އިންގިރޭސި ޕްރިމިއާ ލީގުގައި 0-1 ޗެލްސީ ބަލިކޮށް ވެސްޓް ހާމްއިން ކޯޗު ޑޭވިޑް މޮއިސްގެ އިރުޝާދުގެ ދަށުން ފުރަތަމަ މޮޅު ހޯދިއިރު ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ލިބިފައިނުވާ ޓޮޓެންހަމްއިން 1-5 ގެ ނަތީޖާއަކުން ސްޓޯކް ސިޓީގެ މައްޗަށް ކުރިހޯދައިފި އެވެ.
ޗެލްސީ ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ވެސްޓް ހާމް ލިގު ތާވަލްގެ 18 ވަނަ މަގާމަށް ޖެހިލައި ރެލިގޭޝަން ޒޯނުން ސަލާމަތްވުމުގެ މަސައްތަކް ފަށާފައިވާއިރު ސްޓޯކް އަތުން މޮޅުވެ ޓޮޓެންހަމް މިވަނީ ލީގުގެ ފަސް ވަނަ މަގާމުގައި 28 ޕޮއިންޓް ހަމަކޮށްފައެވެ. އެއްވަނަ މަގާމުގައި އޮތް މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް އާއި ދެމެދު 15 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.
މިރޭގެ މެޗުން ބަލިވި ސްޓޯކް ސިޓީ އާއި ރެލިގޭޝަން ޒޯނާއި ދެމެދު މިހާރު އޮތީ ތިން ޕޮއިންޓްގެ ތަފާތެވެ. އިންގިރޭސި ލީގުގެ ދިފާއީ ޗެމްޕިއަން ޗެލްސީ އާއި ސިޓީ އާއި ދެމެދު 11 ޕޮއިންތްގެ ތަފާތު އެބައޮތެވެ. މިމެޗުން ގެއްލުނު ތިން ޕޮއިންޓާއެކު ލީގު ދިފާއުކުރުމަށް ޗެލްސީ ކުރަމުން އައިސްފައިވާ މަސައްކަތަށް މިވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ. އެޓީމުގެ ކޯޗު އެންޓޯނިއޯ ކޯންޓޭއަށް މިނަތީޖާގެ ސަބަބުން އޭނާގެ މަގާމު ގެއްލިދާނެކަމުގެ ބިރު އިތުރަށް މިވަނީ ބޮޑުވެފަ އެވެ.
ޗެލްސީ އާއި ވެސްޓް ހާމް ބައްދަލުކުރި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ހަވަނަ މިނިޓުގައެވެ. މިލަނޑު ވެސްޓް ހާމްއަށް ކާމިޔާބުކޮށްދިނީ މާކޯ އާނޯޓޮވިޗް އެވެ. މިސީޒަނަށް އަލަށް ވެސްޓް ހާމް އާއި ގުޅުނު އާނޯޓޮވިޗް މިހާތަނަށް އެޓީމަށް ދައްކަމުން އަންނަ ކުޅުމަށް އެޓީމުގެ ގިނަ ސަޕޯޓަރުން ވަނީ މީގެކުރިން
ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ސްޓޯކް ސިޓީ 1-5 ބަލިކުރުމާއެކު ޓޮޓެންހަމްއަށް ހަތަރު މެޗަށްފަހު އަލުން ލީގުގައި މިލިބުނީ ތިން ޕޮއިންޓް އެކަންޏެއް ނޫނެވެ. އެޓީމަށް އަލުން ލީގު ތާވަލުގައިވެސް ހަމަ މަގަށް އެޅުނީއެވެ. ޓޮޓެންހަމްއަށް ލީގު ހޯދުމަށް ކުރަމުން އައި އުންމީދުތަށް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވީ ނަމަވެސް އެޓީމަށް ގަދަ ތިން ޓީމުގެ ތެރޭގައި ލީގު ނިންމާލުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.
ޓޮޓެންހަމް މެޗުގެ ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ސްޓޯކްގެ ކެޕްޓަން ރަޔަން ޝޯކްރޮސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ މިނާތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފް ފަށައިގެން އަށް މިނިޓު ތެރޭގައި ޓޮޓެންހަމްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދެކުނު ކޮރެއާ ފޯވާޑް ސޮން ހުން މިން އެވެ. ސޮން ލަނޑު ޖެހިތާ މިނިޓެއް ފަހު އިތުބާރު ފޯވާޑް ހެރީ ކޭން މެޗުގެ ނަތީޖާ 0-3 ބަދަލުކޮށްލިއެވެ. މެޗުގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކުރީ ކޭން އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނިޓުގަ އެވެ.
ޓޮޓެންހަމްގެ ފަހު ލަނޑު 74 ވަނަ މިނިޓުގައި ކްރިސްތިއަން އެރިކްސަން ކާމިޔާބުކޮށްދިންއިރު ސްޓޯކްގެ ހަމައެކަނި ލަނޑު 80 ވަނަ މިނިޓުގައި ކާމިޔާބުކުރީ ރަޔަސް ޝޯކްރޮސް އެވެ.