އިޓަލީގެ ގައުމީ ޓީމު ކޯޗްކަން ހުށަހެޅުމުން ބަޔާން މިޔުނިކްގެ ކުރީގެ ކޯޗް އިޓަލީގެ ކާލޯ އަންޗެލޯޓީ އެކަން ގަބޫލެއް ނުކުރި އެވެ.
އަންނަ އަހަރު ރަޝިޔާގައި ބާއްވާ، ވޯލްޑްކަޕަށް އިޓަލީ ކޮލިފައި ކޮށް ނުދެވުމުން، އޭރު ކޯޗަކަށް ހުރި، ޖިއަން ޕޭރޯ ވެންޗޫރާ ވަނީ މަގާމުން ދުރު ކޮށްފަ އެވެ. އޭނާ ކޯޗް ކަމުން އެކަހެރި ކުރުމަށްފަހު، އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ކުރީގެ ރައީސް ކާލޯ ޓަވޭކިއޯ ވަނީ، އިޓަލީގެ ގައުމީ ޓީމަށް ގެންނަން މަސައްކަތް ކުރާ ކޯޗުންގެ ލިސްޓެއް އެކުލަވާލާފަ އެވެ. އޭނާ އެކުލަވާލި ލިސްޓްގައި އެންމެ ފުރަތަމަ ނަމަކަށް ހިމަނާފައި ވަނީ އަންޗެލޯޓީގެ ނަމެވެ.
ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވުމުން، ވެންޗޫރާގެ އިތުރުން ޓަވޭކިއޯއަށްވެސް ފާޑު ކިޔުން އަމާޒުވި އެވެ. އެހެންވެ، ޓަވޭކިއޮ ވަނީ ކުރިމަތިވި ފިއްތުން ތަކާ ހެދި މަގާމުން އިސްތިއުފާ ދީފަ އެވެ.
އިޓަލީގެ ހުށަހެޅުމަށް، އަންޗެލޯޓީ ނޫނެކޭ، ބުނި އެއް ސަބަބެއް ކަމަށް އޭނާ ބުނީ އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ނިޒާމުތައް އޮތް ގޮތުން ކަމަށެވެ.
އޭނާ ބުނީ ކޯޗް ބަދަލު ވެގެން، އިޓަލީގެ ފުޓްބޯޅަ ރަނގަޅުވާން ނެތް ކަމަށާއި، ފެޑްރޭޝަނުން ވެސް ގިނަ ކަންކަން ރަނގަޅު ކުރަން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އިޓަލީގެ ކުލަބުތަކާ ފެޑްރޭޝަނާ އޮންނަ ގުޅުން ރަނގަޅެއް ނޫނެވެ.
އޭނާ ބުނީ ވެންޗޫރާ އަށްވެސް އުނދަގޫވީ އިޓަލީގެ ފުޓްބޮޅައިގެ ހާލަތު އޮތް ގޮތުން ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް އިސްވެ ފެޑްރޭޝަނުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ތެދެއް އިޓަލީން އަހަންނަށް ހުށަހެޅި، ނަމަވެސް އަހަރެން ބުނިން އިޓަލީގެ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތީ އަހަރެން އެކަނި މަސައްކަތް ކޮށްގެން ރަނގަޅު ކުރެވޭ ހިސާބެއްގައި ނޫނޭ، އެންމެ ފުރަތަމަ ފެޑްރޭޝަންގެ ކަންކަން އެބަޖެހޭ ބަދަލު ކުރަން."
އޭނާ ދެއްކި އަނެއް ސަބަބަކީ، ދުވަހު ދުވަހަށް ކޯޗިންގައި މަސައްކަތް ކުރާ މަގާމަކަށް، ގައުމީ ޓީމުގެ ވަޒީފާ ނުވުމެވެ. ކުލަބެއްގައި މަސައްކަތް ކުރާނަމަ ކޮންމެ ދުވަހަކު ޓްރެއިނިން އަށް ނިކުމެ ކުޅުންތެރިންާ މުއާމަލާތް ކުރަން ޖެހެ އެވެ. ނަމަވެސް ގައުމީ ޓީމުގައި އެ މަސައްކަތް އޮންނާނީ އިންޓަނޭޝަނަލް ޕީރިއަޑްގައި އެކަންޏެވެ.
އިންޓަވިއުގައި އަންޗެލޯޓީ ބުނީ އޭނާގެ އެންމެ ފަހުގެ ކުލަބު ބަޔަން މިޔުނިކްގައި ގިނަ ކަންކަމެއް އެކަށައެޅުމަށް އޭނާ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ކުލަބަށް އޭނާގެ މެތޮޑިއޮލަޖީ ކަމު ނުދިޔައީ ކަމަށެވެ.