(7 ޑިސެމްބަރ 2017 އާ ގުޅޭ) -- ހައިކަލް ބުނީ ވަރަށް ބޮޑު ތެދެކެވެ. އެ ބަގީޗާގައި ރަތްފިނިފެންމާ ފޮޅެން މިހާރުވެއްޖެއެވެ. އަހަރެންގެ އަތަށްލައްވާފައިވި އަންގި ނައްޓާލުމަށްފަހު ހުސްނާއަށް ދިއްކޮއްލީމެވެ. އަދި ހައިކަލް ގެނެސްދިން ހަދިޔާ ހިފައިގެން އޭނަ އާއިއެކު ހިނގައިގަތީމެވެ.
ރޭގަނޑު ދިހައެއް ޖަހާކަން ހާއިރު ސިޓިންރޫމު ސޯފާގައި ހައިކަލްއާއެކު ޓީވީ ބަލަން އިން އިރު އަހަރެން ތާއްޔާޖެހެން ފެށިއެވެ. ނިދޭކަށް މާގިނައިރެއްނުނެގިއެވެ. އެހެންޏާ އަހަންނަށް ނިދޭއިރު އޮވެވޭނީ ކޮންމެވެސް ފިކުރެއްގައެވެ. ގިނަފަހަރަށް އެ ޚިޔާލުތައް އަހަރެންގެ ލޮލާ ނިދި ވަކިކުރެއެވެ. ނަމަވެސް މިފަހަރު އެހެނެއްނުވިއެވެ. ހައިކަލްގެ ކޮނޑުގައި ބޯއަޅާލެވުމާއެކު އިސާހިތަކު ގަދަ ނިންޖެއްވެރިވީއެވެ.
މަޑުމަޑުން ލޯ ހުޅުވާލަން މަޖުބޫރުވީ ވައިގެތެރޭގައި ހަށިގަނޑު އުފުލިފައިވާ އިހުސާސެއް ކުރެވިގެންނެވެ. ފައި ވެސް އޮތީ އެލިފައިކަން އޭރު އެނގެއެވެ. އަހަންނަށް ހޭލެވުނު އިރު އޮވެވުނީ ހައިކަލްގެ އަތްދަނޑިމަތީއެވެ. އަހަރެން އުފުލާލައިގެން ހުރެ ސިޑިން މައްޗަށް އަރަނީއެވެ. މަޑުމަޑުން އައިސް ހައިކަލް ވަނީ އޭނާގެ ނިދާ ކޮޓަރިއަށެވެ. އަދި ކޮޓަރީގައި ހުރި ބޮޑު އެނދުގެ މަޑު ތަންމަތީގައި އަހަރެން ބާއްވާލިއެވެ. އަހަރެންގެ ގައިމަތީ ރަޖާ އަޅަން ފެށުމުން އެ ކޮޓަރިއަށް ގެނައީ ކީއްކުރަންތޯ ސުވާލުކުރީމެވެ.
