ދުނިޔެ

ޔަމަނުގެ ކުރީގެ ރައީސް އަލީ އަބުދުﷲ ސޯލިހު އަވަހާރަކޮށްލައިފި

ޔަމަނު ހަނގުރާމައިގައި އެގައުމުގެ ހޫސީ ހަނގުރާމަވެރިންނާ ބައިވެރިވަޑައިގެން އުޅުއްވުމަށް ފަހު ވަކިވެފައިވާ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު ހޫސީން ދިން ހަމަލާއެއްގައި އަވަހާރަކޮށްލައިފި އެވެ.

ސޯލިހު އަވަހާރަކޮށްލިކަން ފުރަތަމަ އިއުލާނު ކުރީ ހޫސީން ކޮންޓްރޯލް ކުރާ ރޭޑިއޯ ސްޓޭޝަނަކުންނެވެ. ނަމަވެސް ސޯލިހުގެ ޕާޓީން ވެެސް މިހާރު ވަނީ އެކަން ކަށަވަރު ކޮށްދީފައެެވެ.

މިދިޔަ ހަފުތާއާ ޖެހެންދެން ސޯލިހަށް ވާފަތެރި ސިފައިން ވެސް ދިޔައީ ހޫތީންނާ ގުޅިގެން، ބައިނަލް އަގުވާމީ ގޮތުން ޔަމަނުގެ ރައީސްގެ ގޮތުގައި ބަލައިގެންފައިވާ އަބްދުއްރައްބު މަންސޫރުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ހޮނިހިރު ދުވަހު ސޯލިހު ވަނީ ޔަމަނަށް ދޭ ވައިގެ ހަމަލާތައް ހުއްޓާލާ، ބަނދަރުތައް ހުޅުވާލާ ނަމަ ސައުދީ އިއްތިހާދާ އެކު މަޝްވަރާތައް ފަށަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އެ އިއްތިހާދުން ވަނީ އެކަމަށް މަރުހަބާ ވެސް ކިޔައިފަ އެވެ. ސޯލިހުގެ ހުށަހެޅުމާ ގުޅިގެން ހޫތީން ބުނީ ސޯލިހު ބަޣާވާތްކޮށްފި ކަމަށެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ދެ އަހަރު ވީ އިރު އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފައެވެ. އަދި ބޭރަށް ހިންގުމުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ ކޮލެރާ ފެތުރި އެ ބަލި މިހާރު ވަނީ އަށް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އެހުރިހާ ކަމަކާ އެކު ޔަމަނުގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރު ކާނާ ފޯރުކޮށްދެނީ އެހީދޭ ޖަމާއަތްތަކުންނެވެ.