އީދު ބަންދެއްގައި ނޫސްވެރިން ކަންނެއް ކަމުގައި ތިއްބާ ލިބުނީ ވަރަށް ވަރުގަދަ ރަސްމިއްޔާތެއްގެ ދައުވަތެކެވެ. ތައްްޔާރުވެލާނެ ވަގުތުކޮޅެއް ވެސް ނުލިބި ދާން ޖެހުނީ ހޮޓެލް ޖެންއަށެވެ. އެތަނުގައި ތިއްބެވި އޮފިޝަލުން ތިއްބެވީ ކޯޓު ފަޓުލޫނުގައި ވަރަށް ރަސްމީކޮށެވެ. ޓީޝާޓްގަނޑެއް ލައިގެން ފައިވާނަކަށް އަރައިގެން ދެވުނީތީ ހުންނަން ޖެހުނީ ކަނަކަށް ވަދެ ފިލައެވެ.
އެހާ އަވަސް އަރުވާލައިގެން އެހާ ކުއްލި ގޮތަކަށް ކުރި ކަމަކީ ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުޅުވުމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ބޭއްވި އެ ރަސްމިއްޔާތު އެހާ ކުއްލި ގޮތަކަށް ބާއްވަން ޖެހުނީ ކީއްވެކަން އެދުވަހަކު ނޭނގުނެވެ. ނަމަވެސް ކަމުގެ ހަގީގަތް ފަހުން އެނގުނެވެ. އެއީ އޭރު ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން ދިޔަ 17 ވަނަ ސާކް ސަމިޓް ފެށުމުގެ ކުރިން އެމްބަސީ ހުޅުވަން ސަރުކާރުން ބޭނުންވީމާ ވީގޮތެވެ.
އިމާރާތެއް ކުއްޔަށް ހިފާނެ ވަގުތެއް ވެސް ނުލިބި، ހޮޓެލް ޖެންގެ ބޯލް ރޫމުގައި ބަހައްޓާފައި ހުރި ގާގަނޑެއްގައި "އެމްބަސީ އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އިންދަ މޯލްޑިވްސް" ޖަހާފައި ފޮތިގަނޑު ކަހައިލަން ޖެހުނީ އެހެންވެ އެވެ.
އެދުވަހަށް ފަހު ޗައިނާއިން އައީ ބާރު ސްޕީޑުގައި ދިވެހިންނާ ދިމާލަށް ދުވަމުންނެވެ. އެކަމަކު އެމީހުންނަށް "އެޅިހާ ބަތަކަށް ރިހަ" ވެވަޑައިގެން ހުންނަވާނެ ރައީސެއް ލިބުނީ އަދި ކިރިޔާ އެވެ. ނަތީޖާ މިއޮތީ ފެންނާށެވެ. ހުރިހާ ކަމެއް ރާއްޖޭގައި މި ވަނީ ޗައިނާ ރުހޭ ގޮތަށް އެ މީހުން ބޭނުންވާ ގޮތަށް ކަމަށް ބުނާނެ ފުރުސަތު އެބަ އޮތެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ބުރަވެފައި އޮތީ ޗައިނާގެ ކޮޅަށް ކަމަށް ނުބުނާ އެކަކު ވެސް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުންތަކަކީ ހަމަ އެކަނި ވިޔަފާރިއާ އިގުތިސާދުގެ އެއްބަސްވުންތަކެއް ކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ. ފްރީ ޓްރޭޑް އެއްބަސްވުމާއި ސިލްކް ރޯޑް އެއްބަސްވުމަކީ ހަމަ އެކަނި މިދެ ގައުމުގެ އަމިއްލަ ވާހަކައެއް ނޫނެވެ. މިއީ މުޅި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ގުޅުން ހުރި ކަންތައްތަކެކެވެ. އެ އެއްބަސްވުންތަކުން ނިއުޅިގެން އަންނާނެ ކަންކަމަކީ ސަރަހައްދުގައި މި އޮތް ހަމަޖެހުމަށް ނުތަނަވަސްކަން ވެރިވެދާނެ ކަމެކެވެ. ހައްދެއް ނެތް މިންވަރަށް ރާއްޖެއިން ޗައިނާއާ އެކު މި އުފައްދާ ގާތްގުޅުމާއި އެ ގުޅުމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަކިކޮޅަކަށް ބުރަވެ ގޮސް ހުސްވެގެން ގައުމަށް ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟
އިންޑިއާ ކަނޑަށް ހަލަބޮލިކަން ވެރިވުން
އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވަމުން ދާތީ ސަރަހައްދުގެ ދެވަނަ ބޮޑު ބާރު ކަމަށްވާ އިންޑިއާއިން ވަނީ އެމެރިކާއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ފަށައިފައެވެ. އެެމެރިކާއިން ވަނީ އެކަމުގައި ފާޅުގައި އިންޑިއާއާ އެއްކޮޅަށް އަރާނެކަން އިއުލާނުކޮށްފަ އެވެ. އަދި "އިންޑޯ-ޕެސިފިކް" ގެ ނަމުގައި އެ ދެގައުމުން ވަނީ ޑިޕްލޮމެޓިކް އާ ބާބެއް ހުޅުވާފަ އެވެ.
