އޭނާ ނެތުމުން، ރެއާލް މެޑްރިޑަށް މައްސަލަ ދިމާވާ ކަމަށް ވާހަކަ ދެއްކުން އެއީ ޕޮޒެޓިވް ކަމެއް ކަމަށާއި ނަމަވެސް އޭނާ އެދެނީ އޭނާ އެހެން ނުވުން ކަމަށް ކުރިން ރެއާލް އަށް ކުޅުނު ޗެލްސީގެ ފޯވަޑް އަލްވާރޯ މޮރާޓާ ބުނެފި އެވެ.
ސްޕެނިޝް ލީގްގައި، މެޑްރިޑްގެ އެންމެ ބޮޑު ކުލަބު ހޭދަ ކުރަމުން ދަނީ އުނދަގޫ ދުވަސްތަކެކެވެ. އެ ޓީމަށް އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ލަނޑު ނުޖެހުމާއި، މުހިންމު ކުޅުންތެރިން އަނިޔާގައި ތިބުމެވެ.
ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން، ދާދި ފަހުން ބުނެފައި ވަނީ މިދިޔަ އަހަރު ރެއާލުން މުހިންމު މެޗުތަކުގެ ފަހު ވަގުތު މެޗުގެ ނަތީޖާ އަނބުރާލާފައިވާ ކަމަށެވެ. ނަމަވެސް މި ސީޒަންގައި އެކަން ނުކުރެވޭކަން އޭނާ ފާހަގަ ކުރި އެވެ.
މިދިޔަ ސީޒަންގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރާ ކުޅުންތެރިން ގިނަ މެޗުތަކުގައި ރެއާލް މޮޅު ކޮށްދީފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ، މޮރާޓާ އެވެ. މިދިޔަ ހޫނު މޫސުމުގައި، ރެއާލުން މޮރާޓާ ޗެލްސީއަށް ދޫކޮށްލި އެވެ. ޗެލްސީގެ ފުރަތަމަ އެގާރައިގައި ނިކުމެ، އޭނާ ދަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މޮރާޓާ ދޫކޮށްލުމަކީ، ރެއާލުން އެޅި ގޯސް ފިޔަވަޅެކެވެ. މޮރާޓާ ދޫކޮށްލުމަށްފަހު ރެއާލުން ގެނައީ، އެ ޓީމުގެ ލޯނެއްގެ ދަށުން ޖަރުމަންގެ ވްލްފްސްބާގަށް ކުޅެމުން ދިޔަ ޒުވާން ފޯވަޑް ބޮރަހާ މަޔޮރޯލް އެވެ.
މޮރާޓާ ބުނީ، އޭނާ ނެތިވެސް ރެއާލު މެޑްރިޑް ކުރީގެ ފޯމަށް އަންނާނެ ކަމަށާއި ލަނޑުތައްވެސް ފެނިގެން ދާނެ ކަމަށެވެ.
"އަހަންނަކަށް ނޭންގެ ރެއާލް މެޑްރިޑުން އަހަރެން މަތިން މިސް ވާނެޔޭ އަދި ނުވާނެޔޭ ބުނާކަށްވެސް، ނަމަވެސް މީހުން އެހެން ކިޔާކަމަށް ވަންޏާ އެއީ އަހަންނަށް ވަރަށް ޕޮޒެޓިވް ކަމެއް،" ސްޕެއިންގެ ޓީވީ އީ އަށް ދިން އިންޓަވިއުގައި މޮރާޓާ ބުންޏެވެ.
"އަހަރެން އުންމީދު ކުރަނީ އެ ޓީމުންވެސް އެހެން ނުބުނާނެ ކަމަށް އެހެން ނުބުނަންޏާ ކަންކަން ރަނގަޅަށް ދަނީ، އަހަރެން އުންމީދު ކުރަނީ އެ ޓީމުގެ ފަރާތުން ލަނޑުތައް ފެނިގެން ދިއުން ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ފަރާތުންވެސް ގިނަ ލަނޑުތަކެއް އަލުން ފެނިގެން ދިއުން އަހަންނަށް ހީވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ދުވަސް ވަރުން ފެށިގެން އޭނާ ހުރީ ވަރަށް ވަރުބަލި ކޮށްހެން."
މަރޯޓާ ވަނީ، ޕްރިމިއާ ލީގްގައި މިހާތަނަށް ޗެލްސީ އަށް ނުވަ ލަނޑު ޖަހައި ދީފަ އެވެ.