ކުޅިވަރު

ސިޓީ ބަލި ކޮށްލުމަށްފަހު ޝެކްޓާގެ ކޯޗް "ޒޯރޯ" އަށް

Dec 7, 2017

ޗެމްޕިއަންސް ލީގްގައި ޝެކްޓާ ޑޮނެސްކް އަތުން 2-1 ބަލިވެ، މި ސީޒަންގައި މެންޗެސްޓާ ސިޓީ ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ.

ސިޓީ މެޗަކުން ބަލިވީ 227 ދުވަހަށް ފަހު އެވެ. ސިޓީގެ މެޗަށް ފަހު، އެންމެ ބޮޑު ސަމާލު ކަމެއް ލިބުނީ ޝެކްޓާގެ ކޯޗް ޕައުލޯ ފޮންސެކާ އަށެވެ. މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސަށް އޭނާ އައީ ޒޯރޯ ކާޓޫންގެ ކެރެކްޓާ ސިފަ ވާ ގޮތަށް އެ ހެދުމު ގައެވެ.

ޔޫކްރޭންގެ ޗެމްޕިއަން ޓީމުގެ ސަޕޯޓަރުންނަށް އޭނާ ވެފައި އޮތް ވައުދަކީ، މި ސީޒަންގެ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރަށް އެ ޓީމު ގެންގޮސް ދޭނެ ކަމުގެ ވައުދެވެ. ރޭ ގެ މެޗުން މޮޅުވެ އެޓީމަށް ވަނީ ދެ ވަނަ ބުރުގެ ޖާގަ ޔާގީން ކޮށްފަ އެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި އެންމެ ޖޯޝްގައި ގެންދާ ޕްރެސް ކޮންފަރެންސް،" ޕޯޗްގަލް އަށް ނިސްބަތްވާ ފޮންސެކާ ބުންޏެވެ. "އަހަރެން މިހުރީ ވަރަށް ޖޯޝްގައި، އަހަންނަށް ހީވަނީ ޝެކްޓާގެ ސަޕޯޓަރުން އެކަންޏެއް ނޫހެން، މުޅި ޔޫކްރޭން އަހަރެމެންގެ ޓީމާ މެދު ފަހްރުވެރި ވާނެ."

މެޗުގައި ޝެކްޓާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ބާނާޑް އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އިޒްމާއިލީ އެވެ. ސިޓީގެ ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ސާޖިއޯ ކުން އަގްއޭރޯ އެވެ.

އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ސިޓީގެ ކުޅުންތެރިންގެ ރަނގަޅަކަށް ޓަކައި ސިޓީ ބަލިވާން ޖެހޭ ކަމަށެވެ. އަބަދު މޮޅު ވަމުން ދާނަމަ ކުޅުންތެރިންގެ ފޯކަސް ގެއްލޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ. ދެން ސިޓީއަށް އޮންނާނީ އަދިއްތަ ދުވަހު ވާދަވެރި މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ރޭގެ މެޗުގައި، ސިޓީގެ ފުރަތަމަ 11 ގައި ހިމެނިގެން ނިކުތް ފިލް ފޮޑެން އަކީ، ޗެމްޕިއަންސް ލީގްގައި އިނގިރޭސި ޓީމެއްގެ ފުރަތަމަ 11 ގައި ހިމެނިގެން ނިކުތް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ފޮޑެންގެ އުމުރަކީ 17 އަހަރެވެ.

މި ގުރޫޕްގައި ހިމެނޭ، ނަޕޮލީ އަށް ދެވަނަ ބުރުން ޖާގަ ނުލިބެ އެވެ. ހޮލެންޑްގެ ފޭނޫޑް އަތުން ނަޕޮލީ ބަލިވީ 2-1 ން ނެވެ.