އެމެރިކާއިން ވަނީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދިނުމަށް އިންޑިއާއި ގުޅިގެން މަސައްކަތް ކުރާނެ ގޮތާ މެދު ތަފުސީލުކޮށް ވާހަކަ ދައްކަން ފަށައިފަ އެވެ.
އިންޑޯ-ޕެސިފިކް ގުޅުމުން ނުކުންނާނެ ނަތީޖާތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެފައި ވަނީ އެ ގުޅުމުގެ ސަބަބުން އަސްކަރީ ގޮތުން އެމެރިކާއާއި ޖަޕާނާއި އިންޑިއާއިން އެއްބާރުލުން މަތީ ދަރަޖައަކަށް އިތުރުވެގެންދާނެ ކަމަށެވެ.
ޗައިނާ ފަދަ އިގުތިސާދީ ބާރަކަށް މިހާ ބޮޑަށް ބަރޯސާ ވީމާ އެހެން ގައުމުތަކަށް އުފެދޭނެ އެއް ކަންބޮޑުވުމަކީ ބައިނަލް އަގުވާމީ ފޯރަމްތަކުގައި ޗައިނާއިން އެދޭ ގޮތަށް ރާއްޖޭން މަސައްކަތް ކުރާނެ ކަމުގެ ކަންބޮޑުވުން. ސެކިއުރިޓީ ކައުންސިލްގެ މެމްބަރުކަން ރާއްޖެއަށްދޭން ބަލާއި އިރު ސުވާލު އެބަ އުފެދޭ ޗައިނާގެ އެޖެންޓެއް ގޮތުގައި މަސައްކަތް ނުކުރާނެ ތޯ؟ކުރީގެ ސީނިއާ ޑިޕްލޮމެޓެއް
އެގޮތުން އެއްބާރުލުން އިތުރުކުރަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ސަބްމެރިން ބޭނުންކޮށްގެން ހަނގުރާމަ ކުރުމުގެ ދާއިރާ، އެއްގަމާއި ކަނޑުގައި އެއް ފަހަރާ ހަނގުރާމަ ކުރުމުގެ ދާއިރާ(އެމްފީބިއަސް ވޯފެއާ) އަދި ކާރިސާތަކުގައި މީހުން ހޯދައި ސަލާމަތް ކުރުމުގެ ދާއިރާ ހިމެނެއެވެ.
އެމެރިކާގެ މި ވިސްނުން އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ވަރަށް ބޮޑަށް ކުރިއަށް ނެރުއްވާފަ އެވެ. އެހެންވީމާ އިންޑިއާ ކަނޑުގެ ސަރަހައްދު މިހާރުވެސް މިއޮތީ ޗައިނާ އާއި އިންޑިއާ ދެމެދު އޮތް ނުފޫޒު ގަދަކުރުމުގެ ވާދަވެރިކަމުގެ ސަބަބުން ނުތަނަވަސް ވެފަ އެވެ.
