އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެގައި ވަނީ މުސްލިމުންނާއި ނަސޯރާއިންގެ ވެސް މުގައްދަސް ބިމެއް ކަމަށްވާ ގުދުސަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައި ގަންނަ ކަން އިއުލާނު ކުރައްވާފައެވެ. މިއީ އެމެރިކާއިން އެތައް އަހަރެއް ވަންދެން އެެރަށާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުމެކެވެ.
ޓްރަމްޕް އިއުލާނު ކުރެއްވި އަނެއް ކަމަކީ އިޒްރޭލު އުފެއްދި އިރު އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅި ތެލްއަވީވްގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށްް ފެށި ކަމެވެ. މި ދެކަންތަކަކީ ވެސް އެކަމާ ގުޅިގެން އިސްލާމީ ދުނިޔޭގެ އާއްމުންގެ މެދުގައި ބޮޑު ރުޅިވެރިކަމެއް އުފެދޭނެ ކަމެކެވެ.
އެފަދަ ބޮޑާ ނިންމުމާ އެކުގައި ވެސް ޓްރަމްޕް ވިދާޅުވީ އެ ނިންމެވުމަކީ މެދު އިރުމަތީގެ ސުލްހައަށް ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅެެއް ކަމަށެވެ.
"..އެގައުމުގެ ވެރިރަށް ކަނޑައެޅުމުގެ ހައްގު މިނިވަން މުސްތަގިއްލު އެހެން ގައުމުތަށް ވެސް އޮންނަ ފަދައިން އެހައްގު އޮންނަ މިނިވަން ދައުލަތެއް އިޒްރޭލަކީ. މިހަގީގަތް ގަބޫލު ކުރުމަކީ ސުލްހަ ހާސިލުކުރުމަށް ޓަކައި ގަބޫލުކުރަން ޖެހޭ މުހިއްމު ޝަރުތެއް،" " ޓްރަމްޕް އިއްޔެގެ ހިތާބުގައި ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ އަދި ވިދާޅުވީ ގުދުސަކީ ގަދީމީ ޒަމާނުގައި ވެރިރަށެއްގެ ގޮތުގައި ޔަހޫދީން ގާއިމް ކުރި ތަނެއް ކަމަށެވެ. އެވާހަކަފުޅަކީ އަރަބީން ވަރަށް ރުޅި އަންނާނެ ވާހަކަފުޅެކެވެ. އެހެނީ ގުދުސާއި ޔަހޫދީންނާ ދެމެދު ތާރީހީ ގުޅުމެއް އޮތް ކަމަށް އަރަބީންގެ މީހުން ގަބޫލެއް ނުކުރެއެވެ. އަދި އެކަން ގަބޫލު ކުރާ މީހުން ވެސް ގަބޫލުކުރަނީ ގުޅުމެއް އޮތް ނަމަވެސް އޮތީ ވަރަށް ކުޑަކޮށް ކަމަށެވެ.
ގުދުސާ މެދު އަރައިރުން ވަނީ ކީއްވެ؟
އެތައް ހާސް އަހަރެއް ކުރިއްސުރެ ޝަހަރެއްގެ ދަރަޖައަށް ކުރިއަރައި ގޮސްފައިވާ ގުދުސްގެ މިލްކުވެރި ކަމާއި މެދު މުސްލިމުންގެ އިތުރުންް ސަމާވީ އަނެއް ދެ ދީނުގެ މީހުން ވެސް ދައުވާ ކުރެއެވެ. އެކަމުގެ ތާރީހީ މުހިއްމު ސަބަބުތައް ވެސް އެބަ ހުއްޓެވެ. ގުދުސާ މެދު ޔަހޫދީން ކުރާ ދައުވާއަކީ އެރަށް ބިނާކޮށް ތަރައްގީ ކުރީ އެމީހުން ކަމަށެވެ.
ނަމަވެސް އެއީ ދޮގު ދައުވާއެކެވެ. އެހެނީ އެރަށަކީ ޔަހޫދީންގެ އަސްލު ކަމަށްވާ ޔަޢުޤޫބު ޢަލައިހިއްސަލާމްގެ ބޭފުޅުން އެރަށަށް ވަޑައިގެންނެވުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާކޮށްފައިވާ ރަށެކެވެ.
ގުދުސްއަކީ ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ތެރެއިން އެމީހުންގެ ގާތަށް ފޮނުއްވި ދެ ނަބީ ރަސްކަލުން ކަަމަށްވާ ދާއޫދު އަލައިހިއް ސަލާމް އާއި ސުލައިމާން އަލައިހިއިްސަލާމްގެ ރަސްކަމުގެ ވެރިރަށެވެ. ނަމަވެސް އެދެބަފައިކަލުންނަކީ ވަށައި ފާރުލާފައިވާ ބޮޑު ޝަހަރެއްގެ ގޮތުގައި އެރަށް އޮންނަތާ އެތައް ހާސް އަހަރެއް ފަހުންނެވެ.
