ދުނިޔެ

ނާޒުކު ފަޅުރަށަކަށް ރޯހިންޔާ މީހުން ލާން ބަންގާޅުން މަސައްކަތް ފަށައިފި

ތޫފާންތައް ގިނަ، ބޭ އޮފް ބެންގާލްގައިވާ ވަރަށް ބިންތިިރި ޖަޒީރާއެއްގައި ރޯހިންޔާ ދަރިކޮޅުގެ ލައްކައެއްހާ މީހުން އާބާދު ކުރުމަށް ބަންގާޅު ސަރުކާރުން ގެންގުޅޭ ރޭވުމާ އެއްގޮތަކަށް އެގައުމުން މަސައްކަތް ކުރަން ފަށައިފިއެވެ.

މިޔަންމާގެ ރާޚައިން ސްޓޭޓުގައި އެގައުމުގެ ސިފައިން ހިންގާ އިންްސާނިއްޔަތާ ހިލާފު ޖަރީމާތަކުން ސަލާމަތް ވުމަށް ރޯހިންޔާ ދަރިކޮޅުގެ 622000 މީހުން ވަނީ ބަންގާޅަށް ހިޖުރަކޮށްފައެވެ. އެމީހުން އަނބުރައި ގެންދަަން ބަންގާޅު ސަރުކާރުން ވަނީ ތަކުރާރުކޮށް މިޔަންމާ ސަރުކާރުގައި އެދިފައެވެ. އެކަން އެގޮތަށް ކުރުމަށް ދެގައުމުން މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.

ނަމަވެސް ރާޚައިން ސްޓޭޓުގައި ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އަދި ނިމުމަކަށް ނާދެއެވެ. އެހެންވެ، އެސަރަހައްދު ދޫކޮށް މީހުން ދިއުން އަދިވެސް ނުހުއްޓެއެވެ. އެސަރަހައްދު ދޫކޮށް ދިޔަ ބައެއް މީހުން ވަރަށް ނިކަމެތި ހާލުގައި ތެންގަރްޗާރް ޖަޒީރާގައި މިހާރުވެސް އެބަ ތިއްބެވެ.


ސީއެންއެން އިން ބުނީ އެރަށުގައި ރޯހިންޔާ މީހުން އާބާދު ކުރުމަށްޓަކައި އަޅާ އިމާރާތްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ބަންގާޅު ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ އެޖެންސީން ބުނީ ތެންގަރްޗާރް ނަމަކަށް ކިޔާ، ފަސޭހައިން ފެންބޮވާ އެރަށަށް 2019 ވަނަ އަހަރު ރޯހިންޔާ ދަރިކޮޅުގެ ލައްކައެއްހާ މީހުން ބަދަލުކުރަން ބަންގާޅުން ނިންމާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ޕްލޭނިން މިނިސްޓަރު މުސްތަފާ ކަމާލްގެ އޮފީހުން މިހާރު އާއްމުކޮށްފައިވާ ތަފުުސީލީ ޕްލޭންގަައިވާ ގޮތުން ތެންގަރްޗާރަށް ރޯހިންޔާ މީހުން ބަދަލުކުރުމުގެ މަޝްރޫއަށް 278 މިލިޔަން ޑޮލަރު ހަރަދުކުރާނެއެވެ.

ބޮޑެތި ފާޑުކިއުންތަކެއް

ރޯހިންޔާ ރެފިއުޖީންނަށް ޖާގަދީ، ކާނާއާއި ބޯފެނާއި ބޭސް ފަރުވާ ފޯރުކޮށްދޭން ބަންގާޅުން ކުރަމުންދާ މަސައްކަތްތަކަަށް ބައިނަލް އަފުވާމީ މުޖުތަމައުން އަންނަނީ ތައުރީފު ކުރަމުންނެވެ. ނަމަވެސް ތެންގަރްޗާރަށް މީހުން ގެންދަން ގެންގުޅޭ ރޭވުމަށް މިހާރު ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައެެވެ.