ރައީސް ޔާމީންގެ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ރައީސް ޝީޖިންޕިންގެ ވިޝަންއެއްގެ ގޮތުގައި އޮންނަ، ސިލްކް ރޫޓްގައި ބައިވެރިވާން ރާއްޖެއިން ސޮއިކުރި އިރު އެއީ އިންޑިއާ، އަދި އެމެރިކާއިން ވެސް އިންތިހާއަށް ދެކޮޅު މަޝްރޫއެކެވެ. ރާއްޖެއިން އެވަރުގެ ބޮޑު ނިންމުމެއް ނިންމި އިރު، އެތައް ހާސްފަހަރަކު ވިސްނަން ޖެހޭނެ އެވެ. އިންޑިއާ އާއި އެމެރިކާ އެހާ ބޮޑަށް ދެކޮޅު ހަދާ މަޝްރޫއެއްގެ ތެރެއަށް ރާއްޖެއިން ވަތް އިރު، އޭގެއިން ލިބޭނެ ފައިދާ އާއި ގެއްލުންތައް ދެނެގަނެވިފައި ވަނީ ކިހާވަރަކަށް ހެއްޔެވެ؟ ޗައިނާއިން ބަދަލުގައި އެދެނީ ކޮން ކަމަކަށް ހެއްޔެވެ؟ މިއީ ދިވެހި ރައްޔިތުންނާއި ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ގައުމުތަކަށް ރާއްޖެއިން ޖަވާބު ދާރީވާން ޖެހޭ ސުވާލުތަކެކެވެ.
ރާއްޖޭގެ ދާހިލީ ސިޔާސީ ކަމެއްގެ ތެރެއަށް ޗައިނާ ނުވަދެދާނެ އެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ މަގަށް ރާއްޖެ ގެންދަން އެ ގައުމުން ރާއްޖެއަށް ބާރެއް ނާޅާނެ އެވެ. އަދި ހާއްސަކޮށް އެ ގައުމަށް ދީލައިލައިގެން އޮތް ސަރުކާރެއްގެ ކޮންމެ އަމަލަކަށް ޗައިނާއިން އާއެކޭ ބުނާނެ އެވެ. އެކަމަކު މި އެއްބަސްވުންތަކާ އެކު ޗައިނާއިން ހާސިލް ކުރަން ބޭނުންވާ ޖިއޯ ޕޮލިޓިކަލް ލަނޑުދަޑިތަކަށް ރާއްޖެއަށް ނޫނެކޭ ބުނަން ޗައިނާ އެއްބަސްވާނެ ހެއްޔެވެ؟ ބައިނަލްއަގުވާމީ މުޖުތަމައުގައި ޗައިނާއިން ނިންމާ ނިންމުމަކާ ރާއްޖެ އާބަސް ބުނުން ނޫންގޮތެއް އޮންނާނެ ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ އިންޑިއާގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވާނެ ގައުމަކަށް ވާނީ ރާއްޖެ އެވެ.
އިންޑިއާއާ ގާތްގުޅުމެއް ބާއްވަވާ ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި، އިންޑިއާ ކަނޑުގެ ހަމަނުޖެހުމަށް ރާއްޖެއިން މަގުފަހި ކުރަމުން ދާއިރު އެ ގައުމުން މަޑަކުން ނޯންނާނެ އެވެ. އެހެން ވީމާ، އިންޑިއާއިން އެކަމަށް ފިޔަވަޅުތައް އަޅާނެ އެވެ. ޔަމަނުގެ މައްޗަށް ހޫތީއިން ވެރިވުމާ ދެކޮޅަށް ސައުދީއިން އެގައުމަށް ބޮން އަޅަމުން ދަނީ ބައިނަލްއަގުވާމީ މުޖުތަމައާ ދެކޮޅަށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއީ އީރާނުގެ ނުފޫޒު ސައުދީގެ ބޯޑަރާ ހަމަޔަށް އައުން ހުއްޓުވުމެވެ. މިއީ ޖިއޯ-ޕޮލިޓިކްސް މަސައްކަތް ކުރާ ގޮތުގެ ކުޑަ މިސާލެކެވެ.
