ދުނިޔެ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

މުސްލިމުންގެ ތިން ވަނަައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެރަށެއްގައިވާ ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެެރިކާއިން ބަލައި ގަނެ، ރައީސް ޑޮނަލްޑް ޓްރަމްޕް އެކަން ދާދި ދެންމެއަކު ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.

އެކަން އެގޮތަށް ނުކުރުމަށް އަރަބި ގައުމުތަކުގެ ލީޑަރުން ގޮވާލާފައި ވަނިކޮށް ވައިޓްހައުސްގައި ޓްރަމްޕް މިރޭ ބޭއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް މިއަދުން ފެށިގެން އެމެރިކާއިން ގަބޫލު ކުރާ ކަމަށެވެ. އަދި އެއީ އެމެރިކާއިން ހަގީގަތާ އެއްކޮޅަށް ނިންމި ރަނގަޅު ނިންމުމެއް ކަމަށާއި އެއީ ނިންމަން ޖެހިފައި އޮތް ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއީ އެދެ ގައުމުގެ ސުލްހަޔަށް އެޅިގެން ދިޔަ އިތުރު ފިޔަވަޅެއް ކަމުގައި ދެކެން،" ޓްރަމްޕް ވިދާޅުވި އެވެ.

މި ނިންމުމުގެ ސަބަބުން ފަލަސްތީން އަދި އިޒްރޭލުގެ މައްސަލަ އިތުރަށް ހޫނުވުމުގެ ބިރު އެބަ އޮތެވެ. ޓްރަމްޕް ވިދާޅުވީ މި ނިންމުމުގެ ސަބަބުން، އިޒްރޭލާއި ފަލަސްތީނުގެ ވަކި މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އެމެރިކާއިން ތާއީދު ކުރާ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި މިނިވަން ދެ ދައުލަތް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތް އެ ގައުމުން ކުރާނެ ކަމަށެވެ.

އެމެެރިކާ އެމްބަސީ މިހާރު ހުންނަނީ ތެލްއަވީވްގަ އެވެ. ގުދުސަކީ އިޒްރޭލުން 1967 ވަނަ އަހަރު ހިފާފައިވާ ރަށެކެވެ. އެރަށް އެއީ އިޒްރޭލުގެ ތަނެއް ކަމަށް އދ. އިން ވެސް ބަލައެއް ނުގަނެ އެވެ. ނަމަވެސް އިޒްރޭލުން ދަނީ އެރަށުގައި ޔަހޫދީން އާބާދުކޮށް، އެތަނުގައިވާ މުސްލިމުންގެ މުގައްދަސް ތަންތަނަށް ގެއްލުން ދެމުންނެވެ. އެމްބަސީ ގުދުސަށް ބަދަލު ކުރުމަކީ ޓްރަމްޕްގެ ކެމްޕޭން ވައުދެކެވެ. ޓްރަމްޕް ރައީސް ކަމަށް ވަޑައިގެންނެވީ އެމެރިކާގެ ޔަހޫދީންގެ ބޮޑު ތާއީދަކާ އެކުގައެވެ. އޭނާގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާއަކީ ވެސް ޔަހޫދީއެވެ.