ހައިކަލް: "މިންނު އޮތީ ވަރަށް ލޯބިކޮށް ނިދާފައި. މީ މިންނު އޮންނަންވާ ކޮޓަރިއަކީ. މި އެނދުގައި... ޑޯންޓް ވޮރީ... މިންނުގެ ނުރުހުމުގަ އަހަރެން އަތެއްނުލާނަން... އަރާމުކޮށް ނިދާލާ. ހެނދުނުން އިރާދަކުރެއްވިއްޔާ މިންނު އުފާވާނޭ ޚަބަރެއް ދޭނަން. ދެން އަވަހަށް ނިދާލާ"
އަހަރެންގެ ގާތުގައި އިށީނދެލައިގެން އިނދެ ހައިކަލް ވާހަކަދެއްކީ މަޑުމަޑުންނެވެ. އަހަރެން ކޯތާފަތުގައި ފިރުމާލާފައި ލުއި ހިނިތުންވުމެއް ދިނުމާއެކު ގުދުވެލާފައި އަހަރެންގެ ނިތުގައި ބޮސްދިނެވެ. ހައިކަލްއަށް އަހަރެން އިތުބާރު ކުރީމެވެ. އޭނާ ދެން ދުވަހަކުވެސް އަހަރެންގެ ނުރުހުމުގައި ކަމެއް ނުކުރާނެކަން އަހަރެންގެ ޟަމީރު ޔަގީންކުރިއެވެ. އެއީ ކުރީގެ ހައިކަލްއެއް ނޫނެވެ. އަހަރެންގެ ގާތުގައި އިނީ މިންނުގެ ހައިކަލްއެވެ. މިންނުދެކެ އިންތިހާއަށް ލޯބިވާ ހައިކަލްއެވެ. އަހަރެންގެ ލޯބިވާ ހައިކަލްއެވެ. ހިތްހަމަޖެހުމާއެކު އަހަރެން އެ މަޑު ތަންމަތީގެ ތެރެއަށް ގެބެން ބޭނުންވިއެވެ. ހައިކަލް އެދުނު ފަދައިން އަރާމު ނިންޖަކުން ނިދާލާށެވެ.
* * * * * *
އާދައިގެ މަތިން އަހަންނަށް ފަތިހު ހޭލެވުނެވެ. ފަތިސް ނަމާދު ބަންގީގެ އަޑަށް ތެދުވިއިރު ފެންނަ ހިސާބުގައި ހައިކަލް ނެތުމުން ހައިރާންވިއެވެ. ހަމައެއާއެކު ހިތްހަމަޖެހުނެވެ. އެ އަނދުގައި އަހަރެން ބާއްވާފައި ހައިކަލް ނިދީ ޒޭންގެ ކޮޓަރީގައިކަން އަހަންނަށް ހަނދާންވީއެވެ. ދަންވަރު ހޭލެވިގެން ހައިކަލް ކޮބާތޯ ބަލަމުން ދަނިކޮށް އަހަންނަށް އޭނާ ފެނުނީ ޒޭންގެ ކޮޓަރިގައި އޮއްވައެވެ. ނަމާދުކޮށްލައިގެން ނުކުމެ ޒޭންގެ ކޮޓަރި ބަލާލީމެވެ. ނުފެނުނެވެ. ގޭގެ އެހެން ބައިތައް ވެސް ބެލީމެވެ. ދެން ވެސް ނުފެނުނެވެ. ސިޓިންރޫމުގައި މަޑުކޮށްލައިގެން އިންދާ ގޭތެރެއަށް ވަދެގެން އައީ ހައިކަލްއެވެ. އެހާ ފަތިހާ ކޮންތާކަށްތޯ ދިޔައީ އަހާލެވުނީ ކެތްތެރިކަން ކުޑަވެފައި އިން މީހަކު ފަދައިންނެވެ. އަހަރެންގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ހައިކަލް ހޭންފެށިއެވެ. އެއާއެކު މޫނު ހަދާލެވުނެވެ. ސޯފާގައި އިނދެފައި ފުންމައިގެން ތެދުވީ ހައިކަލް ނުފެންނަ ހިސާބަކަށް ދިއުމަށެވެ. އެހެންނަމަވެސް ހައިކަލްއާ ދުރަށް ދެފިޔަވަޅެއް އަޅާލެވެން ވާއިރަށް އޭނާ އަހަރެންގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ.