އެހެންވީމާ، އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ލޮޅުން އަރުވާލައިގެން ނިންމާ ނިންމުންތައް ނިންމަން ޖެހޭނީ ވަރަށް ފަރުވާތެރިކޮށެވެ. ވީހާ ވެސް ލޮޅުން ކުޑަވާނެ ގޮތަކަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ މިސްރާބު މި ހުރީ އެ ދިމާލަށް ހެއްޔެވެ؟ ވަކި ގައުމަކަށް މާބޮޑަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ދީލައިލައިގެން ނިންމޭ ނިންމުންތަކުން ނަގާ ބޮޑުރާޅުތަކުން ސަލާމަތް ވެވޭނެ ގާބިލްކަން ރާއްޖޭގައި އެބަހުރި ހެއްޔެވެ؟
ރާއްޖެއިން ވަކި ފަޅިއެއް ނަގައިފި
އިންޑިއާ ކަނޑުގައި މުހިއްމު ސަރަހައްދެއްގައި އޮތް ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭން އަބަދުވެސް ކުރަމުން އައި ކަމަކީ ދުނިޔޭގެ ބާރުތަކުން ރާއްޖޭގެ ސަރަހައްދުގައި އޮތް މަސްލަހަތުގެ ބޭނުންކޮށްގެން ގުޅުންތައް ބަދަހިކުރުމެވެ. ފަރުވާތެރިކަމާ އެކު ވަކި ފަރާތަކަށް ނުޖެހި އެވެ.
ނަމަވެސް އެންމެ ފަހުން ސޮއިކުރި އެއްބަސްވުންތަކާއި ރައީސް ޔާމީނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުތަކުން ރާއްޖޭގެ ޒަމާންވީ އެ ސިޔާސަތު މުޅިން ބަދަލުވެއްޖެކަން މިހާރު މިވަނީ ސިއްރު ނުވާ ވަރަށް ހާމަވެފައެވެ. ރާއްޖޭގެ ސަފީރެއްގެ ހައިސިއްޔަތުން އެކި ގައުމުތަކުގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާ ކާރު ޑިޕްލޮމޭޓަކު ވިދާޅުވީ މިއީ ވަރަށް ނުރައްކާތެެރި ކަމެއް ކަމަށެވެ.
"މިހެން ކަންތައްވީމާ ވާނެ ގޮތަކީ ރާއްޖޭން ޗައިނާއަށް ބަރޯސާވާ މިންވަރު އިތުރުވާނީ. ދެން އެއިރުން އެހެން ގައުމުތަކުގެ އެހީ ހޯދަން ވަރަށް އުނދަގޫ ވާނެ. ކުރިން އަޅުގަނޑުމެން ކުރާ ކަމަކީ އެއް ގައުމަށް ދަތި އުނދަގޫ ދުވަސްވަރެއް އަތުވެއްޖެއްޔާ އެހެން ގައުމެއްގެ އެހީތެރިކަން ހޯދުން،" މިހާރު އޮތް ބިރުވެރިކަމާ ހެދި ނަން ނުޖަހަން ޝަރުތު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން އޭނާ ފާހަކަ ކުރެއްވީ 2008 ގައި ޔޫރަޕުގެ ގައުމުތަކަށް ކުރިމަތިވި އިގުތިސާދީ ދަތިކަމުގެ ސަބަބުން އެގައުމު ތަކުގެ ޓޫރިސްޓުން އަންނަ ވަރު މަދު ވުމުން ޗައިނާ ބާޒާރުން އެކަން ފޫބެއްދުމެވެ. އަދި ޗައިނާއަށް އަންނަ ހީނަރުކަން އައުމުން މެދު އިރުމަތިން އެކަން ފޫބެއްދުމެވެ. މިއީ ރާއްޖެއިން އަބަދުވެސް ހިފަހައްޓަމުން އައި ހަމައެކެވެ. ރާއްޖެއާ ދެކޮޅު ގައުމެއް އެއްވެސް އިރަކު ނޯވެ އެވެ. އެހެން ނަމަވެސް ރާއްޖެއިން ގަތަރާ އެކުވެސް ގުޅުން ކަޑާލައި މެދުއިރުމަތީގެ ބޮޑު މައްސަލަ ގަނޑެއްގެ ބައިވެރިއަކަށް ވެއްޖެ އެވެ. އީރާނާ ވެސް ގުޅުން ކަނޑާލައިފި އެވެ. މި ހުރިހާ ނިންމުންތަކަކުން ދޭހަވަނީ އެއްކަމެކެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ވެފައިވާ ދޯހަޅިކަމެވެ.
