ކުޅިވަރު

ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ރޮނާލްޑޯ 50 ގޯލް

Dec 10, 2017

ފްރާންސް ފުޓްބޯލްއިން ދޭ ބެލަންޑޯ އެވޯޑް ފަސް ވަނަ ފަހަރަށް ހޯދުމަށްފަހު، އޭނާހޯދި ބެލަންޑޯ އެވޯޑްތައް ދައްކާލުމަށްފަހު ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް 50 ގޯލް ހަމަ ކޮށްފި އެވެ.

ރޭ ސެވިއްޔާއާ ދެކޮޅަށް 5-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި، ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ މިއަހަރު މިހާތަނަށް 50 ލަނޑު ޖާހަފަ އެވެ. ވޭތު ވެދިޔަ ހަ އަހަރުވެސް އޭނާ 50 ލަނޑު ހަމަ ކުރި އެވެ.

ބުރާސްފަތި ދުވަހުގެ ރެއަކީ ރޮނާލްޑޯއަށް ވަރަށް ހާއްސަ ރެ އެކެވެ. ފްރާންސްގެ ޕެރިސްގައި ބޭއްވި ރަސްމިއްޔާތުގައި ރޮނާލްޑޯ އަށް ވަނީ ފަސް ވަނަ ބެލަންޑޯ އެވޯޑް ދީފަ އެވެ. ރޮނާލްޑޯ ވަނީ، މީޑިއާއިން ސިފަ ކުރާ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ މެސީއާ ހަމަހަ ކޮށްފަ އެވެ. އެ ދެކުޅުންތެރިންވެސް ވަނީ ފަސް ބެލަންޑޯ އެވޯޑް ހޯދާފަ އެވެ.

ރޭގެ މެޗުގައި، ރެއާލުން ޖެހި ފަސް ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗު ފެށިގެން ތިން ވަނަ މިނެޓްގައި، ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ނަޗޯ އެވެ. ރޮނާލްޑޯ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 23 ވަނަ މިނެޓްގައެވެ. އޭނާ ލަނޑު ޖެހީ ޒުވާން ވިންގާ މާކޯ އެސެންސިއޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ރެއާލްގެ ތިން ވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. ހަތަރު ވަނަ ލަނޑު 38 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓޯނީ ކްރޫޒް އެވެ. ފަސް ވަނަ ލަނޑު 42 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަޝްރަފް ހާކިމީ އެވެ.

ރޭގެ މެޗަކީ މިއަހަރު ޖަނަވަރީގެ ފަހުން ލަލީގާގައި ރެއާލް މެޑްރިޑް މިހާ ތަފާތު ބޮޑުކޮށް މޮޅުވި ފުރަތަމަ މެޗެވެ.