ހަބަރު

ޕާސްޕޯޓު ކާޑުން އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައިފި

މޯލްޑިވްސް އިމިގްރޭޝަނުން އަލަށް ދޫކުރަން ފެށި ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން އާސަންދަ ހިދުމަތް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އައިޑެންޓިޓީ ކާޑެކޭ އެއް ފަދައިން ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއް ކަމަށް ސަރުކާރުން ހަމަޖައްސާފައިވާތީ އެ ކާޑު މެދުވެރިކޮށްވެސް އާސަންދައިގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.

ޕާސްޕޯޓް ކާޑު އެގޮތަށް ބަލައި ގަންނަން ރައީސް އަބްދުﷲ ޔާމީން އެންގެވީ އެކާޑަކީ ޕާސްޕޯޓް ފިޔަވައި ސަލާމަތީގޮތުން އެންމެ ރައްކާތެރި، ނަކަލު ނުކުރެވޭނެގޮތަށް ހަދާފައިވާ ކާކުކަން އަންގައިދޭ ލިޔުމަކަށް ވާތީއެވެ.

އިމިގްރޭޝަނުން ޕާސްޕޯޓް ކާޑް ދޫކުރަން ފެށީ މިދިޔަ އޮކްޓޯބަރުމަހުގެ 24 ވަނަ ދުވަހުއެވެ. އަދި ކާޑް ހެދުމަށް ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ 450 ރުފިޔާ އެވެ.

އިމިގްރޭޝަނުން ކުރިން ބުނެފައި ވަނީ ކާޑް ގެއްލުނު ނަމަވެސް، އަލުން ކާޑް ހަދަން ޖޫރިމަނާ ފައިސާއެއް ނުނަގާނެ ކަމަށެވެ. އޭރު ބުނެފައިވާ ގޮތުގައި ޕާސްޕޯޓް ކާޑް އޮތް ނަމަވެސް ބޭރަށް ދަތުރުކުރުމުގައި ޕާސްޕޯޓް ގެންދަން ޖެހޭނެ އެވެ. އަދި ޕާސްޕޯޓް ކާޑް ހަދާއިރު، އޭގައި އައިޑީކާޑް ނޫނީ ލައިސަންސްގެ މައުލޫމާތު ނުހިމަނާ އުނިކުރަން ބޭނުންވާ ނަމަ އެކަން ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.