ބަނީ އިސްރާއިލުންގެ ތެރެއިން ވަޑައިގެންނެވި ރަސޫލު ބޭކަލެއް ކަމަށްވާ ޢީސާ ޢަލައިހިއްސަލާމް ވެސް އެރަށުގައި ދިރިއުޅުއްވާފައި ވެއެވެ.
ތާރީހީ މި ހަގީގަތްތަކާ މެދު މުސްލިމުންވެސް ހިލާފެއް ނުވެއެވެ. މުސްލިމުން ގަބޫލުކުރަނީ އެ ބޭބޭކަލުންގެ އަގީދާއިން ޔަހޫދީންނާއި ނަޞާރާއިން ބޭރުވެފައި ވާތީ އެއިން އެއްވެސް ބޭކަލެއްގެ ވާރިސުން ކަމުގައި ވެސް އެމީހުން ނުވާނެ ކަމަށެވެ. އެގޮތުން ބެލިޔަސް ޔަހޫދީންނަކަށް ގުދުސްގެ މިލްކުވެރިކަމާ މެދު ކުރެވޭނެ ދައުވާއެއް ނެތެވެ.
ނަމަވެސް އެ ދައުލަތް އުފެއްދި އިރު މުޅި ގުދުސް އެކުގައި އިޒްރޭލަށް ދީފައެއް ނުވެއެވެ. ތިން ދީނުގެ މުގައްދަސް ތަންތަން ހުންނަ އިރުމަތީ ގުދުސްއާ މެދު އޮތީ ގޮތެއް ނުނިންމައެވެ. އެކަން އެހެން އޮއްވައި 1967 ވަނަ އަހަރު އިޒްރޭލާ އަރަބީންނާ ދެމެދު ހިނގި ހަނގުރާމައިގައި އިޒްރޭލުން އެރަށް ވަނީ ހިފާފައެވެ.
އެހިސާބުން އދ. އިން ކަނޑައަޅާފައި ވަނީ އެ ސަރަހައްދަކީ ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިފާފައިވާ ސަރަހައްދެއް ކަމަށާއި އެތަނަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެ ކަމަށެވެ. އެގޮތުން އެތަނުގައި ކުރިއްސުރެ ދިރިއުޅުނު ޔަހޫދީން ފިޔަވައި ޔަހޫދީން އެތަނުގައި އާބާދު ނުކުރުމަށް ވެސް ކަނޑައަޅާފައި ވެއެވެ. އޭރު އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އޮތީވެސް ތެލް އަވީވްއެވެ. އިޒްރޭލުގެ ވެރިރަށެއްގެ ގޮތުގައި ބައިނަލް އަގުވާމީ މުުޖުތަމައުން ގަބޫލު ކުރަނީވެސް ތެލް އަވީވެވެ. ނަމަވެސް އިރްރޭލުން ވަނީ އެމީހުންގެ ވެރި ރަށަކީ ގުދުސް ކަމަށް ކަނޑައަޅައި އެތަނަށް އޮފީސްތައް ބަދަލުކޮށްފައެެވެ. އެތަނުގައި ޔާހޫދީން އާބާދު ކުރުމުގެ މަސައްކަތް ވެސް ކެނޑިނޭޅި ގެންދަނީ ކުރިއަށެވެ.
ސުލްހައަށް ގުދުސް މުހިއްމު ވަނީ ކީއްވެ؟
މެދު އިރުމަތީގެ ސުލްހައަށް މަސައްކަތް ކުރާ މީހުން ގަބޫލުކުރާ ހަގީގަތެއް ވެއެވެ. އެއީ ނުހައްގުން ބިންތައް ފޭރިގަނެގެން އުފެއްދިޔަސް، ޔަހޫދީ ދައުލަތް މިހާރު އެއޮތީ ދެން ނައްތައި ލެވޭ ވަރަށް ގާއިމްވެފައި ކަމެވެ. އެހެންވީމާ ދެން ސުލްހަވާން އޮތް ހަމަ އެކަނި މަގަކީ އިޒްރޭލުވެސް ދެމި އޮތުމާ އެކު ފަލަސްތީނު މީހުންނަށް ވެސް އެމީހުންގެ ހައްގުތައް ލިިބި މިނިވަންކަމާ އެކު ދިރިއުޅޭނެ ގައުމެއް ލިބުމެވެ.
" ޓޫ ސްޓޭޓް ސޮލިއުޝަން" އަކީ އެގޮތުން އުފެދުނު މަފްހޫމެކެވެ. އެ މަފްހޫމުގެ އެންމެ މުހިއްމު ނާރެހަކީ ގުދުސެވެ. އެހެނީ ފަލަސްތީނު މީހުން އެދެނީ އެމީހުންނަށް އުފައްދާ ދައުލަތުގެ ވެރިރަކަށް ވާން ޖެހޭނީ ގުދުސް ކަމަށެވެ. ދެ ދައުލަތް އޮންނަ ހައްލު ހޯދަން ވަކާލާތު ކުރާ ދުނިޔޭގެ އެހެން ގައުމުތަކުން އެދެނީ ފަލަސްތީނު މީހުންގެ ދައުލަތުގެ ވެރިރަށަަކަށް ގުދުސްގެ އެއްބައި ހެދިދާނެ ކަމަށެވެ. ނަމަވެސް އިޒްރޭލު އުފެދުނު އިރު އެމީހުން އަތުލާފައިވާ ބައި އެމީހުންނަށް ބޭއްވުމަށެވެ.
