ވިޔަފާރި

ޓެކްސްއަށް މަކަރު ހަދާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި

ޓެކްސްއަށް ފަސޭހައިން މަކަރު ހަދައި އޮޅުވާލެވޭނެ ނިޒާމުތައް އޮންނަ ގައުމުތައް ފާހަގަކޮށް އީޔޫ އިން އެކުލަވާލައި "ނޮން ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން" ލިސްޓުގައި ބްލެކް ލިސްޓުކޮފައި ހުރި ގައުމުތަކުގެ ތެރެއިން ރާއްޖޭގެ ނަން އުނިކޮށްފި އެވެ.

ބޮޑެތި ވިޔަފާރިތަކާއި މުއްސަދިންނަށް ފަސޭހައިން ޓެކްސްއަށް މަކަރު ހަދާ އޮޅުވާލެވޭނެ ފަދަ ނިޒާމުތައް ގެންގުޅޭ ގައުމުތަކުން އެކަން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން އީޔޫ އިން އެކުލަވާލައި މި ލިސްޓްގައި ރާއްޖޭގައި ނަން އޮންނަނީ 2015 ވަނަ އަހަރުން ފެށިގެން އެވެ.

މި ކުރިއެރުމާ ގުޅިގެން ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނީ މި ލިސްޓުން ރާއްޖޭގެ ނަން އުނިކުރުމަކީ ލިބުނު ކާމިޔާބެއް ކަމަށެވެ. އެކާމިޔާބު ލިބުނީ، އެ ލިސްޓްގައި ރާއްޖޭގެ ނަން އޮންނަ ސަބަބުތައް ދެނެ ގަނެ އެކަންކަން އިސްލާހު ކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ކަމަަށް މީރާ އިން ބުންޏެވެ. މީރާއިން ބުނި ގޮތުގައި، އީޔޫގެ ލަފާގެ މަތިން ޓެކްސް ނިޒާމު ހަރުދަނާ ކުރުމަށް ބޮޑެތި ބަދަލުތަކެއް މި ވޭތުވެ ދިޔަ އަހަރުތަކުގައި ގެނެސްފައިވާނެ އެވެ.

އެގޮތުން އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑެވެލޮޕްމަންޓް (އޯއީސީޑީ)ގެ "ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޯ ޓެކްސް ޕާޕަސަންސް"ގެ މެމްބަރަކަށް ރާއްޖެވުމާއި ބައިނަލްއަގުވާމީ ޓެކުހުގެ މުޖުތަމައުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށް ޓެކްސް ނިޒާމް ހަރުދަނާ ކުރުމަށް ބައިނަލްއަގްވާމީ ޓެކުހުގެ މައިދާނުގައި ޓެކުހަށް މަކަރުހެދުން ހުއްޓުމުވަށް "އިންކްލޫސިވް ފްރޭމްވާކް" ގެ މެމްބަރަކަށް ވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވި ނިންމެވުން މީރާއިން ފާހަގަ ކުރި އެވެ.

ޓެކްސްއަށް މަކަރުހަދާ ފަރާތްތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އީޔޫއިން ދީފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ. އަދި އީޔޫ އިން އިސްނަގައިގެން ބައިނަލް އަގްވާމީ ޓެކުހުގެ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ވެސް ސަރުކާރުން އެއްބާރުލުން ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ ނަން މި ލިސްޓުން އުނިވި އިރު، އިތުރު 17 ގައުމެއް މި ލިސްޓަށް ވަނީ އިތުރުކޮށްފަ އެވެ.