މިދިޔަ ހަފުތާގައި މަލަގާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމަށްފަހު، ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ކަނޑައެޅީ ކުރިއަށް އޮތް ހަ މެޗުން ޖެހިޖެހިގެން މޮޅުވުމަށެވެ. ރޭ އެތުލެޓިކް ބިލްބާއޯ އަތުން އެއްވަރުވެ ޒިދާންގެ ޓާގެޓަށް ހުރަސް އެޅުނީ އެވެ.
ސީޒަން ހުޅުވައި، ލީގަށް ކުރިމަތިލި ފަހުން ރެއާލް އަށް ބޮޑެތި މައްސަލަތަކެއް ދިމާވި އެވެ. ރޭގެ މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް ބާސެލޯނާ އާ ހަ ޕޮއިންޓަށް ފަރަގު ކުޑަ ކުރެވުނީ ހެވެ. މިހާރު ބާސާއާ ރެއާލްއާ ދެމެދު އަށް ޕޮއިންޓް އެބައޮތެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން، ޒިދާން ބުނީ ރެއާލްގެ މައްސަލައަކީ އެކަށީގެންވާ ވަރަށް ލަނޑު ނުޖެހުން ކަމަށެވެ.
"ރެއާލް މެޑްރިޑް މިއޮތީ ބާސެލޯނާއަށް ވުރެ އަށް ޕޮއިންޓް ފަހަތުގައި، ސަބަބަކީ އަހަރެމެންނަށް ފުދޭ ވަރަށް ލަނޑު ނުޖެހުން،" ޒިދާން ބުންޏެވެ. "މިދިޔަ ސީޒަނާ ބަލާފައި ނަތީޖާ އަންނަނީ ބަދަލު ވަމުން، މިއަދު [ރޭ] ގެ މެޗުން އަހަންނަށް ފެނުނީ އަހަރެމެންނަށް މިދިޔަ އަހަރާ ބަލާއިރު ތަފާތު ކޮށް ނުކުޅެވުނު ތަން، މިދިޔަ އަހަރުގައި އަހަރެމެން ހުންނާނެ މެޗު ތަކުން އެންމެ ފަހު ވަގުތު މޮޅުވެފައި، ނަމަވެސް މި ސީޒަންގައި އެކަމެއް ނުވޭ."
"ކުޅުންތެރިންނާ މެދު އަހަރެން ކަންބޮޑެއް ނުވޭ، ނަމަވެސް ކުޅުންތެރިންނާ މެދު އަހަރެން ދެރަވޭ، އަހަރެންގެ ވަޒީފާ އަކީ ޕޮސެޓިވް ކުޅުމެއް ކުޅުވުން އެގޮތަށް ކުޅެގެން ގޯލްތައް އަދި ފެންނާނެ."
ޓްރާންސްފާގައި ތަޖުރިބާ މަދު ޒުވާން ކުޅުންތެރިން
މިދިޔަ އަހަރު، މުހިންމު މެޗުތަކުގެ ފަހު ކޮޅުގައި ރެއާލް މޮޅުވުމުގެ ސަބަބު ގުޅިފައި ވަނީ ބެންޗުން އަރާ ކުޅުންތެރިންގެ މައްޗަށެވެ. ބަދަލުގައި ނެރެންވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ތިބީމަ އެވެ. އެ ކުޅުންތެރިންނަކީ ނަތީޖާ ބަދަލު ކޮށްލެވޭ ކުޅުންތެރިންނަށް ވުމެވެ. މިދިޔަ ސީޒަންގައި، ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރަންތިބީ، ޗެލްސީގެ މިހާރުގެ ފޯވަޑް އަލްވާރޯ މޮރާޓާ އާއި ބަޔާން މިޔުނިކްގެ ހަމޭސް ރޮޑްރިގޭޒް އާއި ތުރުކީގެ ބެސްކިޓަސްގެ ޑިފެންޑަރު ޕެޕޭ އެވެ. އަދި ފްރާންސްގެ ލިޔޯން އަށް ކުޅެމުންދާ މަރިއާނޯ ޑިއަޒްވެސް ހިމެނެއެވެ.
