މި ސަރުކާރުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާ ކުރި ކަމުގެ ތުހުމަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފްގެ ބައްޕަ މުހައްމަދު ހައްސާން ފުލުހަށް ހާޒިރު ކުރަން ޗިޓު ފޮނުވައިފި އެވެ.
ހައްސާން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރުފަހު 3:00 އަށެވެ. ފުލުހަށް ހާޒިރުވުމަށް އެދި ހައްސާނަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރު ކުރަނީ މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ހައްސާން އިސްވެ ހުރެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބަޔާން ނެގުމަށް ކަމަށެވެ.
އެކަމާ ގުޅޭގޮތުން މަހްލޫފް ވިދާޅުވީ ފުލުހަށް ހާޒިރުކޮށްގެން ދައްކާ ބިރަކަށް އޭނާގެ ބައްޕަ އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އެމްޑީޕީން މީގެ ކުރިން ވަނީ ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދަށްފަހު ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް ދުއާކޮށްފަ އެވެ. އަދި މީގެ ކުރިން މަހުލޫފްގެ ބައްޕަ ވަނީ އިސްލާމީ މަރުކަޒު ސަރަހައްދުގައި ކުރަމުން އަންނަ އެ ދުއާގައި ބައިވެރިވަމުން ދަނިކޮށް ހައްޔަރުކޮށްފަ އެވެ. އެފަދަ ދުއާތައް ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީންވަނީ މީގެ ކުރިން ބުނެ އިންޒާރުކޮށްފަ އެވެ.