ކުޅިވަރު

ޔުނައިޓަޑް ދެވަނަ ބުރަށް، ޗެލްސީއަށް އެއްވަނަ ގެއްލިއްޖެ

Dec 6, 2017

ސީއެސްކޭ މޮސްކޯއާ ދެކޮޅަށް 2-1 މޮޅުވެ، ގުރޫޕް އޭ ގެ އެއް ވަނައިގައި މެންޗެސްޓާ ޔުނައިޓަޑް ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ. އިނގިރޭސި ޗެމްޕިއަން ޗެލްސީ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް އަތުން އެއްވަރުވުމުން، ގުރޫޕް ސީގެ އެއް ވަނަ މަގާމު ޗެލްސީ އަށް ވަނީ ގެއްލިފަ އެވެ.

ޔުނައިޓަޑްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ، ސީއެސްކޭއިން ނެވެ. ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އެ ޓީމަށް ލީޑް ނަގައިދިނީ ބްރެޒިލްގެ ވިކްޓާ ވިނީސިއަސް ކޮއޭލޯ ޑޮސް ސަންޓޯސް (ވިޓީނިއޯ) އެވެ.

ޔުނައިޓަޑްގެ ލަނޑުތައް ކަމިޔާބު ކުރީ، ލުކާކޫ އާއި ރަޝްފާޑް އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ލުކާކޫ ކާމިޔާބު ކުރީ 64 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ރަޝްފާޑް ކާމިޔާބު ކުރީ 66 ވަނަ މިނެޓްގަ އެވެ.

އެ ގުރޫޕުގެ ދެ ވަނަ ހޯދީ، ސްވިޒަލޭންޑް އެފްސީ ބަޒެލް އެވެ. ރޭ ބެންފީކާ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 ންނެވެ.

ގުރޫޕް ސީގައި އެތުލެޓިކޯއާ ޗެލްސީ ކުޅުނު މެޗު އެއްވަރުވީ 1-1 ން ނެވެ. އެ ގުރޫޕްގައި ހިމެނޭ ރޯމާ އިން އަޒަރުބައިޖާންގެ ކަރަބަގްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ، 1-0 ން ނެވެ.

ރޭ ގެ މެޗުން މޮޅުވެވުނު ނަމަ، ޗެލްސީއަށް ދެ ޕޮއިންޓްގެ ލީޑެއްގައި، ގުރޫޕްގެ އެއް ވަނަ ލިބުނީހެވެ. ނަމަވެސް، ދެ ޓީމުގެ މެދުގައި ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ރޯމާ އަށް ކުރި ލިބުނީ، ރޯމާ އާއި ޗެލްސީ ބައްދަލު ކުރި މެޗުން ރޯމާ މޮޅުވެފައި ވުމުންނެވެ.

ޗެލްސީގެ ދަނޑުގައި، ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް އެތުލެޓިކޯއިން ނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ސައުލް އެވެ. މެޗު އެއްވަރުވީ، އެތުލެޓިކޯގެ ސްޓެފަން ސަވިކް އަތުން ބައިކޮޅަށް ވަން ލަނޑަ ކުންނެވެ. ކަރަބަގް އާ ދެކޮޅަށް ރޯމާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޑިއޭގޯ ޕެރޯޓީ އެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ދެ ފަހަރަށް ކުޅުނު އެތުލެޓިކޯ އަށް ވަނީ މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގާ ވަކިވެފަ އެވެ. ސީޒަންގެ ބާކީ އޮތްބައިގައި ދެން އެ ޓީމަށް ފުރުސަތު ލިބޭނީ ޔޫރޮޕާ ލީގުންނެވެ.

ގުރޫޕް ބީގައި ބަޔާން މިޔުނިކުން ވަނީ ޕީއެސްޖީ އަތުން އެ ޓީމު ވީ ބައްޔަށް ބަދަލު ހިފާފަ އެވެ. ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗު، އެ ޓީމުން ކާމިޔާބު ކުރީ، 3-1 ންނެވެ. މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 3-0 ން ނެވެ. ރޭގެ މެޗުގައި، ޕީއެސްޖީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރި ކިލިޔަން އެމްބަޕޭ ވަނީ ރެކޯޑެއް ހަދާފަ އެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގްގައި 10 ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ގުރޫޕް ޑީ ގައި ހިމެނުނު ބާސެލޯނާ އާއި ޔުވެންޓަސް ވެސް ވަނީ އެ ޓީމު ކުޅުނު މެޗުތައް ކާމިޔާބު ކޮށްފަ އެވެ. ސްޕޯޓިން ލިޒްބަން އާ ދެކޮޅަށް ބާސާ މޮޅުވީ 2-0 ންނެވެ. ގްރީސްގެ އޮލިމްޕިއާކޮސް އާ ދެކޮޅަށް ޔުވެންޓަސް ވެސް މޮޅުވީ 2-0 ންނެވެ.