ބަޣުދާދު (18 ޑިސެމްބަރު) – އިރާގާއި ސީރިއާގައި އަތްގަދަކޮށްގެން އުޅޭ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަންހެނުން ރަހީނުކޮށް އަޅުންގެ ގޮތުގައި ގެންގުޅޭ ވާހަކަ އޮންނާނީ ފަލަ ސުރުހީތަކުން ފެނިފަ އެވެ. މިއީ އަދި އެއަށް ވުރެ ވެސް އަނިޔާވެރި ވާހަކަ އެކެވެ.
އިރާގުގެ މިނިސްޓްރީ އޮފް ހިއުމަން ރައިޓްސް އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިއެސްގެ ހަނގުރާމަވެރިންނާ ކައިވެނިކުރަން ދެކޮޅުހަދާ އަންހެނުން ކަތިލަމުންދާ ކަމަށާއި އެގޮތަށް މަރާލާފައިވާ 150 އަންހެނެއްގެ ހަށިގަނޑު އިރާގުގެ ހުޅަނގު ބިތުގައި އޮންނަ އަލް އަންބާރު ޕްރޮވިންސް އިން ފެނިފައިވާ ކަމަށެވެ.
"އަލް އަންބާރުގެ ފަލޫޖާގައި މަރާލާފައިވާ 150 އަންހެނެއްގެ ބަގުރު ވަނީ ވަޅުގަނޑެއްގެ ތެރެއިން ފެނިފައި. އެއީ އައިއެސްގެ ހަނގުރާމަވެރިންނާ ކައިވެނިކުރަން ދެކޮޅު ހެދުމާ ގުޅިގެން މަރާލާފައިވާ ބައެއް. އޭގެ ތެރޭގައި މާބަނޑު އަންހެނުން ވެސް ހިމެނޭ،" ބަޔާނުގައި ބުނެފައިވެ އެވެ.
މި ބަޔާނުގައި ބުނެފައި ވަނީ އަންބާރު ޕްރޮވިންސްގެ އުތުރު ބިތުގައި އޮންނަ އަލް ވަފާ އަވަށް އައިއެސް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސް އެ އަވަށުގެ އާންމުން ވެސް އެމީހުންގެ ގެދޮރުތަކުން ފައްސާލާފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު އެ އަވަށް ދޫކޮށް ގޮސްފައި ވަނީ މަރާލާނެ ކަމުގެ އިންޒާރު އައިއެސްގެ ހަނގުރާމަވެރިން ދިނުމާ ގުޅިގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އައިއެސްއާ ދެކޮޅު ހަދާ މީހުން ހިފައި ހައްޔަރުކޮށް ކަތިލަމުން ގެންދާއިރު ސީރިއާ އާއި އިރާގުގެ ބޮޑު ސަރަހައްދެއް ހިފުމަށް ފަހު އައިއެސް އިން ވަނީ ޚިލާފަތެއް އިއުލާނުކޮށްފަ އެވެ. އެމީހުން ބުނަނީ އިސްލާމީ އުންމަތް މިހާރު ތަބާވާން ޖެހޭނީ އެމީހުންގެ މި ޚިލާފަތަށް ކަމަށެވެ.