ދުނިޔެ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ ބަލައިގެންފި!

މުސްލިމުންގެ ތިން ވަނަައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެރަށެއްގައިވާ ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެެރިކާއިން ބަލައި ގަނެ، އެކަން ރަސްމީކޮށް އިއުލާނު ކުރަން ތައްޔާރުވެއްޖެއެވެ.

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނީ ގުދުސަކީ ވެރިރަށް ކަމަށް ބަލައި، އެމެރިމާ އެމްބަސީ އެރަށަށް ބަދަލު ކުރާނެ ކަން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާހަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު އަންގަވާފައިވާ ކަމަށެވެ. އައްބާސްގެ އޮފީހުން ބުނީ އެގޮތަށް ކަންތައް ކޮށްފި ނަމަ ބޮޑު ހަމަނުޖެހުމެއް ހިނގާނެ ކަމަށް އައްބާސް ޓްރަމްޕަށް ދެންނެވި ކަމަށެވެ.

ގުދުސަކީ އިޒްރޭލުން 1967 ވަނަ އަހަރު ހިފާފައިވާ ރަށެކެވެ. އެރަށް އެއީ އިޒްރޭލުގެ ތަނެއް ކަމަށް އދ. އިން ވެސް ބަލައެއް ނުގަނެ އެވެ. ނަމަވެސް އިޒްރޭލުން ދަނީ އެރަށުގައި ޔަހޫދީން އާބާދުކޮށް، އެތަނުގައިވާ މުސްލިމުންގެ މުގައްދަސް ތަންތަނަށް ގެއްލުން ދެމުންނެވެ.

އެމެެރިކާ އެމްބަސީ މިހާރު ހުންނަނީ ތެލްއަވީވްގަ އެވެ. އެމްބަސީ ގުދުސަށް ބަދަލު ކުރުމަކީ ޓްރަމްޕްގެ ކެމްޕޭން ވައުދެކެވެ. ޓްރަމްޕް ރައީސް ކަމަށް ވަޑައިގެންނެވީ އެމެރިކާގެ ޔަހޫދީންގެ ބޮޑު ތާއީދަކާ އެކުގައެވެ. އޭނާގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާއަކީ ވެސް ޔަހޫދީއެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލަން ޓްރަމްޕް ސަރުކާރުން ނިންމާފައިވާކަން އަދި ކަށަވަރެއް ނުވެއެއެވެ. ނަމަވެސް ރިޔާސީ ވައުދެއްގެ ގޮތުގައި ޓްރަމްޕް އެކަން ގެންގުޅުއްވާފައި ވާތީ، އެވާހަކަ އަލުން ފެންމަތި ވުމުން ދުނިޔޭގެ ބައެއް ގައުމުތަކާއި އެމެެރިކާގެ ހާރިޖީ އޮފިޝަލުންނަށް ވެސް މިހާރު ގަބޫލު ކުރެވިފައި ވަނީ ވަރަށް އަވަހަށް އެކަން އެގޮތަށް ކޮށްފާނެ ކަމަށެވެ.

އެމެރިކާގެ ބައެއް އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެފައި ވަަނީ ގުުދުސްގެ މައްސަލައިގައި ވަކިކޮޅެއް ނެގުމަކީ އެމެރިމާއިން އެތައް އަހަރެއް ވަންދެން ދަމަހައްޓާފައިވާ ހާރިޖީ ސިޔާސަތެއް ބަދަލު ކުރުމެވެ. ގުދުސްގެ މައްސަލައި ގައި އެމެރިކާއިންް ކުރިން ބުނަމުން އައީ އެ މައްސަލަ ނިންމާނީ އިޒްރޭލާއި ފަލަސްތީނު މީހުން ވާހަކަ ދައްކައިގެން ކަމަށެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، އެމެރިކާ އެމްބަސީ އެރަށަށް ބަދަލު ކުރަން އެމެރިކާ ސަރުކާރުން މަސައްކަތް ނުކުރުމަށް ބައެއް އަރަބި ގައުމުތަކުން ވަނީ އިންޒާރުދީފަ އެވެެ. އަދި އިސްލާމީ ގިނަ ގައުމުތައް ބައިވެރިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވެސް އިއްޔެގައި ވަނީ އެގޮތަށް ކަންތައް ނުކުރުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެކަމާ ދެކޮޅު ހަދާފައި ވަނީ ފްރާންސުންނެވެ.