ފެޝަން

ބޮލީވުޑްގެ އާ ޓްރެންޑަކީ ހުޅި

މިފަހަކަށް އައިސް ބޮލީވުޑްގެ ބަތަލާއިން ޖިމަކުން ނިކުތަސް އެއާޕޯޓުން ފެނުނަސް އަދި ރެސްޓޯރަންޓްތަކުން ނިކުންނަނިކޮށް ނުވަތަ ހަފްލާތަކާއި ފިލްމުތަކުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބައިވެރިވިޔަސް ސްޓައިލިޝްކޮށް އަޅާ ހެދުންތަކާ އެކު ފެންނަނީ އިސްތަށިގަނޑު ނިކަން ސާދާކޮށް ނުވަތަ ސިމްޕަލްކޮށް ގެންގުޅޭ ތަނެވެ.

ގޮތްބޮޑު ހެދުންތަކާއެކު މިފަހަކަށް އައިސް ފެންނަނީ ކޮންމެ ބަތަލާއެއްގެ ބޮލު މެދަށް ބޮޑު ހުޅިއެއް ނުވަތަ ޓޮޕް ނޮޓް ބަންއެއް ޖަހާފައި ހުންނަ ތަނެވެ.

ބޮލީވުޑްގެ ތަރިން ދާ ކޮންމެ ތަނަކަށް އެމީހުންގެ ހިޔަންޏެކޭ އެއްގޮތަށް ފަސް ފަހަތުން ފާރަލަމުން ދުވާ ޕަޕަރާޒީންގެ ކެމެރާތަކަށް މިފަހުން އަރާފައިވާ ބަތަލާއިންގެ ތެރެއިން ހުރިހާ ބަތަލާއިންނެއް މިހާރު ފޮލޯކުރާ ޓްރެންޑަކީ ބޮޑު ހުޅި އެވެ. ފަހަރުގައި މިއީ ބޮލީވުޑްގެ އެންމެ ފަހުގެ ޓްރެންޑަށް ވީ ވެސް ހުރިހާ ބަތަލާއިންނެއް ކަހަލަ ގޮތަކަށް ހުޅި ޖަހަން ފެށުމުން ކަމަށްވެދާނެ އެވެ.

ޖިމަށް ކަސްތަރު ކުރަން ދިޔަޔަސް ނުވަތަ ތަނަކަށް ދަތުރުކުރަން އެއާޕޯޓަށް ދިޔަޔަސް ބޮލީވުޑްގެ ބަތަލާއިން ނަލަވެގެން ތިބޭނީ ރަންވޭއެއްގައި ހިނގާލަން މޮޑަލުން ތައްޔާރުވާހެނެވެ. އަޅާ ޒަމާނީ ހެދުންތަކާ އެއްގޮތަށް އެމީހުންނަކީ ފަހުގެ ސްޓައިލަށް އިސްތަށިގަނޑު ވެސް ސްޓައިލް ކުރާ ތަރިންނެވެ.

ބޮޑު ހުޅީގެ ޓްރެންޑް ބޮލީވުޑްގައި ޖެހިގެން އުޅެނީ މަޝްހޫރު އޭ ލިސްޓް ބަތަލާއިންގެ މެދުގައި އެކަންޏެއް ނޫނެވެ. ކުރީގެ މަޝްހޫރު ބަތަލާއިންގެ ތެރެއިން ސްރީދޭވީ ފަދަ ތަރިން އިން ފެށިގެން އަލަށް ބޮލީވުޑަށް ނިކުތުމުގެ މަގުމަތީގައި އުޅޭ ޖާންވީ ކަޕޫރާއި އާއި ސާރާ އަލީ ޚާންގެ މެދުގައި ވެސް ބޮޑު ހުޅި ސްޓައިލް ވަރަށް މަގުބޫލެވެ.

ބޮލީވުޑްގައި ބޮޑުހުޅީގެ ސްޓައިލް ފައްކާކުރި ބަތަލާ އަކީ ކަރީނާ ކަޕޫރެވެ. އަލަތު ދަރިފުޅު ތައިމުރް ވިހައިގެން ހިކެން ޖިމަށް ދާން ކަރީނާ ފެށި ހިސާބުން އޭނާ ފޮލޯކުރަމުން އައި ކެމެރާތަކަށް އެންމެ ފާހަގަވެފައިވާ ކަމަކީ ބޮލު މެދަށް ނިކަން ރީތިކޮށް ޖަހާފައި ހުންނަ ހުޅި އެވެ.

އޭގެފަހުން ކަރީނާ އާއެކު ޖިމަށްދާ ގާތްއެކުވެރިޔާ އަމްރިތާ އަރޯރާ އާއި އޭނާގެ ދައްތަ މަލައިކާ އަރޯރާގެ ޖިމް ލުކް ވެސް ފުރިހަމަވާން ފެށީ ހުޅި އަކާ އެކު އެވެ.

އިސާހިތަކު ބޮލީވުޑްގެ ބަތަލާއިންގެ މެދުގައި ބޮޑު ހުޅި މަގުބޫލުވެ ޒުވާން ބަތަލާއިންގެ މެދުގައި ވެސް މި ހުޅި ވަނީ ވަރަށް ވައިގަ ހިފާފަ އެވެ. އަބަދުވެސް ސިމްޕަލް މޭކަޕާއެކު ހުންނަ ބަތަލާ އާލިއާ ބަޓް ވެސް މިފަހަކަށް އައިސް އެންމެ ސިމްޕަލްކޮށް އިސްތަށިގަނޑު ސްޓައިލްކޮށްލަން ބޭނުންނަމަ ޖަހާލަނީ ހުޅި އެކެވެ. ދިޕިކާ ޕަދުކޯން އާއި އަނުޝްކާ ޝަރްމާ އަދި އިލިއާނާ ޑިކްރޫޒް ފަދަ ބަތަލާއިންނަކީ ވެސް މި ބޮޑު ހުޅި ޓެރެންޑް ފޮލޯކުރަމުން އަންނަ ތަރިންނެވެ.

ޓޮޕް ނޮޓް ބަން ސްޓައިލާ ގުޅޭގޮތުން މޭކަޕް އާޓިސްޓުން ބުނަނީ މަޝްހޫރު ސެލެބްރިޓީންގެ މެދުގައި މި ސްޓައިލް މިހާ ބޮޑަށް މަގުބޫލުވެގެން ގޮސްފައިވަނީ އެމީހުންގެ ފަހަތުން އަބަދުހެން ޕަޕަރާޒީން ދުވާއިރު ރީތިކޮށް އިސްތަށިގަނޑު ބާއްވަން ސަމާލުކަން ދޭން ޖެހޭލެއް ބޮޑުއިރު ހުޅި ޖެހުމުން ގިނައިރު ރީތިކޮށް އިސްތަށިގަނޑު އޮންނާނެތީ އެވެ. އަދި ބައެއް ބަތަލާއިން ހުޅި ޖެހުމުން މޫނު ހިމަކަށް ދައްކާތީ މިއީ ވެސް ކެމެރާތަކަށް ހިކި ކަމަށް ދެއްކެން މިފަހަކަށް އައިސް ބޭނުންކުރާ އުކުޅެއް ވެސްމެ އެވެ