ފިނިޕޭޖް

ރަން ތަރިންނާއެކު ރަން ޒަމާން ޝޯގެ ފޯރިގަދަ

ރޭ އޮލިމްޕަހުގައި އޮތް ޝޯ ހީވީ މީގެ އަހަރުތަކެއްގެ ކުރީގެ ޝޯއަކަށް ދެވުނު ހެންނެވެ. އޭރުގެ ރަން ލަވަކިޔުންތެރިންނާ މިއުޒީޝަނުންނެވެ. އޭރުގެ ހިތްގައިމު ލަވަތަކެވެ. މިހާރުވެސް މަގުބޫލު ކުރީގެ ލަވަތަކެވެ. އޭރާ ތަފާތު ކަމަކަށް ފެނުނީ ހަމައެކަނި ފަންނާނުން އަޅާފަ ހުރި ހެދުމެވެ. އޭގެ އިތުރުން ބޭނުންކުރާ ބައެއް މިއުޒިކް ސާމާނެވެ. މިހާރުގެ ބައެއް ފަންނާނުންވެސް ފެނިގެން ދިޔަ އެވެ.

ބޮޑު ތަރުހީބެއް ލިބުނީވެސް ކުރީގެ ފަންނާނުންނަށެވެ. "ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް" އިން އިސްނަގައިގެން ބޭއްވި އެ ޝޯ ބަލަން ގިނަ ބަޔަކު ޓިކެޓް ނަގައިގެން އޮލިމްޕަހަށް ދިޔަ އެވެ. ޝޯ އަށް ދިޔަ އެންމެން ކަހަލަ ގޮތަކަށް ތިބީ ހިންހަމަޖެހިފަ އެވެ. ޝޯ ވަރަށް ފުރިހަމަ ކަމަށް އެމީހުން ބުންޏެވެ.

"ވަރަށް ސަޅި، ހަމަ ހީވީ ކުރީގެ ޝޯ އަކަށް ދެވުނު ހެން، އަޅުގަނޑަށް އަބަދުވެސް ރީތި އެ ދުވަސްވަރުގެ ލަވަތައް، އެންމެ ކަމުދާ ލަވަ ކިޔުންތެރިން އަނެއްކާ ޝޯ ދިނީވެސް، މިހާރުގެ ކުދިންގެ ތެރޭގައިވެސް ތިބީ ހަމަ ވަރަށް މޮޅު ކުދިން،" ރޭގެ ޝޯ ބަލާފައި ނުކުތް ޒުވާނަކު ބުންޏެވެ.

ކުރީގެ ފަންނާނުން އަދި މިހާރުގެ ފަންނާނުންނާއެކު ޖުމްލަ 23 ފަންނާނުން އެ ޝޯގައި ފެނިގެންދިޔަ އެވެ. އޭގެ ތެރޭގަ މަހުމޫދާ ޝަކީބް، ފާތުމަތު ރައޫފް، ޝިފާ ތައުފީގް، އަބްދުލް ރައޫފް، މަރިޔަމް ޝެހެނާޒް، ޝަފީގާ އަބްދުލް ލަތީފް، ހަސަން ޖަލާލް، ފާތުމަތު ޒޫނާ، އަހްމަދު އިބްރާހިމް (މައިކަލް)، މަސްއޫދު މޫސާ ދީދީ، އަހްމަދު އާތިފް (އެކްރޭ އާތިފް)، އަބްދުﷲ ރާމިޒު އަދި މަރިޔަމް ވަހީދާ ހިމެނެ އެވެ.

ރަން ޒަމާން ޝޯގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ. ރަންޒަމާން ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. ސައުންޑް އެންޑް ލައިޓްސް ޕާޓްނަރުގެ ގޮތުގައި ސޮއިކޮށްފައިވަނީ އިވެންޓް މޯލްޑިވްސް އެވެ. ޗެރިޓީ ޕާޓްނާ އަކަށް ކެންސާ ސޮސައިޓީ، މީޑިއާ ޕާޓްނާ (ޓީވީ) އަކަށް ރާއްޖެ ޓީވީ، ސެލޫން ޕާޓްނާ އަކަށް ސްކިން ކޭންޑީ އަދި ރެސްޓޯރެންޓް ޕާޓްނާ އަކަށް ސޮއިކޮށްފައިވަނީ ވިލެޖް ކޮފީ އެންޑް ޓީ އެވެ.

އިތުރު ޕާޓްނަރުންނަކީ ސްކިން ކޭންޑީ، ގޯޖަސް ޓެއިލާސް، އެމް ސެވަން ޕްރިންޓާސް އަދި ރިޝްވާން ފޮޓޮގްރަފީ އެވެ. އަދި ބެވަރޭޖް ޕާޓްނަރުގެ ގޮތުގައި ކޮކާ ކޯލާ ކޮމްޕެނީ އެވެ.

ރޭގެ ޝޯ އިން ލިބުނު ފައިސާގެ 10 ޕަސަންޓު ހަދިޔާ ކުރަން ނިންމާފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.