ވިޔަފާރި

ކަމުދާ ދެވަނަ މަންޒިލަކަށް ޓެލެގްރާފު ކިއުންތެރިން ހޮވީ ރާއްޖެ

އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުގެ ކިޔުންތެރިން އެންމެ ކަމުދާ ގައުމުތަކުގެ ދެވަނަ ރާއްޖެ ލިބިއްޖެ އެވެ.

ރާއްޖެ އަށް އެންމެ ގިނަ އިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުގެ ޓެލެގްރާފް- ޓްރެވަލް އިން ކިއުންތެރިންގެ ހިޔާލުގެ މައްޗަށް ބަލައި، އެކުލަވާލި "ގްރޭޓެސްޓް ކަންޓްރީ އިން ދަ ވޯލްޑް" ލިސްޓުގެ އެއްވަނާގައި އޮތީ ނިއުޒިލޭންޑް އެވެ. އަދި ދެވަނާގައި ރާއްޖެ އޮތްއިރު، މިއީ ރާއްޖެ މި މަގާމު ދިފާއު ކުރި ހަ ވަނަ އަހަރެވެ.

މީގެ ކުރިން މި ވަނަ ރާއްޖެ އަށް ލިބިފައިވަނީ، 2012 އާއި 2013 އަދި 2014 އާއި 2015 އަދި 2016 ގަ އެވެ. މި އަހަރުތަކުގައި ވެސް އެއްވަނަ ލިބިފައި ވަނީ ނިއުޒިލޭންޑް އެވެ. އަދި ތިންވަނާގައި އުޅެނީ ދެކުނު އެފްރިކާ އެވެ.

ޓެލެގްރާފުގެ މި ލިސްޓުގައި 30 ގައުމެއް ހިމެނޭއިރު ލިސްޓު އެކުލަވައިލުމުގައި 87,220 މީހުން ވޯޓު ދީފައިވެ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިނގިރޭސިވިލާތުން މި އަހަރުގެ މިހާތަނަށް 9,301 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 7,936 މީހުންނާ އަޅާބަލާއިރު 17.2 ޕަސެންޓް އިތުރުވުމެކެވެ.