ދުނިޔެ

ގުދުސަކީ ވެރިރަށް ކަމަށް ބަލަން ޓްރަމްޕް އުޅޭތީ ބޮޑު ރުޅިވެރިކަމެއް

މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެރަށެއްގައި ހުންނަ، ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން އެމެރިކާގެ ރައީސްް ޑޮނަލްޑް ޓްރަމްޕް އުޅުއްވާތީ އޭނާއަށް އެތެރެއާއި ބޭރުން ވަރަށް ބޮޑު ނަފުރަތެއް އަމާޒު ވެއްޖެއެވެ.

ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ އެމެެރިކާގެ އޮފިޝަލުން އެކަމާ ދެކޮޅު ހަދަމުން ދަނީ އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާއާ ދެކޮޅަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފާނެ ކަމަކަަށް ވާތީއެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލަން ޓްރަމްޕް ސަރުކާރުން ނިންމާފައިވާކަން އަދި ކަށަވަރެއް ނުވެއެއެވެ. ނަމަވެސް ރިޔާސީ ވައުދެއްގެ ގޮތުގައި ޓްރަމްޕް އެކަން ގެންގުޅުއްވާފައި ވާތީ، އެވާހަކަ އަލުން ފެންމަތި ވުމުން ދުނިޔޭގެ ބައެއް ގައުމުތަކާއި އެމެެރިކާގެ ހާރިޖީ އޮފިޝަލުންނަށް ވެސް މިހާރު ގަބޫލު ކުރެވިފައި ވަނީ ވަރަށް އަވަހަށް އެކަން އެގޮތަށް ކޮށްފާނެ ކަމަށެވެ.

އެމެރިކާގެ ބައެއް އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެފައި ވަަނީ ގުުދުސްގެ މައްސަލައިގައި ވަކިކޮޅެއް ނެގުމަކީ އެމެރިމާއިން އެތައް އަހަރެއް ވަންދެން ދަމަހައްޓާފައިވާ ހާރިޖީ ސިޔާސަތެއް ބަދަލު ކުރުމެވެ. ގުދުސްގެ މައްސަލައި ގައި އެމެރިކާއިންް ކުރިން ބުނަމުން އައީ އެމައްސަލަ ނިންމާނީ އިޒްރޭލާއި ފަލަސްތީނު މީހުން ވާހަކަ ދައްކައިގެން ކަމަށެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، އެމެރިކާ އެމްބަސީ އެރަށަށް ބަދަލު ކުރަން އެމެރިކާ ސަރުކާރުން މަސައްކަތް ނުކުރުމަށް ބައެއް އަރަބި ގައުމުތަކުން ވަނީ އިންޒާރުދީފައެވެެ. އަދި އިސްލާމީ ގިނަ ގައުމުތައް ބައިވެރިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ) އިން ވެސް އިއްޔެގައި ވަނީ އެގޮތަށް ކަންތައް ނުކުރުމަށް އެމެރިކާއަށް އިންޒާރުކޮށްފައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެކަމާ ދެކޮޅު ހަދާފައި ވަނީ ފްރާންސުންނެވެ.