ރާއްޖެއާ މެދު އިތުބާރު ގެއްލުން
ރާއްޖެއަކީ ކުޑަޔަސް، ބައިނަލް އަގުވާމީ މުޖުތަމައުން ކުރިން ވަރަށް ބޮޑަށް އިތުބާރު ކުރި ގައުމެކެވެ. ރާއްޖޭން ކަންކަން ކުރުކަމުގައި ބަސްބުނެ، ވޯޓ ދޭނީ ކަމުގެ ބާވަތަަށް ބަލައި އަމިއްލައަށް ކަމާއި ބަޔަކު ބުނާހާ ގޮތަކަށް ވޯޓު ނުދޭނެކަން ދުނިޔެއިން ކުރިން ގަބޫލު ކުރި އެވެ.
"އެކަމުގެ ހެއްކެއް އެއީ އަޅުގަނޑުމެންނަށް ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަން ދޭން ތާއީދު ކުރި ދުނިޔޭގެ 186 ގައުމަކުން. އެއަީ އޭރު ދުނިޔެއިން ގަބޫލުކުރޭ އަޅުގަނޑުމެން ވޯޓު ދޭނީ މެރިޓްބޭސްކޮށް ކަން،" ޑިޕްލޮމޭޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވޫ އޭރު އެެހެން އެކަން އޮތަސް ޗައިނާ ފަދަ އިގުތިސާދީ ބާރަކަށް މިހާ ބޮޑަށް ބަރޯސާ ވީމާ އެހެން ގައުމުތަކަށް އުފެދޭނެ އެއް ކަންބޮޑުވުމަކީ ބައިނަލް އަގުވާމީ ފޯރަމްތަކުގައި ޗައިނާއިން އެދޭ ގޮތަށް ރާއްޖޭން މަސައްކަތް ކުރާނެ ކަމުގެ ކަންބޮޑުވުން ކަމަށެވެ.
"ސެކިއުރިޓީ ކައުންސިލްގެ މެމްބަރުކަން ރާއްޖެއަށްދޭން ބަލާއި އިރު ސުވާލު އެބަ އުފެދޭ ޗައިނާގެ އެޖެންޓެއް ގޮތުގައި މަސައްކަތް ނުކުރާނެ ތޯ؟،" އޭނާ ވިދާޅުވިއެވެ.
ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމުން މި ނަތީޖާ ނުކުންނާނެ ކަަމަށް ބައެއް ލީޑަރުން ވަނީ މާކުރިންވެސް ލަފާކޮށްފައެެވެ. އެކަމުގައި ސަރުކާރަށް ފާޑުވިދާޅުވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ޗައިނާ އަދި ސައުދީއަށް ވިއްކާލުން ފަދަ ކަމެއް ކަމަށެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ވެސް އިރާނާއި ސައުދީއާ އުފެދުނު ނުތަނަވަސްކަމަށް ފަހު ސައުދީގެ ނުފޫޒު ބޮޑެތި ގައުމުތަކާ ރާއްޖެއިން އެއްގަލަކަށް އަރާ އިރާނާއި ގުޅުން ކަނޑާލައި އަދި އޭގެ ފަހުން ގަތަރާ ވެސް ކުއްލި ގޮތަކަށް ގުޅުން ކަނޑާލުމުން އެވެ. އެ ފިޔަވަޅުތައް ރާއްޖެއިން އަޅަން ޖެހޭ އެކަށީގެންވާ ސަބަބެއް ދިވެހި ހާރިޖިއްޔާއަށް މިހާތަނަށް ވެސް ދެއްކިފައެއް ނުވެ އެވެ. މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ އަތް ދަށުވުމުން ފެންނާނެ މަންޒަރެއް ކަމަށް ބުނާނެ ޖާގަ ބޮޑު ވަނީ ވެސް މިކަހަލަ ކަންތައްތަކުގެ ސަބަބުން އެވެ.
