ކުޅިވަރު

ޓީޓީގެ ސަރަހައްދީ ޖޫނިއާ އިވެންޓް ރާއްޖޭގައި

Dec 6, 2017

ދެކުނު އޭޝިއާގެ ގައުމުތަކުގެ ޖުނިއާ ޓީޓީ ކުޅުންތެރިންނަށް ހާއްސަކޮށް ބާއްވާ ސައުތު އޭޝިއާ "ހޯޕްސް ވީކް" ރާއްޖޭގައި މިހަރު ދަނީ ކުރިއަށެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި ސަރހައްދުގެ ތިން ގައުމެއްގެ ކުޅުންތެރިން ވާދަ ކުރެ އެވެ.

މި ހަރަކާތަކީ އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑްރޭޝަން (އައިޓީޓީއެފް) ން ސީދާ ބާއްވާ އިވެންޓެކެވެ. ގާތްގަނޑަކަށް އެއް ހަފުތާގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގެ އިވެންޓްތައް ބާއްވަމުން ދަނީ ހުޅު މާލޭ ގާޒީ ސްކޫލްގަ އެވެ.

މި އިވެންޓްގެ ފުރަތަމަ އޮންނަނީ ފަސް ދުވަހުގެ ޓްރެއިނިން ކޭމްޕެކެވެ. މިއަދަކީ ޓްރެއިނިން ޕްރޮގްރާމްގެ އެންމެ ފަހު ދުވަހެވެ. ޓްރެއިނިން ކޭމްޕަށްފަހު ބާއްވާ ވަންޑޭ ޓޯނަމަންޓް މަދަމާ އޮންނާނެ އެވެ. ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިއުމަށް، އައިޓީޓީއެފް އިން ވަނީ އެ ފެްޑްރޭޝަންގެ ކޯޗެއް ފޮނުވާފަ އެވެ. މުބާރާތްވެސް ކުރިއަށް ގެންދާނީ ވެސް އައިޓީޓީއެފްގެ ކޯޗްގެ ބެލުމުގެ ދަށުން ނެވެ.

ރާއްޖޭގެ އިތުރުން، ޓިޓީގެ މި އިވެންޓްގައި ވާދަ ކުރަނީ އިންޑިއާ އާއި ޕާކިސްތާނާއި ޝްރީލަންކާ އެވެ. އެއިން ކޮންމެ ގައުމަކުންވެސް ހަތަރު ކުޅުންތެރިންނެވެ. އައީ އަންހެން އަދި ފިރިހެން ކެޓަގަރީން، ކޮންމެ ކެޓަގަރީ އަކުން ދެ ކުޅުންތެރިންނެވެ. ރާއްޖޭގައި މުބާރާތް ހޯސްޓް ކުރާތީ ރާއްޖެއަށް އަށް ކުޅުންތެރިން ބައިވެރި ކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ކޮންމެ ޖިންސަކުންވެސް ހަތަރު ކުޅުންތެރިންނެވެ. މުބާރާތުގައި ބައިވެރި ކުރާ އުމުރުން 11 އަހަރާއި 13 އަހަރާ ދެމެދުގެ ކުޅުންތެރިންނެވެ.

މި އިވެންޓާއެކު، ޓީޓީ އެސޯސިއޭޝަންގެ އަމާޒަކީ، ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމެވެ.