މިނިވަން ދުވަސް

އިނގިރޭސި ހިމާޔަތުން، ބޭރު ދަރަނީގެ އަޅުވެތިކަމަށް!

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ މިއަދަށް 54 އަހަރުވީ އެވެ. ނަމަވެސް މިނިވަންކަމުގެ ނޭވާލަމުން ދިވެހިން އަންނަތާ މިވީ ބައި ގަރުނުގެ ތެރޭގައި މިނިވަން ދައުލަތެއްގެ ގޮތުގައި ގައުމުގެ ސިޔާދަތާއި އިސްތިގުލާލު މިވަނީ މުޅީން ތަފާތު އަޅުވެތިކަމަކާ ދިމާލަށް ދީލާލައިފަ އެވެ.

ދުނިޔޭގެ މާލީ އިދާރާއަކުން ރާއްޖޭގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު، ނޫނީ ރިޕޯޓެއް ނެރެފިއްޔާ އޭގައި މައިގަނޑު ގޮތެއްގައި އޮންނާނީ އެއް ކަންބޮޑުވުމެކެވެ. ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވާތީ އަބަދުވެސް ނާޒުކު އިގްތިސޯދަށް ގެއްލުމާ ކުރިމަތިވެދާނެ ކަމުގެ އިންޒާރެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭން ބޭރުގެ އެކި ފަރާތްތަކަށް ދަރާފައިވާ އަދަދު ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. އެއީ އަދި އެތެރޭގެ ދަރަނީގެ ގޮތުގައި އަރާފައިވާ 27 ބިލިއަންގެ އިތުރުންނެވެ.

ރާއްޖޭގައި ހިންގާ އިގްތިސޯދީ މަޝްރޫއުތަކުގެ ސަބަބުން ދުވަހަކު ވެސް ރާއްޖޭގެ ދަރަނި މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައިވާ ކަމަށް ބުނެ މޫޑީސްއިންނާއި މަޝްހޫރު ހޮންކޮންގެ ކްރެޑިޓް ރޭޓިން ކުންފުނި "ފިޗް" ވެސް ވަނީ ބުނެފައި އެވެ.

މިދިޔަ އަހަރުގެ ނިޔަލަށްހުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 72 ޕަސެންޓުގަ އެވެ. މިއީ 2017 އަދި 2016 ވަނަ އަހަރާ އަޅާ ބަލާނަމަ 11 ޕަސެންޓުގެ އިތުރުވުމެކެވެ. އެ މުއްދަތުގައި ރާއްޖޭގައި ދަރަނީގެ ނިސްބަތް ހުރީ 61 ޕަސެންޓުގަ އެވެ.

މިކަމުގެ ސީރިއަސްކަން ވަޒަން ކުރެވޭނީ މިގޮތަށް އެ އަދަދު އަނބުރާލުމުންނެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރުން، މިހާރު ކޮންމެ ދިވެއްސެއްގެ ބޮލަކަށް ގާތްގަނޑަކަށް 70،000 އެއްހާ ރުފިޔާ ދައުލަތުން ވަނީ ދަރާފަ އެވެ. އެއީ އާބާދީގެ ބޮޑު ބަޔަކަށް މުޅި އަހަރު ދުވަހަށް ލިބޭ މުސާރާއާ ގާތްގަނޑަކަށް އެއް ހަމަ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން ވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކެއް މެދުވެރިކޮށް ލޯނު ނަގައި، ލޯނުގެ ގެރެންޓީ ދީފަ އެވެ. އެ މުއްދަތުގައި ސަރުކާރުން ގެރެންޓީ ދިން މިންވަރު ވަނީ 267 ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކަށް 1.1 ބިލިއަން ރުފިޔާގެ ލޯނު ގެރެންޓީ ދީފައިވެ އެވެ. އަދި ސަރުކާރުން ކުންފުނިތަކަށް 2.2 ބިލިއަން ރުފިޔާގެ ލޯނު ދީފައިވެ އެވެ.

އިއްޔެ ޗައިނާ

ކުރިއަރަމުން އަންނަ ގިނަ ގައުމުތަކުގެ ވެރިންނެކޭ އެއްފަދައިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އޭރުގެ އިގުތިސޯދީ ތަސައްވަރުގެ ތެރެއިން، ކަނޑު މެދުން ހިއްލައިލި ސިނަމާލެ ބުރިޖު ފަދަ ބިޔަ މަޝްރޫއުތަކަށް ބޭނުންވި ފައިސާ ހޯދީ އިރުމައްޗަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ދީލާލައިގެންނެވެ.