ޗައިނާއިން ރާއްޖެއަށް އެހީވަނީ ހެޔޮ އެދިގެން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ދުނިޔޭގެ ސިޔާސީ އޮއިވަރު މި އޮންނަ ގޮތުން އެއީ ބުއްދިއަށް ބަލައިގަންނަން ފަސޭހަ ވާހަކައެއް ނޫނެވެ. ކުރީގެ ޑިޕްލޮމެޓް ވިދާޅުވި ގޮތަށް ޗައިނާގެ މާބޮޑަށް ރާއްޖެ ދަށުވެއްޖެ ނަމަ، ބައިނަލްއަގުވާމީ ބޮޑެތި ނިންމުންތަކުގައި ޗައިނާއިން ނަގާ ސްޓޭންޑްތަކަށް ރާއްޖެއިން ތާއީދު ކުރަން ގިނަ ފަހަރަށް އޮންނާނީ މަޖުބޫރުވެފަ އެވެ. ޗައިނާ އަކީ ދުނިޔޭގެ ބާރަކަށްވާ އިރު އެ ގައުމުން ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ގޮތް ނިންމަނީ، މެދު މިނަށް ނުބަލާ ސީދާ އެ ގައުމުގެ އަމިއްލަ މަސްލަހަތަށް ބަލައިގެން އެވެ. މެދުމިން ސިޔާސަތެއް ގެންގުޅޭ ރާއްޖެއިން މުސްތަގުބަލުގައި ބަސް ބުނަން ޖެހޭނީ ޗައިނާގެ މަސްލަހަތަށް ބުރަވެ އެ ގައުމުން ނިންމާ ގޮތަކަށް ކަމަށް ވުން އޭރުން އޮންނާނީ ކައިރީގަ އެވެ.
އިގްތިސާދީ މިނިވަންކަން ގެއްލުން
ހަގީގަތާ ކުރިމަތިލާން ހިނގާށެވެ! ރާއްޖެއަކީ ކުޑަ ބާޜުގެ ގޮތުން ދަށް ގައުމެކެވެ. ކިތަންމެ ގަދަކަމެއް ދައްކާފައި އުޅުނަސް ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ރާއްޖެއަށް ގަދަކަން ދެއްކޭނީ ކުޑަމިންވަރަކަށެވެ. މިއީ ބަދަލުވުމެއް ނެތް ހަގީގަތެކެވެ. ހަމައެކަނި ރާއްޖެއަށް މި އޮންނަހާ ވެސް ކަމަކީ އިންޑިއާ ކަނޑުގެ މުހިންމު ސަރަހަދެއްގައި އޮތުމުން ރާއްޖެއަށް ލިބޭ ކުޑަކުޑަ ބާރެކެވެ. އެ ބާރުވެސް ލިބެނީ ރާއްޖެއަކީ އިންސާފުވެރި ގައުމަކަށް ވުމުން އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމުގެ ނަމުގައި އިންޑިއާގެ ކޮޅަށް ބުރަވުމާ އެކު ގައުމުގެ ހާރިޖީ ނިންމުންތައް ބަދަލުވެގެން އައިގޮތް ވިސްނާލުމުން އެ މަންޒަރު އަނެއްކާ މި ސަރުކާރުން ވެސް ތަކުރާރު ކުރާތަން އެބަ ފެނެ އެވެ.
ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އެއާޕޯޓް އިންޑިއާގެ ވެރިކަމުގައި އޭރު އޮތް ކޮންގްރެސް ޕާޓީގެ މަދަދުއޮތް ޖީއެމްއާރަށް ދިނީ އަވަސް އަރުވާލައިގެން އެވެ. ނަތީޖާއަކަށްވީ އާހިރުގައި އެއީ ގައުމަށް ފައިދާހުރި ނިންމުމަކަށް ނުވެ އޭގެ ސަބަބުން ނިކުތް މާލީ އަދި އިގްތިސާދީ މައްސަލަތައް ގިނަވުމެވެ. މިގޮތަށް އިންޑިއާ ރުއްސަން ގެނައި ޓާޓާ ފްލެޓްތަކުގެ މަޝްރޫ އާއި ކުނި ނައްތާލުމުގެ މަޝްރޫއު ދިޔައީ ފެނަށެވެ. އޭގެން ރައްޔިތުންނަށް ފައިދާތަކެއް ވުމުގެ ބަދަލުގައި އާހިރުގައި ފައިދާވީ އިންޑިއާގެ ކުންފުނިތަކަށާއި ވަކި ސިޔާސީ ބަޔަކަށެވެ.
