އެމެރިކާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާން ގަނޑެއް ބާރަށް ފެތުރޭތީ އެތައް ހާސް ބަޔަކު އެހެން ތަންތަނަށް ބަދަލުކުރަން ޖެހިއްޖެއެވެ.
ބީބީސީ ބުނީ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ގެ ކައިރި ސަރަހައްދުގައި އިއްޔެ ހަވީރު ކުއްލިއަކަށް ފެތުރިގަތް އަލިފާންގަނޑުގެ ސަބަބުން މަދު ގަޑި އިރުތަކެއްގެ ތެރޭގައި 10000 އޭކަރުގެ ސަރަހައްދެއް އަނދާފައިވާ ކަމަށެވެ. އެކަމާ ހެދި އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހުނު އިރު ، އެސަރަހައްދުގަައިވާ ސަންތާ ޕައުލާ ނަމަކަށް ކިޔާ ޝަހަރައި ވެންޓޫރާ ނަމަކަށް ކިޔާ ޝަހަރަށް އަލިފާން ގަނޑު ފެތުރިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.
ހަބަރު ލިބިފައިވާ ގޮތުގައި އަލިފާން ގަނޑުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި އެކަކު ވަނީ މަރުވެފައެވެ. އަލިފާނުގެ ސަބަބުން މިހައިތަނަށް ދެ އިމާރާތެއް ހަލާކުވެފައި ވާއިރު ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓްވެސް ކެނޑިފައެވެ.
" އަލިފާންގަނޑު ފެތުރެމުން ދަނީ ވަޒަން ކުރަން ނުކުރެވޭ މިންވަަރަކަށް. މިވަރަށް ވައި ޖެހޭ އިރު އަލިފާން ނިވާ މީހުންނަށް ކުރެވޭނެ ހަމަ އެކަނި ކަމަކީ ކުރިއަށް ނުކުމެ، މީހުން ދުރަށް ޖައްސައި އިމާރާތްތައް ސަލާމަތް ކުރުން،" ވެންޓޫރާ ފަޔަޗީފް މާކް ލޮރެންޒެން އޭބީސީ ނިއުސްއަށް ބުނެފައި ވެއެވެ.
އަލިފާނުން ސަލާމަތް ވާން ގެދޮރު ދޫކޮށް ދިޔަ މީހުން ބައިތިއްބާފައި ތީ ރައްކާތެރި ހިސާބުތަކުގައިވާ ސްކޫލުތަކާއި ހުސްބިންތަކުގައެވެ.
ކެލިފޯނިއާގެ ޖަންގަލިތަކުގައި މިއަހަރުގެ އޮކްޓޯބަރުމަހުވެސް އަލިފާން ރޯވިއެވެ. އެފަހަރު 13 މީހުން މަރުވެ، 2000 އިމާރާތް ހަލާކުވިއެވެ.