ބޭރުގެ ދަރަންޏަށް ބަލާއިރު، ޗައިނާއަށް އެކަނި 1.2 ބިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. އޭގެ ތެރޭގައި ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ސަރުކާރުގެ ކުންފުނިތަކަށް ދީފައިވާ ކޮމާޝަލް ލޯނުތައް ވެސް ހިމެނެ އެވެ. އެ ލޯނުތަކަކީ ސަރުކާރުން ގެރެންޓީދީފައިވާ ލޯނުތަކެކެވެ. އެއީ އެ ކުންފުނިތަކަށް އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި ސަރުކާރުން ނޫނީ ހަގީގަތަށް ބުނާ ކަމަށްވަންޏާ ދިވެހި ރައްޔިތުން ޒިންމާވާންޖެހޭ 900 މިލިއަން ޑޮލަރެވެ.

މިއަދު އިންޑިއާ

ރާއްޖޭގެ އެންމެ ޒަމާންވީ ރަހުމަތްތެރިޔާއަށް ފުރަގަސްދީފައި ރައީސް ޔާމީންގެ ސަރުކާރު އޮތީ ޗައިނާގެ އުނގަށްވެއްޓިފައޭ ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ހަޅޭއްލެވި އެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރަނގަޅަށް ވޯޓުގުނާ ނުނިމެނީސް، ނަތީޖާ ސާފުވުމާއެކު މުޅި މަންޒަރު އަނެއް އަތަށް ބަދަލުކޮށްލި އެވެ. އާ ސަރުކާރުން އަވަސްވެ ގަތީ އިންޑިއާ ރުއްސާށެވެ. އިންޑިއާއިން ވެސް ދަނޑިވަޅުގެ ބޭނުން ރަނގަޅަށް ހިފާފައިވާކަން މިހާރު ސާފެވެ.

އާ ސަރުކާރަށް އަދި އަހަރެއް ނުވާއިރު، ކުރިން އެކި ބަހަނާތަކާއެކު ރާއްޖެއަށް ވަޑައިނުގެންނެވުނު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެ ފަހަރަށް ދިވެހި ފަސްގަނޑުގައި ފައިންޕުޅު ބީއްސަވައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މޯދީއާ ވާދައަށް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ދަތުރު ކުރައްވައިފި އެވެ. އެ ދަތުރުތަކުގެ ނަތީޖާ ހިސާބު އަދަދުތަކުން ބަލާއިރު، އެކި ނަން ނަމުގައި މިހާރުވެސް 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ.

އޭގެ ތެރޭގައި ބަޖެޓް ސަޕޯޓަށް ލިބޭ 200 މިލިއަނުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ޓްރެޝަރީ ބޮންޑެވެ. މީގެ އިތުރުން ދެން ހިމެނެނީ މަޝްރޫއުތަކަށް 800 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕެވެ. ބަޖެޓު ސަޕޯޓުގެ ގޮތުގައި 1.5 ރުފިޔާގެ ބޮންޑު މިހާރުވެސް އިންޑިއާއަށް ވިއްކާފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް، އެއީ ކިހާ މުއްދަތެއްގައި އަނބުރާ ދައްކަންޖެހޭ އަދި ކޮން ރޭޓެއްގައި ވިއްކި ބޮންޑުތަކެއްކަމެއް ނޭނގެ އެވެ.

އެދުމެއްނެތި ވެދުމެއް ނުކުރާނެ

އެއީ އާންމުކޮށް ކަން ހިނގާ އުސޫލެވެ. ކުރީގެ ސަރުކާރަކުން އިތުރު ކޮށްފައިވާ ދަރަންޏާބެހޭ މައުލޫމާތެއް ހާމަވާނީ އެހެން ސަރުކާރެއް ވެރިކަމާ ހަވާލުވީމަ އެވެ. ކުރީގެ ސަރުކާރުން ޗައިނާއާއެކު ސޮއި ކޮށްފައިވާ ލޯނު އެއްބަސްވުންތަކުގެ ތަފްސީލުތައް އެނގެން ފެށީ އާ ސަރުކާރު އިންތިހާބުވުމާއެކު އެވެ. ޗައިނާއިން ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރުން ފެށިގެން ފައިސާ ދައްކަން ފަށަން ޖެހެ އެވެ. އެހެންވީމާ، ޗައިނާއަށް ނޫނެކޭ ބުނެފައި، އިންޑިއާ އިން ދޭހާ އެއްޗެއްގައި ހިފަންވީ ހެއްޔެވެ؟