ޗައިނާއާ އެކު ރާއްޖެއިން މި ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ކަންތައް ވެސް މި ހިނގީ އެ ޒާތަށެވެ. މުޅި އެގްރިމަންޓަށް ރުހުން ދިނުމަށް މަޖިލީހުގައި 24 ގަނޑިއިރުވެސް ހޭދަނުކުރި އިރު އެ އެއްބަސްވުމުގެ ހުރިހާ ކަމެއް ގެންދިޔައީ އަވަަސް އަރުވައިގެން އެވެ. މަންޒަރު ފެންނަ ގޮތުން ނަމަ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ކަންތައް ދިޔައީ ރަނގަޅަށޭ ބުނާނެ އިންސާފުވެރި ރައްޔިތަކު ހުންނާނެހެން ހިއެއް ނުވެ އެވެ. ހަގީގަތުގައި އެ އެއްބަސްވުމަށް ރުހުން ދޭން އަވަސް އަރުވާލީ ޗައިނާ ރުއްސުމުގެ ބޭނުން ކުރިއަށް ނެރެގެން ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. އެހެން ވީމާ، ޖީއެމްއާރުގެ އެއްބަސްވުމާއި ޗައިނާއާ އެކު މި ހަދާ ބޮޑެތި ޑީލްތަކުގެ ކަންތައްތައް ވެސް މިދަނީ އެއްގޮތަށެވެ.
ޗައިނާއާ އެކު މި ހަދާ ވިޔަފާރީގެ ޑީލްތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ދަރަނީގެ 90 ޕަސެންޓް އެ ގައުމަށް ބަރޯސާވުމަކީ ބޮޑު ނުރައްކަލެކެވެ. ހަގީގަތުގައި ގައުމުގެ އިގްތިސާދު ކޮންޓްރޯލް ވަކި ބަޔަކަށް ދޫކޮށްލެވެނީ މިހައިކެއް ވަރަކަށެވެ. އިގްތިސާދީ މަޝްރޫއުތަކަށް ލޯނު ނެގުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އެ ލޯނު ހޯދޭނީ ވެސް ބޭރުގެ ގައުމުތަކުން އެވެ. އެކަމަކު އެންމެ ގައުމަކުން ލޯނު ނަގައި މުޅި އިގްތިސާދު ވަކި ގައުމަކަށް ކޮންޓްރޯލް ކުރެވޭ ގޮތަށް ފުރުސަތު ދިނުން ނޫން ފޯމިއުލާއެއް ސަރުކާރަކަށް ނެރެވެން ވާނެ އެވެ. އެކަމަކު އޭގެ ބަދަލުގައި މަންޒަރު މި ފެންނަނީ ހުރިހާ ކަމެއް ޗައިނާގެ ތައްޕާހުގައި ކުރަން އުޅޭތަނެވެ. އިންޑިއާ ސަރުކާރުގެ ނުފޫޒު ރާއްޖޭގެ އިގްތިސާދަށް ގަދަވެފައި އޮތް ދުވަސްވަރު އެ ގައުމުން ވެސް ރާއްޖެ ފިއްތަމުން ދިޔަ އެވެ. ޗައިނާ އިން ވެސް ބޭނުންވާ ކަންކަން ހާސިލް ކުރަން ޖެހޭ ދަނޑިވަޅުގައި ހަމަ އެގޮތަށް ފިއްތާލާނެ އެވެ. އެކަން އެގޮތަށް ނުކުރަންވީ ސަބަބެއް ރާއްޖޭގެ ސަރުކާރުން ޗައިނާއަކަށް ވެސް ނުދެއްކޭނެ އެވެ.