އެރަށަށް މީހުން ބަދަލުކުރުމުގެ ރޭވުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ހަސީނާ އާނބަސް ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އިންސާނީ ހައްގުތަަކަށް މަސައްކަތް ކުރާ ބޮޑު ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ހަމަ އެދުވަހު ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެ ޖަމާއަތުންް އެދުވަހު ބުނީ އެއީ " ވަރަށް ބޮޑު ގޯހެއް" ކަމަށެވެ.

" ތިން މަސްދުވަަހުގެ ތެރޭގައި ހަލައްކަައަށް ވުރެ ގިނަ ރޯހިންޔާ މީހުންނަށް ގައުމުއުގެ ދޮރުތައް ހުޅުވައިލުމަށް ފަހު ބަންގްލަދޭަޝް ސަރުކާރުން މިހާރު އުޅެނީ ރޯހިންޔާ މީހުންގެ ސަލާމަތާ ރައްކާތެރިކަމަށް ނުބަލަންް. އަދި ބައިނަލް އަގުވާމީ މުޖުތަމައުން އެގައުމަަށް ލިބުނު ހިތްހެޔޮކަމުގައި ކޮޅުފައިން ޖަހަން،" އެމްނެސްޓީ އިންްޓަނޭޝަނަލްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޑައިރެކްޓަރް ބިރާޖް ޕަޓްނައިކް ސީއެންެއެންއަށް ވިދާޅުވެފައި ވެއެވެ.

ގެންދަން އުޅެނީ ކޮންކަހަލަ ރަށަކަށް؟

ބަންގާޅުގެ ޑިސްޓްރިކްޓް ފޮރެސްޓް އޮފިސަރް އާމިރު ހުސައިން ޗައުދަރީ ސީއެންއެންއަށް ވިދާޅުވެފައިވާ ގޮތުގައި މައިރަށާއި 37 މޭލު ދުރުގައިވާ ތެންގަރްޗާރަކީ ބޮޑުމިނުގައި 74000 އޭކަރު ހުންނަ، މޫސުމީ ވިއްސާރައިގައި ފަސޭހައިން ފެންބޮޑުވާ، ބުންގަނޑު ތިރި ރަށެކެވެ.

އެރަށަށް ރޯހިންޔާ ދަރިކޮޅުގެ ބަޔަކު ބަދަލުކުރުމާ ދެކޮޅަށް ޖަމިއްޔާތަކުން ވާހަކަ ދައްކަން ފެށުމުން ބަންގާޅު ކަނޑުގެ ސިފައިން ވަނީ ރަށުގެ ސާވޭއެއް ކޮށްފައެވެ. ސާވޭއަށް ފަހު އެމީހުން ބުނީ ގޮނޑޮދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކެއް ކޮށްފި ނަމަ އެރަށަކީ މީހުންނަށް ދިރިއުޅެވިދާނެ ރަށެއް ކަަމަށެވެ. އެނަތީޖާއާ އެކު ސަރުކާރުން ވަނީ ރޯހިންޔާ މީހުން އެރަށަށް ގެންދިއުމުގެ ޕްލޭނާ އެއްގޮތަށް ގެންދާނެކަން އިއުލާނުކޮށްފައެވެ.

ބަންގާޅު ސަރުކާރުގެ ޕްލޭނުގައި ވަނީ 1500 ބެރެކް ހައުސް އެޅުމާއި 120 ޝެލްޓާ ސެންޓަރު އެޅުމަށެވެ.

ރޯހިންޔާ މީހުންނަށްޓަކައި ހިންގާ އެހެން މަޝްރޫއުތައް

ތެރެންގްޗާރް ޖަޒީރާއަށް މީހުން ލުމުގެ ރޭވުމުގެ އިތުރުން ރޯހިންޔާ މީހުންނަށް ޓަކައި ބަންގާޅުން އަންނަނީ އެހެން ބައެއް މަޝްރޫއުތައް ވެސް ހިންގަމުންނެވެ. އެގޮތުން ރޯހިންޔާ މީހުންގެ ވަގުތީ ހިޔާތައް މިހާރުވެސް ހުރި ކޫޓަޕަލޯންގްގައި 3000 އޭކަރުގެ ރެފިއުޖީ ކޭމްޕެއް ވެސް އަންނަނީ ބިނާކުރަމުންނެވެ.