ހަމައެކަނި ޗައިނާއާއި އިންޑިއާއަށް އެކަނި ބެލިޔަސް، ސަރަހައްދުގައި ނުފޫޒު ފެތުރުމުގެ ބިޔަ ދެ ގައުމުގެ ގަދަހިފުމެއްގެ ތެރޭގައި ރާއްޖެވަނީ ފިތިފަ އެވެ. އިރެއްގައި ބޭރުގެ ގައުމަކުން ދޭ އެހީގެ ބަދަލަކީ އދ. ގައި ދެވޭ ވޯޓެވެ. ނަމަވެސް، ޒަމާން ބަދަލުވެއްޖެ އެވެ. ދެ ގައުމުގެ ދިދަ ފަހަތުގައި ބަހައްޓައިގެން ސޮއިކުރާ ކޮންމެ އެއްބަސްވުމެއްގެ އަޑީގައި ތިލަ ނުވާ އެތައް ޝަރުތުތަކެއް ފޮރުވިފައިވެ އެވެ.

ސީދާ ގޮތުންނާ ނުސީދާ ގޮތުން ލޯނުދޭ ގައުމަކަށް ލިބޭ އެތަކެއް ފައިދާ އެކެވެ. ދީލަތިކަމުން ދޭ ފައިސާއިން ގިނަ މަޝްރޫއުތައް ހިންގަން ޝަރުތުކޮށްފައި އޮންނަނީ ލޯނުދޭ ގައުމެއްގެ ކުންފުންޏަކަށެވެ. އެކަމުގައިވެސް ސަރުކާރު ހިއްސާވާ ދައުލަތުގެ ކުންފުންޏެކެވެ. ނޫނީ ސަރުކާރަށް ވާގިދޭ އަމިއްލަ ކުންފުނިތަކެވެ. އެއް ޖީބުން ނަގާ އަނެއް ޖީބަށް ލުމެކޭ އެއް ފަދަ އެވެ. އެކަމަކު އިންޓަރެސްޓާއެކު ލޯނަށް ޖަހާފައި އޮންނަ އަދަދު ރަނގަޅަށް ގޮޅިއަށް ފެތޭވަރަށް ވުރެ ދިގެވެ. އެއްބައި ހިލޭ އެހީއޭ ބުންޏަސް، "ހިލޭ" ލިބޭ އެއްޗެއް ގިނަ ފަހަރު ނޯވެ އެވެ.

އުޅަނދެއް ހަދިޔާކޮށްފިއްޔާ އެ އެއްޗެއް ދިވެހިންނަށް އޮޕަރޭޓު ކުރެވޭ ކަމަކަށް ނުވެ އެވެ. ސިސްޓަމެއް ލިބިއްޖެއްޔާ އެއާ ކުޅެލާނެ ގާބިލުކަމެއް ދިވެހިންގެ ކިބާގައި ހުންނަ ކަމަކަށް ނުހަދަ އެވެ. މަރާމާތާއި ބެލެހެއްޓުމުގެ ނަމުގައި އެ ގައުމެއްގެ ބަޔަކު ދާއިމީކޮށް ދިވެހި ފަސްގަނޑުގައި ބޭތިއްބުން އޮންނަނީ ލާޒިމްވެފަ އެވެ.

ގައުމީ ތަރައްގީގައި ބޭރުގެ އެހީތެރިކަން ބޭނުންވެ އެވެ. ރާއްޖެއަކަށް އެކަނި އެކަމެއް ވާކަށް ނެތެވެ. ނަމަވެސް، ދުނިޔެއަށް ދެރުމުގައި ޒިންމާދާރުވާންޖެހެ އެވެ. ރަށެއްގައި ކިލާސް ރޫމެއް އަޅާލަން ބޭރުން ލޯނު ނަގަންވެއްޖެއްޔާ މި ސިލްސިލާއަށް ދުވަހަކުވެސް ނިމުމެއްނެތެވެ. މަޝްރޫއުތަކަށް ހޭދަވާ އަދަދަށްވުރެ ބޮޑުކޮށް ޖަހައިގެން އޭގެން ބައެއް އިސް މަގާމުތަކުގައި ޖީބަށް ވަންނަމުންދިޔުން ހުއްޓުވެންޖެހެ އެވެ. ތަރައްގީގެ ނަމުގައި ދަރާ ބޯވިކިގެން އަންނަންއޮތް ޖީލުތައްވެސް ދަރަނި ދައްކަންޖެހޭގޮތަށް ކަންކަން ކުރުމުމަކީ ޒަމާނީ އަޅުވެތިކަމޭ ބުނުމުގެ ފުރުސަތު ލިބެނީ އެހެންވީމަ އެވެ.