ބޮލީވުޑް

ބަތަލާ ސާގަރިކާ އާއި ޒަހީރް ޚާންގެ ހަނީމޫން ރާއްޖޭގައި

މިދިޔަ މަހުގެ 23 ވަނަ ދުވަހު ކައިވެނިކުރި ކްރިކެޓް ތަރި ޒަހީރް ޚާން އާއި "ޗަކްދޭ އިންޑިއާ" ގެ ބަތަލާ ސާގަރިކާ ކަޓްގޭ ހަނީމޫން ހޭދަކުރަމުން އަންނަނީ ރާއްޖޭގަ އެވެ.

ކޯޓުގައި ކައިވެނިކޮށް ސާގަރިކާ އާއި ޒަހީރް ވަނީ ބޮލީވުޑްގެ އެކުވެރިންނާއި ކްރިކެޓް ތަރިންނަށް ބޮޑު ޕާޓީއެއް ބާއްވާފަ އެވެ.

މުމްބާއީގައި ބޭއްވި ބޮޑު ޕާޓީއަށް ފަހު ސާގަރިކާ އާއި ޒަހީރް ރާއްޖޭގައި ހަނީމޫން ހޭދަކުރުމަށް އައިސްފައިވަނީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ.

އަޔާޑާ މޯލްޑިވްސްގައި ހޭދަކުރަމުން އަންނަ އުފާވެރި ހަނީމޫންގެ ފޮޓޯތައް ސާގަރިކާ އާއި ޒަހީރް ވަނީ އެމީހުންގެ އިންސްޓަގްރާމް ޕޭޖުގައި އާންމުކޮށްފަ އެވެ.

ސާގަރިކާ ސިފަކުރާ ގޮތުގައި ރާއްޖޭގައި އެމީހުން ހޭދަކުރަމުން އަންނަ ޗުއްޓީ އަކީ އެންމެ އުފާވެރިއެއް ޗުއްޓީ އެވެ. އަދި ރާއްޖޭގެ ރީތިކަމުގެ ސަބަބުން އޭނާ ހުރީ އާޝޯހުވެފަ އެވެ.

ސާގަރިކާގެ ދެމަފިރިން ފުރަތަމަ ފަހަރަށް ޑައިވިން އަށް ގޮސްފައިވަނީ ވެސް ރާއްޖޭގަ އެވެ. ފުރަތަމަ ފަހަރަށް ޑައިވެއް ކުރުން އޭނާ ސިފަކުރަނީ ބޮޑު އުފަލެއްގެ ގޮތުގަ އެވެ.

ސާގަރިކާ އާއި ޒަހީރް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް މިދިޔަ އަހަރާ ހަމައަށް އެކަން އެ ދެމީހުން އޮތީ މީޑިއާތަކަށް ސިއްރުކޮށްފަ އެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރު ކައިވެނިކުރި ކެރިކެޓް ތަރި ޔުވްރާޖް ސިންގް އާއި ހޭޒަލް ކީޗްގެ ކައިވެނީގެ ރަސްމިއްޔާތުތަކަށް އެކުގައި ގޮސްގެނެވެ.

ލޯބީގެ ގޮތުން ގުޅުނުތާ ހަތަރު ވަރަކަށް މަސް ދުވަސް ފަހުން ޒަހީރް އާއި ސާގަރިކާ އެންގޭޖްވެފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ސާގަރިކާގެ ފުރަތަމަ ބޮލީވުޑް ފިލްމު "ޗަކްދޭ އިންޑިއާ" ގައި އޭނާ ކުޅުނު ރޯލުގައި ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކްރިކެޓްކުޅުންތެރިޔަކާ އެވެ. ހަގީގީ ދިރިއުޅުމުގައި ވެސް ސާގާރިކާގެ ހިތްދެވިފައިވަނީ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔަކަށެވެ.