ކުޅިވަރު

ރަޝިއާއިން އޮލިމްޕިކްސް ބޮއިކޮޓް ނުކުރާނެ

Dec 7, 2017

މަނާ ބޭސް ބޭނުން ކުރިކަން ސާބިތުވެ، އަންނަ އަހަރު ދެކުނު ކޮރެއާގެ ޕިޔޮންގްޔަންގައި ބާއްވާ ވިންޓާ އޮލިލިމްޕިކްސްގައި ރަޝިއާއަށް ވާދަ ނުކުރެވޭ ގޮތަށް، ސަސްޕެންޑް ކުރި ނަމަވެސް ރަޝިއާއިން އޮލިމްޕިކްސް ބޮއިކޮޓް ނުކުރާނެ ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ގިނަ އަދަދެއްގެ އެތުލީޓުން މަނާ ބޭސް ބޭނުން ކުރިކަން ސާބިތު ވުމުން އިންޓަނޭޝނަލް އޮލިމްޕިކް ކޮމިޓިން ވަނީ ރަޝިއާ ތަމްސީލު ކުރުމުގެ ފުރުސަތު އެއްވެސް އެތުލީޓަކަށް ނުދޭ ގޮތަށް ނިންމާފަ އެވެ. ނަމަވެސް ރަޝިއާގެ ވަކިވަކި އެތުލީޓުންނަށް ފަރުދީ ގޮތުން އޮލިމްޕިކްސްގައި ވާދަ ކުރެވޭނެ އެވެ.

މިދިޔަ އަންގާރަ ދުވަހު އައިއޯސީން، ރަޝިއާ ސަސްޕެންޑް ކުރުމުން، ރަޝިއާއިން އޮލިމްޕިކްސް ބޮއިކޮޓް ކުރާނެ ކަމަށް ވާހަކަ ދެކެވުނެވެ. އަންނަ އަހަރު ބާއްވާ ރަޝިއާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވަމުން ޕުޓިން ވިދާޅުވީ، އައިއޯސީން ރަޝިއާ ސަސްޕެންޑް ކުރި ނަމަވެސް އޮލިމްޕިކްސް ބޮއިކޮޓް ކުރުމުގެ ވިސްނުމެއް ރަޝިއާ ނުގެންގުޅޭ ކަމަށެވެ.

އޮލިމްޕިކްސް ބޮއިކޮޓް ކޮށްފިނަމަ، އޭގެ މާނައަކީ އަމިއްލަ ހައިސިއްޔަތުންވެސް އެ ގައުމެއްގެ އެތުލީޓަކަށް ގޭމްސްގައި ބައިވެރި ވުމުގެ ފުރުސަތު ނުލިބުމެވެ.

"އަންނަ އަހަރުގެ [ވިންޓާ] އޮލިމްޕިކްސް އަކީ ބައެއް އެތުލީޓުން އުމުރު ދުވަހު ކުރި މަސައްކަތް، އެ ގޭމްސް އަށް ތައްޔާރު ވުމަށް، އެހެންވެ އެ އެތުލީޓުންނަށް އޮލިމްޕިކްސްގެ ދޮރު ބަންދުވާނެ ފަދަ އެއްވެސް ކަމެއް އަހަރެމެން ނުކުރާނަން." ޕުޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަޝިއާގެ އެއްވެސް ފެޑްރޭޝަނަކުން، އިންޓަނޭޝަނަލް އޮލިމްޕިކްސްގެ އުސޫލުތަކާ ހިލާފު ވުމަށް އެއްވެސް އެތުލީޓަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށެވެ. އަހަންނަ އަހަރަކީ ކުޅިވަރުގައި ރަޝިއާ އަށް މުހިންމު އަހަރެކެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ ވޯލްޑް ކަޕް ރަޝިއާގައި ބާއްވާ އަހަރެވެ.