ހައިކަލް: "ދަނީތަ؟ މަޑުކޮށްބަލަ!... މިންނު ރުޅި އައީމަ ވަރަށް ލޯބި. އެހާ ކުޑަކުޑަ ވަގުތުކޮޅަކަށް ވެސް އަހަރެން ނުފެނުނީމަ ބިރުގަތީތަ؟ އަހަރެން ބުނީމެއްނު މިންނު ދޫކޮށެއް ނުލާނަމޭ"
އަހަންނަށް ވީގޮތް ހިތަށް އަރާފައި ހިނި އަންނަ ގޮތްވިއެވެ. އެހާ ބޮޑަށް ހައިކަލްއަށް އަހަރެންގެ ހިތް އެދިފާނޭ ހިޔެއްނުކުރަމެވެ. ހިތުގައި އުފެދުނު ސުވާލަށް ހައިކަލް ޖަވާބެއް ނުދިނުމުން އަލުން އެ ސުވާލުކޮށްލީމެވެ. އެއާއެކު ހައިކަލް އައީ ކޮންތާކުންކަން އޭނާ ބުންޏެވެ. ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދިޔައެވެ. ހައިކަލް އައީ ފަތިސް ނަމާދަށް މިސްކިތަށް ގޮސްފައެވެ. ހައިކަލްއަށް ކޮފީ ތަށްޓެއް ހަދާދިނުމަށް ބަދިގެއަށް ދިޔައީ އޭނާގެ އެދުމަށެވެ. ރޭ ނިދަން އޮއްވާ އަހަރެންގެ ގާތު އުފާވެރި ޚަބަރެއް ދޭނަންކަން ހައިކަލް ބުނި ހަނދާން އަހަރެން ހުއްޓެވެ. އެހެންވެ ކޮފީތަށި ހިފައިގެން އައިސް އޭނާގެ އަތަށް ދެމުން އެއީ ކޮންވާހަކައެއްތޯ އެހީމެވެ. ހައިކަލް އެ ޚަބަރު އަނެއްކާ މިރެއަށް ލަސްކޮއްލިއެވެ. އަހަރެންގެ ހިތްތަޅުވަންތޯ ތިއުޅެނީ އަހަރެން އެހީމެވެ. އެހެންބުނުމުން ހައިކަލް ފެށީ ހޭށެވެ.
ދިގު އިންތިޒާރެއް ކުރާނެހާ ކެތްތެރިކަމެއް މިހާރު އަހަރެންގެ ނެތެވެ. އެހެންވިޔަސް ހައިކަލްގެ ދުލުން ގަދަކަމުން އޭނާ ބުނަން އުޅޭ ވާހަކައެއް ބޭރެއް ނުކުރެވޭނެއެވެ. ކޮފީތަށިން އެދި ފޮދު ބޮމުން ހައިކަލް ފެށީ އެހެން ވާހަކައެކެވެ. އޭނާ އެދުނީ މެންދުރު ރަނގަޅު ކާއެއްޗެއް ތައްޔާރުކޮށްފައި ބެހެއްޓުމަށެވެ. ހައިކަލްގެ އެކުވެރިޔާ، ހެންރީ ފުރަނީއެވެ. އެހެންވެ މެންދުރުގެ ކެއުމަށް ހެންރީއަށް ދަޢުވަތު ދީފައިވާނޭކަން ހައިކަލް ހާމަ ކުރިއެވެ. އަދި އަހަރެން ގާތުގައި އަހާނުލާ ދަޢުވަތު ދެވުނީތީ އެކަމާ މާފަށް އެދުނެވެ.
ހައިކަލް: "އިޓް ވޯޒް ޖަސްޓް އެ ސްލިޕް އޮފް ދި ޓަންގް"
ރަޙުމަތްތެރިއަކަށް ދަޢުވަތު ދިނުމަކީ މައްސަލައެއް ނޫނެވެ. ޚާއްޞަކޮށް ހެންރީއަކީ ހައިކަލްގެ ކިހާ ގާތް ރަޙުމަތްތެރިއެއްކަން އަހަންނަށް އެނގެއެވެ. މި ގެއަށް އޭނާއަކީ އާ މީހެއްނޫނެވެ. ކެއުމުގެ އެއްވެސް ކަމަކާ ހައިކަލް ހާސްނުވުމަށް އަހަރެން ބުނީމެވެ. މެންދުރު ހެންރީ އަންނަންވާއިރަށް ހުރިހާ ކަމެއް ތައްޔާރުކޮށް ނިންމާލާނަން ކަމުގެ ޔަގީންކަން އަހަރެން ދިނީމެވެ.