ހާރިޖީ ސިޔާސަތުގައި ރާއްޖެ ފަދަ ގައުމުތަކުން މިހާތަނަށް ވެސް ގެންގުޅެނީ ނޮންއެލައިން ނޫނީ ވަކި އަތަކަށް ނުޖެހޭ އިންސާފުވެރި ސިޔާސަތެކެވެ. މޫސުމީ ބަދަލުތަކުގެ މައްސަލަ އާއި އިންސާނީ ހައްގުތަކުގެ މައްސަލައިގައި އދ ގައި ރާއްޖެއަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި އޮތީވެސް މިހާތަނަށް އެހެންވެ އެވެ. އެކަމަކު އިންޑިއާ ކަނޑުގެ ބާރުތަކުގެ މެދުގައި މި ޮއތް ވާދަވެރިކަމުގައި ވަކި ކޮޅަށް ނަގައިގެން ދެ ބާރުގެ ކޯޅުމުގެ މެދުވެރިއަކަށް ގައުމު އޮވެގެން މިކަހަލަ މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ސަރުކާރުން ހޯދާނީ ކިހިނެތް ހެއްޔެވެ؟
ރާއްޖޭގެ ނަމަށް ކިލަބުކަން
ސަރުކާރުގެ ޕީޖީ ގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވާ ގޮތުގައި މި ސިނާރިއޯ މިގޮތަށް ގަބޫލު ކުރެވޭކަށް ނެތެވެ. ރާއްޖެ އެގޮތަށް އޮވެގެން ތަރައްގީ އެއް ނުވެވޭނެ އެވެ. ރިޔާޒު ވިދާޅުވީ އަވަށްޓެރި ގައުމުތަކުން ރާއްޖެ-ޗައިނާގެ ގުޅުމަށް ދެކޮޅު ވަނީ ތަރައްގީގެ މަސައްކަތްތައް ގިނަވާތީ އެވެ. ރާއްޖެއަށް އެ ގައުމުތަކަށް ނުފޫޒު ނުފޯރުވޭތީ އެ ގައުމުތައް ރުޅިގަދަވަނީ ކަމަށް ރިޔާޒު ސިފަކުރައްވަ އެވެ. އާ އެކެވެ! ރިޔާޒު އެވިދާޅުވާ ފަދަ ސިނާރިއޯއެއް ވެސް އެބަ އޮތެވެ. އެކަމަކު ގައުމެއްގެ ސަރުކާރަކުން ބަލަން ޖެހޭނީ ދިވެހިންގެ ގަދަރު ބައިނަލްއަގުވާމީ މުޖުތަމައުގައި އުފުލައި ދިނުމަށެވެ. ވަކި ގައުމެއްގެ ޕަޕެޓެއްގެ ގޮތުގައި އޮތުމަށް ޖާގައެއް ނުދެވޭނެ އެވެ.
އެކަމަކު ރައީސް މައުމޫންގެ ދިގު ވެރިކަމުގައި އައިހާ ތަރައްގީ އައީ ވަކިކޮޅަކަށް ހާރިޖީ ސިޔާސަތު ބުރަނުކޮށް މެދު މިނުގައި ބާއްވައިގެން އެވެ. ދެން އޭރު ތަރައްގީގެ މަސައްކަތްތަކަށް ބޭރުން ލިބުނުހާ އެހީ އަކާއި އެ މަޝްރޫއުތައް ހިންގި ގޮތް އެއީ އަދި އެހެން ވާހަކަ އެކެވެ. އެކަމަކު މައުމޫންގެ ވެރިކަމުގައި ރާއްޖެ ފެނުނީ ބޭރުގެ އިހުތިރާމް އޮތް ބަސް ހިފޭ ގައުމެއްގެ ގޮތުގަ އެވެ. އެކަން އެމަނިކުފާނު ކުރެއްވީ އިންޑިއާ-ޗައިނާގެ މި ބޮޑު ކޯޅުމުގެ ތެރެއަށް ގައުމު ގަންބާނުލަ އެވެ. އެއީ ހަމަ ނަމޫނާ ހާރިޖީ ސިޔާސަތެކެވެ. އެކަމަކު މިހާރު ރާއްޖެ މި ވަނީ ވަކި ބައެއްގެ ޕަޕެޓަކަށެވެ. މިއީ އެހެން ގައުމުތަކަށް ބަރޯސާވެެގެން އުޅެން ޖެހިފައި އޮތް ގައުމަކަށް މުސްތަގުބަލުގައި ބޮޑު ހުރަހަކަށް ވާނެ އެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު މި ދަނީ ވަރަށް ނުބައި މިސްރާބަކަށެވެ. ގޮތް ނޭނގޭ ދުނިޔޭގެ ބޮޑު ދެ ބާރުގެ ކޯޅުމެއްގެ ތެރެއަށް ވަދެ ރާއްޖެ މި ދަނީ ބޮޑު ތާށިގަނޑެއްގެ ތެރެއަށެވެ. އޭގެ ކުރިން ހޭއަރަން ވެއްޖެ އެވެ.