ވިޔަފާރި

މަޓާޓޯއިން މިމަހު ޓޫރިޒަމް ދާއިރާގެ ދެ ޓްރެއިންއެއް

Dec 3, 2017

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިމަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް، ތަމްރީން ދެ ޕްރޮގްރާމެއް ހިންގަން ތައްޔާރު ވެއްޖެ އެވެ.

ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން ބުނި ގޮތުގައި ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ބާއްވަން ތައްޔާރުވަމުން ދަނީ ޑީލިން ވިތް ޑިފިކަލްޓް ކަސްޓަމާސް، ނުވަތަ ހިތްހަމަ ނުޖެހިގެން އަންނަ ކަސްޓަމަރުންނަށް މައިތިރި ކުރާނެ ހުނަރުތައް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމަކާއި ޓާސްކް މެނޭޖުމަންޓް ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

މި ގޮތުން މި ދެ ތަމްރީން ޕްރޮގްރާމް އޮންނާނީ މިމަހުގެ 13 އަދި 14 މިދެ ދުވަހު އެވެ. ތަމްރީން ދޭނީ، މެކުއޭ ރެން އެންޖް ޖޯސްގެ ފަރާތުންނެވެ. ތަމްރީން ޕްރޮގްރާމްތައް އޮންނާނީ ޗަންޕާ ސެންޓްރަލްގަ އެވެ. މިގޮތުން ކޮންމެ ޕްރޮގްރާމެއްގައި ވެސް 60 މީހުންނަށް ބައިވެރިވެވޭނެ ކަމަށް މަޓާޓޯއިން ބުނެފައިވެ އެވެ. މި ތަމްރީން ތަކުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ އަށްވަނަ ދުވަހެވެ.

މަޓާޓޯއިން ދަނީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ މީހުން ބިނާ ކުރުމަށް މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ.