ތޮއްޖެހި، އުޅެން ދަތިވެފައިވާ މާލެ ސިޓީގެ އެއްވެސް ވާހަކައަކީ ވެސް ދައްކާ ކޮޅުންލާނެ ވާހަކައަކަށް ނުވެއެވެ. ކޮންކްރީޓް "ކޮއްޓެއްގެ" ތެރެއިން ނުކުމެ ބޭރަށް ފިޔަވަޅެއް އަޅަން ބަލާއިރު ޕޭމަންޓާއި، މުޅި މަގު ފުރާލާފައި އޮންނަ ސައިކަލުތަކާއި ކާރާއި އެއިން ނުކުންނަ ދުންގަނޑާއި، ނުކެނޑޭ ބަރުގޮނުގެ އަޑުން މީހުން ތިބެން ޖެހެނީ ސަލާމަތް ނުވެވިފަ އެވެ. އެކި ދުވަސްތަކުގެ މަތިން އެކި ޝަކުވާތައް ފެންމަތިވެ އެވެ. އެއް ކަމެއް ރަނގަޅުވާ އިރު އަނެއް ހަ ކަންތައް އޮންނާނީ ބޮއްސުންލައިފަ އެވެ. ފަހަކަށް އައިސް އަނެއްކާ ވެސް އާ ޝަކުވާތަކެއް މީހުން އަންނަނީ ކުރަމުންނެވެ.
"މިވެސް ވަރުގަދަ ކަމެއް މި ކަމަކުން ސަލާމަތް ނުވެވިގެން އަބަދު އުޅެން ޖެހޭނީ،" ލޮނުޒިޔާރާތް ކޮޅުގައި ހުއްޓިލައިގެން ހުރި ދުވަސްވީ މީހަކު ބުންޏެވެ. އޭނާއަށް ސަމާލުކަން ދިނުމުން އޭނާގެ ވާހަކައިގެ ތަފުސީލެއް ދޭންވެގެން ބުނީ "ހޮޅިންގެ އަތްދަށުން ސަލާމަތް ވިޔަސް މި ހޮޅީގެ ދަށުން ސަލާމަތެއް ނުވެވުނު" ކަމަށެވެ. އެއީ ސަމާސާ ވާހަކައެކެވެ. އެކަމަކު އެއީ ދައްކަން ވެސްޖެހޭ ވާހަކައެކެވެ.
އޭނާ އެ ދެއްކީ މާލޭގެ މަގުތަކާއި ދުވާރުތައް މަތިން ފައިބަން އުނދަގޫވާ ވަރަށް ކާނުތައް މަތީގައި ބޮނޑި ބޮނޑިއަށް އަޅާފައި އޮންނަ ބޮޑެތި ފަލަ ހޮޅިތަކުގެ ވާހަކަ އެވެ. ރާއްޖެއާ ތޮޅުނު ހޮޅީންގެ ވާހަކައެއް ނޫނެވެ. އެ މައްސަލަ އޭނާ ސަމާސާއަށަ ގުޅުވައިލީ ހޮޅީންނާ އެވެ.
-- ސުލްތޯން މުކައްރަމް މުހައްމަދު ޢިމާދުއްދީނު، ތިންވަނަ ރަސްކަން ކުރައްވާތާ ތިން އަހަރުވީތަނާ ކަންނަންނޫރު އަލީ ރާޖާ ފޮނުވި މަލާބާރީންގެ ބަޔަކު އައިސް މާލެ ހިފައި ގަނޑުވަރު އަންދާލި އެވެ. އެއީ ހިޖުރައިން 1166 ވަނަ އަހަރުގެ ޞަފަރު މަހުގެ ތެރޭގަ އެވެ. ހޮޅިން ދިޔައީ ރަދުންނާއި، އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުހައްމަދާއި، އަދިވެސް ދިވެހިންގެ އެތައް މާތް ބައެއް ގޮވައިގެންނެވެ. އެއަށްފަހު ގާތްގަނޑަކަށް ހަތަރު މަސްވަންދެން ރާއްޖޭގައި ހިމގީ ހޮޅިންގެ ވެރިކަމެވެ. މިދެންނެވި ފަހަރު މާލެ ހިފުމަށްޓަކައި ހޮޅިން އައި ސަބަބު ކަމުގައި ހިމެނުނީ ދިވެހިންގެ ތެރެއިން ހިޔާނާތްތެރި ބައެކެވެ. އެ މީހުންގެ ވެރީން ކަމުގައި ތިއްބެވީ ހަސަން ތާޖުއްދީނުގެ މުޙައްމަދު ޝަމުސުއްދީން އަދި އަހުމަދު މުޙްޔިއްދީން އާއި ދެބެންނެވެ. އެދެބެންވަނީ މަލާބާރީންގެ އަތުން ކަނޑުފައްތައިފައެވެ. --
މާލޭގެ މަގުތައް މަތީގައި ދުވަހެއް ދުވަހަކަށް ދަނީ ހޮޅިތައް ގިނަވެ ހޮޅީގެ ނެޓްވޯކް ފުޅާވެ ފެތުރެމުންނެވެ. މާލޭ މަގުތަކުގައި ހޮޅިތައް އަޅާ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ހޮޅިތައް އޮންނާނީ ހަދަމުންދާ އިމާރާތަކުން ނިކުމެގެން އައިސް އެންމެ ކައިރީ މޫދަކަށް ފައިބާފަ އެވެ. އެކަމަކު އެއީ ކީއްކުރާ ހޮޅިތަކެއްކަން އެނގޭ މީހުން މާ ގިނައެއް ނޫނެވެ.
"އަހަންނަކީ ކޮންމެ ރެއަކު ގެޔަސް އައިސް ގޭގެ ގޯޅިގަނޑު ތެރެއަށް ސައިކަލު ވައްދާފަ ބަހައްޓާ މީހެއް، އެކަމަކު މިހާރު ޕޭމަންޓު ހުރަސްކޮށް ކާނުމަތީ ތިން ހޮޅި މަތިމައްޗައް ދަމާލާފައި އޮވޭ، އެހެންވެ ސައިކަލު ވެސް ގެޔަކަށް ނުވެއްދޭ، ދެން ކޮންމެ ބޭނުމަކު ހޮޅިތައް އެޅިޔަސް މިއަށް ވުރެ ރަނގަޅު ގޮތެއް އޮންނަން ވާނެ ކަންނޭނގެ،" ހޮޅީގެ ޝަކުވާ ކުރި މީހަކު ބުންޏެވެ.
ހޮޅިތަކާ ހެދި ސަލާމަތް ނުވެވިގެން އުޅޭ އެތައް ބަޔަކު ތިބޭނެކަން އެނގެ އެވެ. އެކަމަކު މިގޮތަށް ހޮޅިތަކެއް ގިނަވެގެން އުޅޭ ސަބަބެއް ވެސް އޮންނާނެ ނޫން ހެއްޔެވެ؟
ސަރުކާރުގެ ކަމާބެހޭ ދާއިރާގެ އޮފިޝަލުންގެ ކިބައިން މައުލޫމާތު ސާފުކޮށްލުމުން އެނގެނީ އެ ހޮޅިތައް އެގޮތަށް ނާޅައިފި ނަމަ އެއަށް ވުރެ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމެވެ. އަދި އެއީ އަވަސް މުއްދަތެއްގައި ސަލާމަތް ވެވެން އޮތް ކަމެއް ވެސް ނޫން ކަން އެނގުނެވެ.
"މީގެ ކުރިން ހަދާ ގޮތަކީ ކޮންސްޓްރަކްޝަން ސައިޓުތަކުން ފެން ހިންދަން ބޭނުން ވުމުން ހުރިހާ ފެނެއް ދުއްވާލަނީ މާލޭގެ ނަރުދަމާ ނެޓްވޯކުގެ ތެރެއަށް، އެކަމަކު މާލޭގައި މިއޮތީ މުސްކުޅި ނެޓްވޯކެއް، އެއީ ޕްރެޝަރުގައި ފެންތައް ދުއްވާލާ ޑީވޯޓާ ކުރެވޭ ވަރުގެ ނެޓްވޯކެއް ނޫން، އެކަމަކު ވެސް އިތުރު ގޮތެއް ނެތިގެން އިމާރާތްތަކުން ފެން ދޫކޮށްލީމަ ނަރުދަމާތައް ފުރިގެން ޖަންގުޝަންތަކުން ނަޖިސް ނިކުންނަނީ،" ނަން ހާމަ ނުކުރަން ޝަރުތުކޮށް "އަވަސް" އާ ވާހަކަ ދެއްކި ސަރުކާރުގެ ކަމާބެހޭ އޮފިޝަލަކު ވިދާޅުވި އެވެ.
ނަރުދަމާ ފުރިގެން ނަޖިސް ފެންތައް ނުކުންނަ މައްސަލަ މި އަހަރު މެދުތެރޭ މާލޭގެ އެކި ދިމާލުގައި ވަރަށް ހޫނުވެގެން އުޅުނެވެ. އެކަމާ ހެދި އެތަށް ބަޔަކު ކަންބޮޑުވުން ފާޅު ކުރި އެވެ. ބަލިތައް ފެތުރުމުގެ ބިރު އޮތް ކަމަށް ވެސް ބުނަމުން އައެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ދިމާވުމުން ކޮންސްޓްރަކްޝަން ސައިޓުތަކުން ދޫކުރާ ފެން ނަރުދަމާއަށް ގުޅާ ނުދިނުމަށް ހެލްތު މިނިސްޓްރީން މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް އެނގި އެވެ. އެހެންވެ އެ ކުންފުނިން ނިންމީ ނަރުދަމާއަށް ދޫނުކޮށް ވަކިން ހޮޅިތައް ގުޅައިގެން ސީދާ މޫދަށް އެ ފެންތައް ދޫކުރުމަށެވެ. ހޮޅީގެ ހަގީގަތަކީ މިއީ އެވެ.
މަގުތަކުން ނަޖިސް ފެން ބޭރުވުމަށް ވުރެ ހޮޅީގެ ނެޓްވޯކް ރަނގަޅެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެ ނޫން އެހެން ގޮތެއް ނެތީ ހެއްޔެވެ؟ އެ މައްސަލައަށް ދާއިމީ ހައްލެއް ނެތީ ހެއްޔެވެ؟ އެ ސުވާލުތައް އެމްޑަބްލިއުއެސްސީގެ އޮފިޝަލަކާ ވެސް ކޮށްފީމެވެ.
"އެ މައްސަލަތައް ހައްލު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވުން، މާލޭ މަގުތައް ޑިވެލޮޕް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ސްޓޯމް ވޯޓާ ނެޓްވޯކެއް ގާއިމް ކުރޭ ފެން ބޮޑުވާ މައްސަލަ ހައްލު ކުރަން، އެހެންވެ އެއް ގޮތަކީ އެ ނިޒާމުގެ ތެރެއަށް ޑީވޯޓާ ކުރުން، އެއީ ވެސް ކުރެވިދާނެ ކަމެއް، މުޅި ޑިވެލޮޕްމަންޓް ނިމޭ އިރު އެ މައްސަލައަށް ވެސް ހައްލެއް އަންނާނެ ކަމަށް ބެލެވެނީ،" އެ އޮފިޝަލް ވިދަޅުވި އެވެ.
މާލޭގެ މުޅި ނަރުދަމާ ނިޒާމު ބަދަލު ކުރުމަކީ ފަސޭހަ ރަހުމަތެއްގައި ކުރެވޭނެ ކަމަކަށް ނުވާ އިރު މިވަގުތަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ހޮޅިތައް އެޅުމެވެ. ހޮޅިތަކުން ސަލާމަތް ވެވޭކަށް އަދި ނެތެވެ.