ނަމަވެސް އިޒްރޭލުން އަބަދުވެސް ބުނަނީ ގުދުސަކީ ދެބަހެއް ނެތި އެމީހުންގެ ތަނެއް ކަމަށެވެ. ފަލަސްތީނު މީހުންނަށް މިނިވަން ދައުލަތެއް އުފެއްދުމާ ވެސް އެމީހުން ދެކޮޅުވާ މައިގަނޑު އެއް ސަބަބަކީ އެއެވެ. އެހެންވީމާ އިޒްރޭލުން އަބަދުވެސްް މަސައްކަތް ކުރަނީ އެ މުޅި މަޝްރޫއު ތޮޅިއަށް ދުއްވާލައި، އެކަން އެއްގޮތަކަށް ވެސް ވިޔަ ނުދިނުމެވެ.
ޓްރަމްޕްގެ ފިޔަވަޅުން ވާނީ ކިހިނެތް؟
އެމެރިކާއަކީ އެމީހުންނަށް ތަބާވާ ގިނަ ގައުމުތަކެއް ތިބި ގައުމެކެވެ. އެމެރިކާއިން އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައި ގަތުމަކީ އެކަން އެހެން ކުރުމަށް އެހެން ގައުމުތަކަށް ވެސް ބާރު އަޅަން ފަށާ މަސައްކަތެކެވެ. އދ.ގައި އެމީހުން ނިންމާ ނިންމުންތައް ވެސް ދެން ބިނާ ވާނީ އެ ސިޔާސަތުގެ މައްޗަށެވެ. އެހެންވީމާ، ގުދުސް ހިމާޔަތް ކުރުމަށް އދ. އިން ކުރިން ފާސްކޮށްފައިވާ ގަރާރުތަކަށް ވެސް ދެން ލޮޅުން އަރާނެއެވެ.
ކަން މިހެން ވުމުން، މިނިވަން ދައުލަތެއް އުފައްދަން ފަލަސްތީނު މީހުން ކުރި އުއްމީދު މަޑުމަޑުން ފަނޑުވާނެއެވެ. އަރަބީންގެ އާއްމުންގެ ކެތްތެރި ކަމުގެ މައިގަނޑު ސަބަބަކީ ދައުލަތެއް އުފައްދަން އުޅޭ ކަމަށް އެމީހުންގެ ވެރިން ދީގެން އުޅޭ އުއްމީދެވެ. އެމީހުންގެ ވެރިން ވިސްނައިދީފައި އޮންނަނީ އެމެރިކާއާ ބައިވެރިވެގެން ކުރަން އުޅެނީ އެކަން ކަމަށެވެ.
އަރަބީންނަށް އޮޅުވާލާފައި އޮތް އެ ބޮޑު އޮޅުވައިލުމުގެ ހަގީގަތް ޓްރަމްގެ މި ނިންމެވުމާ ގުޅިގެން މާ ބޮޑަށް ސާފު ވެގެންދާނެއެވެ.
އިސްލާމިކް ސްޓޭަޓް( އައިއެސް) އާއި އަލް ގައިދާ ފަދަ ޖަމާއަތްތަކުން މުސްލިމުންނަށް ހާމަކޮށްދޭން ބޭނުންވާ ހަގީގަތަކީވެސް މިއެވެ. އެހެންވީމާ އެމީހުންނަށް ލިބުނު މިއީ ވަރަށް ބޮޑު ކާމިޔާބެކެވެ. މިނިވަން ކަމަށް ހަނގުރާމަ ކުރުން ނޫން އެހެން ގޮތެއް ނެތްކަމުގެ ވިސްނުން ދެން ފެތުރޭނީ ވަރަށް ބާރަށެެވެ. އެހެންވީމާ މިހާރުވެސް ރޯވެފައިވާ ހަނގުރާމައިގެ ހުޅުގަނޑު ދެން ފެތުރިގަންނާނެ ކަމަށް ބެލެވެނީ ވަރަށް ބާރަަށެވެ.
އަރަބި ގައުމުތަކުގެ ވެރިން ހަގީގަތުގައި ފާޅުކުރަމުން އެދާ ކަންބޮޑުވުމަކީ ވެސް އެޔެވެ. އެމެރިކާއާ ބައިލަވައިގެން ތިބި ބަޔަކަށް ވާތީ އެހަނގުރާމަ އެމީހުންނަށް ވެސް އަމާޒުވާނެކަން އެނގޭތީއެވެ.