ކުޅިވަރު

ސިޓީގެ މޮޅު "ފާގަސަންގެ ވަގުތު"ގެ ގޮތުގައި ސިފަކޮށްފި

Dec 4, 2017

ވެސްޓްހަމްއާ ދެކޮޅަށް، ރޭ ކުޅުނު މެޗުގައި އެންމެ ފަހު ވަގުތު މެންޗެސްޓާ ސިޓީން ނަތީޖާ އަނބުރާލުމުން، އެކަން މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކޯޗް އެލެކްސް "ފާގަސަންގެ ޓައިމް" ގެ ގޮތުގައި، ސިފަ ކުރާނަމަ އެއީ ވަރަށް ބޮޑު އުފަލެއް ކަމަށް ސިޓީގެ ކޯޗް ޕެޕް ގަޑިއޯލާ ބުނެފި އެވެ.

މެޗުގެ 83 ވަނަ މިނެޓްގައި، ވެސްޓްހަމް ބަލި ކުރީ ޑޭވިޑް ސިލްވާ ޖެހި ލަނޑުންނެވެ. އެއީ އެންމެ ފަހު ވަގުތު ލަނޑު ޖަހައިގެން ޖެހިޖެހިގެން ސިޓީން މޮޅުވި ތިން ވަނަ މެޗެވެ. މިދިޔަ މަހު ހަޑާސްފީލްޑް ޓައުން އަދި ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސިޓީ މޮޅުވީ އެންމެ ފަހު ވަގުތު ގައެވެ.

ޕްރިމިއާ ލީގްގައި، މެޗުގެ އެންމެ ފަހު ވަގުތު ނަތީޖާ އަނބުރާލާ ކޯޗުގެ ގޮތުގައި މަޝްހޫރު ވެފައިވަނީ ފާގަސަން އެވެ. ސިޓީން ޖެހިޖެހިގެން ތިން މެޗުން މޮޅުވުމުން، ފާގަސަންގެ ޓައިމްގެ ގޮތުގައި ސިފަ ކުރީ އެހެންވެ އެވެ.

"އަހަރެމެންނަށް ފާގްގެ [ފާގަސަން] ޓައިމުން އެއްޗެއް ނެގޭ ކަމަށްވަންޏާ އެކަމަށް މަރުހަބާ އެއީ ވަރަށް ބޮޑު އުފަލެއް،" ސިޓީގައި އޮތީ ފާގަސަންގެ ޓައިމްގެ އަމިއްލަ ބައެއްތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުންޏެވެ. "ފާގް ޓައިމްގެ ވާހަކަ އަހަރެން އަޑު އެހިން އޭރު އަހަރެން މިތާންގައި ނޫޅެން، ނަމަވެސް ކަލޭމެން އަތުގައި އެ އެއްޗިހި ހުންނަން ޖެހޭނެ، އަހަރެމެން މި ސާބިތު ކޮށްދިނީ އަހަރެމެން ދޫނުކޮށް މަސައްކަތް ކުރަނެކަން."

ރޭ ގެ މެޗުގެ ފުރަތަމަ ހަފު، ވެސްޓްހަމްއިން ނިންމާލީ ލީޑްގައި އޮވެގެންނެވެ. މެޗުގެ 44 ވަނަ މިނެޓްގައި އެ ޓީމުން ލީޑް ނެގީ އޭރޮން ކްރޮސްވެލް ނެގި ހުރަހަކުން އެންޖެލޯ އޮބްގޮންނާ ބޮލުން ކާމިޔާބު ކުރި ލަނޑުން ނެވެ. ސިޓީން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ގެބްރިއަލް ޖިސޫސް ދިން ފުރުސަތަކުން ނިކޮލަސް އޮޓަމެންޑީ އެވެ.

ގާޑިއޯލާ ބުނީ ވެސްޓްހަމްއިން ފުޓްބޯޅަ ކުޅެން ނޫޅޭ ކަމަށާއި އެ ޓީމުން ބޭނުންވީ 10 މީހުން ޑިފެންސްކޮށްގެން ތިބެން ކަމަށެވެ.