝަނުގައި އޮތް ޓީމު އަތުން ޕީއެސްޖީ ބަލިވެއްޖެ

Dec 3, 2017

ފްރާންސް ލީގް ނުވަތަ ލީގް އެކެއްގެ ރެލިގޭޝަން ޒޯންގައި އޮތް ސްޓްރަސްބޯގް އަތުން ޕީއެސްޖީއަށް ސީޒަންގެ ފުރަތަމަ ބަލި ކުރިމަތި ވެއްޖެ އެވެ. ސްޓަރަސްބާގްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 ންނެވެ.

ރޭ ގެ މެޗުގައި ޕީއެސްޖީގެ ލަނޑު ކާމިޔާބު ކުރީ، މި ސީޒަނަށް، އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގެނައި، ކިލިޔަން އެމްބަޕޭ އެވެ. ނަމަވެސް މެޗުގައި، ފުރަތަމަ ލީޑް ނެގީ ސްޓްރަސްބޯގުންނެވެ. އެ ޓީމުގެ ލަނޑު 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނޫނޯ ޑަ ކޯސްޓާ އެވެ.

އެމްބަޕޭ ވަނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ސްޓްރަސްބޯގް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ ސްޓެއިފޭން ބަހޯކޯން އެވެ.

މޮޅާއެކު، ސްޓްރަސްބޯގް އިން ވެސް ވަނީ ރެލިގޭޝަން ޒޯން ފަހަނައަޅައި ކުރިއަށް ޖެހިލާފަ އެވެ. އެ ޓީމު މިހާރު މިއޮތީ 18 ޕޮއިންޓާއެކު 16 ވަނައިގަ އެވެ. ޕީއެސްޖީ ބަލިވިޔަސް، އެޓީމު އަތުގައި ނުވަ ޕޮއިންޓްގެ ލީޑެއް އެބައޮތެވެ. އެ ޓީމުގެ ފަހަތުން ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މޮނަކޯ އެވެ.