މިއަހަރުގެ ސީޒަނާ، ރެއާލް ކުރިމަތިލީ، އެ ކުޅުންތެރިން ދޫކޮށް ލުމަށް ފަހު އާ ކުޅުންތެރިން ހޯދައިގެންނެވެ. ހޫނު މޫސުމުގެ ޓްރާންސްފާގައި، ޒިދާން ގެނައީ، މުޅިންވެސް ޒުވާން ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ތެރޭގައި 23 އަހަރުން މަތީގެ އެއްވެސް ކުޅުންތެރިޔެއް ނެތެވެ. އެހެންވެ، ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ތިބުމުން ބޮޑެތި މެޗުތަކުގައި ނަތީޖާ އަނބުރާލުން ރެއާލްއަށް ވަނީ ދަތި ކަމަކަށެވެ.
އަނިޔާގެ މައްސަލަ
ސީޒަން ފެށީވެސް، އަނިޔާގެ ލިސްޓަކާއެކު އެވެ. އަނިޔާގައި އެންމެ ގިނަ ދުވަހު ހޭދަ ކުރީ ރެކޯޑް އަގެއްގައި، ގެނައި ވޭލްސްގެ ގެރެތު ބޭލް އެވެ. ގަތްގަނޑަކަށް 65 ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، ބޭލް އެންމެ ފަހުން މެޗެއް ކުޅުނީ، މިދިޔަ ހަފުތާ މެދުތެރޭގައި، ސްޕެނިޝް ކަޕްގެ ދެ ވަނަ ލެގްގައި، ފްއެންލަބަރާޑާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެއީވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އެ މެޗަށް ފަހު އަނެއްކާވެސް ބޭލް އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތި ވެގެން އޭނާ އަށް ޖެހުނީ ޓީމުގެ ޕްރެކްޓިހާ އެކަހެރިވާށެވެ. އެތުލެޓިކް ކުލަބު (ބިލްބާއޯ) އާ ދެކޮޅަށް، ރޭ ކުޅުނު މެޗަށް ޓީމު ތައްޔާރުވުމަށް ކުރި ޕްރެކްޓިސް ޝެޝަންތަކުގައިވެސް ބޭލް އަށް ބައިވެރި ނުވެވުނެވެ.
ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ކުޅުމެއް ދައްކާ އެއް ކުޅުންތެރިޔަކި 21 އަހަރުގެ ވިންގާ މާކޯ އެސެންސިއޯ އެވެ. އޭނާ ވެސް މިހާރު ހުރީ އަނިޔާއެއްގަ އެވެ. ޑިފެންޑަރު މާސެލޯވެސް މުޅިން ފިޓްވިތާ އަދި މިވީ ދެ ހަފުތާ އެވެ. ގޯލްކީޕަރު ކޭލޯ ނާވަސް އާއި މިޑްފީލްޑަރު މަޓާއޯ ކޮވަސިޗް އަނިޔާއިން ރަނގަޅުވެގެން އައިސް އަދި ކުޅެވުނީ އެންމެ ދެ މެޗެވެ.
ދެން ހައްލަކީ ކޮބައިތަ؟
ލީގް ތާވަލުގައި، ރެއާލް މެޑްރިޑަށް ވުރެ ކުރީގައި ތިން ޓީމު އެބައޮތެވެ. ލަނޑު ނުޖުހުމުގެ މައްސަލަ އާއި ޒުވަން ކުޅުންތެރިންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާނެ ގޮތުގެ ޖަވާބުތަކެއް އެބަ ބޭނުންވެ އެވެ. އެ ޖަވާބަކީ ނުވަތަ ހައްލަކީ ކޮބައިކަން ޒިދާން އަށް ވެސް އެނގެއެވެ.
"އެކަމަށް އޮތް ހައްލަކީ ބުރަކޮށް މަސައްކަތް ކުރުން،" ޒިދާން ބުންޏެވެ. "އެއަށްވުރެ ދުރަށް ވިސްނުމުގެ ބޭނުމެއް ނެތް، ބޭނުންވާ ގޮތަށް ކަންކަން ނުދިޔައީމަ ދެން އޮންނާނީ އެއަށްވުރެ ބުރަކޮށް މަސައްކަތް ކުރުން، އެއީ އެންމެ މުހިންމު ކަމަކީ."
ޒިދާން ބުނީ ރެއާލް އަށް ވުރެ ކުރީގައި، ބާސެލޯނާ އާއި ވެލެންސިއާ އަދި އެތުލެޓިކޯ މެޑްރިޑް އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ. ޒިދާން ބުނީ ސީޒަންގައި ބާކީ ހަ މަސް އޮތުން ރެއާލް އަދި ކުރި އެރޭނެ ކަމަށެވެ.