ދުނިޔެ

އެމެރިކާގެ މަތިންދާބޯޓްތަކާއެކު ކޮރެއާ ހަނގުރާމައާ ކައިރިއަށް

އެމެރިކާއާއި އުތުރުކޮރެއާއާ ދެމެދު ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑުވަމުން އަންނަ ކަމަށް ދެގައުމުގެ ސަރުކާރުން ބުނަމުން ދަނިކޮށް، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓްތައް ދެކުނު ކޮރެއާއަށް ގެންގޮސްފިއެވެ.

ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން އުފެދޭ ގޮތަށް އުތުރުކޮރެއާއިން އިއްޔެގައި ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ " ނިއުކްލިއަ ހަނގުރާމައެއް ފެށުމަށް އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަލާން ޖަހަމުންދާ" ކަމަށެވެ. އުތުރުކޮރެއާ ސަރުކާރުގެ ރޮޑޯން ސިންމަން ނޫހުގައި ލިއުނު ކޮމެންޓްރީއެއްގައި ބުނެފައި ވަނީ އެމެރިކާއާއި ދެކުނުކޮރެއާ ގުޅިގެން ހޯމަ ދުވަހު ފަށަން ރާވާފައިވާ ތަމްރީނުތަކުގެ ސަބަބުން ސަރަހައްދު ހަނގުރާމައެއްގެ ތުންފަތްމައްޗަށް ވެއްޓޭނެ ކަމަށެވެ.

އެމެރިކާ ފަޅިން ވެސް ވާހަކަ ދައްކާފައި ވަނީ ހަނގުރާމައެއް ފަށަން އުޅޭކަން ދޭހަވާ މޭރުމަކުންނެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވަައިޓްހަުއސްގެ ނެޝަަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗްއާރް މެކް މާސްޓާ އިއްޔެގައި ވިދާޅުވީ ކޮރެއަން ޕެނިންސިއުލާގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ކޮންމެ ދުވަހަކުވެސް ބޮޑުވަމުންދާ ކަމަށެވެ.

" އަހަރެން ދެކޭ ގޮތުގައި އެފުރުސަތު ކޮންމެ ދުވަހަކުވެސް ދަނީ އިތުރުވަމުން. މީގެ މާނައަކީ އަހަރެމެން މިއުޅެނީ ރޭހެއްގައޭ. ހަގީގަތުގައި ވެސް އަަހަރެމެން މިއުޅެނީ ރޭހެއްގައި. މިއި މައްސަލައެއް ހައްލުކުރުމުގެ ގާބިލުކަން ހޯދުމުގެ ރޭހެއް،" ދަ ރޭގަން ނެޝަނަލް ޑިފެންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މެކްމާސްޓާ ވިދާޅުވި ކަމަށް ސީއެންއެންގެ ހަބަރުގައި ވެއެވެ.

އެމެރިކާއާ އުތުރުކޮރެއާ ދެމެދު މިފަދަ ބޮޑު ނުތަނަވަސްކަމެއް އޮއްވައި އެމެރިކާއިން މިހާރު ތައްޔާރުވަމުން ދަނީ ދެކުނުކޮރެއާއާ އެކު ވަރުގަދަ ތަމްރީނުތަކެއް ފެށުމަށެވެ. އެގޮތުން އެމެރިކާގެ އެފް-22 މަރުކާގެ ހަނގުރާމަމަތީ ހަ މަތިންްދާބޯޓެއް ދެކުނު ކޮރެއާއަށް އައި މަންޒަރު އެގައުމުގެ ސަރުކާރުގެ ޓީވީން ވަނީ ދުރަށް ދައްކާފައެވެ. އެ މަތިންދާބޯޓްތައް ދެކުނު ކޮރެއާއަށް ގެންދިޔަައީ ދެގައުމު ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ވައި ތަމްރީނުތަކަށް ކަަމަށް ދެގައުމުން ވެސް ވަނީ ބުނެފައެވެ.

މާދަމާ ފަށާ އެ ތަމްރީނުތަކުގައި 230 މަތިންދާބޯޓާއި 12000 ސިފައިން ބައިވެރިވާނެއެވެ.