ކުޅިވަރު

ވެލެންސިއާ ފުރަތަމަ ފަހަރަށް ބަލިވެއްޖެ

Dec 4, 2017

ސްޕެނިޝް ލީގްގެ ދެ ވަނައިގައި އޮތް ވެލެންސިއާ މި ސީޒަންގައި ބަލި ނުވެ ދަމަހައްޓަމުން އަންނަ ރޭހަށް، 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ގެޓަފޭއިން ހުރަސް އަޅައިފި އެވެ. ރޭގެ މެޗު ގެޓަފޭއިން ކާމިޔާބު ކުރީ 1-0 ންނެވެ

ރޭގެ މެޗުން މޮޅުވެ، ވެލެންސިއާ އަށް އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރެވުނީސްއެވެ. މެޗުގެ 25 ވަނަ މިނެޓްގައި ގެޓަފޭ މައުރޯ އަރަމްބާރީ އަށް ވަނީ ދެވަނަ ރީނދޫ ކާޑާކާއެކު ރަތް ކާޑު ދައްކާފައެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، ގެޓަފޭއަށް ހުއްޓުމެއް ނެތެވެ. އެ ޓީމުގެ ލަނޑު 66 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބެރުގާރާ އެވެ.

"އެޓީމަށް [ގެޓަފޭ އަށް] މަރުހަބާ ކިޔަން، އަހަންނަށް ހީއެއް ނުވޭ މިއީ އިންސާފުވެރި ނަތީޖާއެއް ހެނެއް، ނަމަވެސް މިއީ ފުޓްބޯޅަ،" މެޗަށް ފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ކެޕްޓަން ޑަނީ ޕަރޭހޯ ބުންޏެވެ. "އަހަރެން ބަހަނާ ދައްކަނީކީ ނޫން ނަމަވެސް ރަނގަޅު ފުޓްބޯޅަ މެޗެއް ކުޅެން ވިސްނަންޏާ އަދި ދުނިޔޭގެ އެއް ވަނަ ލީގްގައި އަހަންނަކަށް ހިއެއް ނުވޭ މި ހާލަތުގައި އޮތް ވިނގަނޑެއްގައި ކުޅެވާނެ ހެނެއް."

މިދިޔަ ދެ ސީޒަންގައި ލީގްގެ ގަދަ 10 ޓީމުގެ ތެރޭގައިވެސް ނުހިމެނުނު ވެލެންސިއާ، މިސީޒަންގައި ދަނީ ތަފާތު ފެންނަމުން ނެވެ. އެ ޓީމު އޮތީ ބާސެލޯނާގެ ފަހަތުން ދެ ވަނައިގައެވެ. އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް އަދި ސެވިއްޔާއަށް ވުރެ ކުރީގަ އެވެ.