މެންދުރު އެކެއް ޖަހަން ވާއިރަށް ހެންރީ އަންނާނަން ކަމުގައި ބުނެފައިވެއެވެ. ބާރަޖަހަންވިއިރު ބަދިގޭގެ ހުރިހާ މަސައްކަތެއް ނިމިއްޖެއެވެ. ހައިކަލްގެ އެކުވެރިޔާ އަންނަންވާއިރަށް ސުފުރާ ތައްޔާރުކުރާން ހުސްނާއާ ހަވާލުކޮށްފައި އަހަރެން އައީ ކޮޓަރިއަށެވެ. ހެދުން ބަދަލުކޮށްލާ ރީތިވެލާށެވެ. ހައިކަލް ބުނި ގޮތުގައި ހެންރީއަށް ދިވެހި ކެއުން ވަރަށް ކަމުދެއެވެ. އަލައާއި ކައްޓަލަ ފަދަ ތަކެއްޗާއެކު ގަރުދިޔަ ހުރުމަކީ މުހިންމުކަމެވެ. ދިވެހި ލޮނުމިރުހުގައި މަހެއް ފިހެފައި އޮންނަން ޖެހޭނެކަމަށް ވެއެވެ. ފުރިހަމަ ދިވެހި "މެނޫ"އެއް ސުފުރާ މަތީން މިއަދު ފެންނާނޭކަން ޔަގީނެވެ. އެފަދަ ބޮޑު ކެއްކުންގަނޑެއް އަހަރެން ނުކައްކާތާ ވަރަށް ދުވަސްވެއްޖެއެވެ.
މެންދުރުގެ ކެއުން ހެންރީއަށް ކަމުދިއުމުން އަހަރެން ވަރަށް އުފާވިއެވެ. ހަވީރު ހަތަރެއް ޖަހަންވާއިރަށް ހުޅުލެއަށް ދާންވެފައި ވުމާއިއެކު އޭނާއަށް އިނދެވޭނެ އެންމެ ގިނައިރަކު އަހަރުމެންނާއެކު ވަގުތު ހޭދަ ކުރިއެވެ. ހުޅުލެއަށް ދާންޖެހޭ ވަގުތު ކުޑަތަންވުމާއެކު ހެންރީ ފުރުވަން ހައިކަލް ދިޔައެވެ. އެކުވެރިޔާއާ ވަދާއުގެ ސަލާމްކޮށްފައި އެނބުރި ހައިކަލް ގެއަށް އައީ ފަހެއް ޖަހަނިކޮށެވެ. މިއަދު ވެސް ހައިކަލް އައީ ހަދިޔާއެއް ހިފައިގެންނެވެ. އޭނާގެ އަތުގައި އޮތް ރަތް ފިނިފެންމަލާއެކު ފިނިފެންމާ ކުރިތަކެއް ދިނެވެ. އަހަރެންގެ ބަގީޗާއިން ރަތްފިނިފެންމާ ފެންނަން އޭނާ ނުހަނު އެދޭހެން އަހަރެންގެ ހިތް ބުންޏެވެ. އެކަމާ ދެކޮޅެއް ނުހަދަމެވެ. އަހަރެން އެ އެއްޗެހި އިންދުމުގައި އުޅުނު ވަގުތު ހައިކަލް ދިޔައީ ކޮޓަރިއަށެވެ. އަހަންނަށް ދެވުނުއިރު އޭނައަށް އޮތީ ނިދިފައެވެ.
ހައިކަލްގެ ކޮޓަރިން ނުކުމެ އަހަރެންގެ ކުޑަ ކޮޓަރިގަނޑަށް ވަނީމެވެ. އެ ކޮޓަރީގެ ކޮންމެ ދިމާއަކަށް ބަލާލިކަމުގައިވިޔަސް އަހަރެންގެ މާޒީ ސިފަވެގެން ދާނެކަން ޔަގީނެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކަށް ތި އެކުވެރިޔާ ވާނެއެވެ. އެނދުގައި އަހަރެންނަށް އެކިއެކި ކަންތައްތަކާއި ވިސްނަން އޮވެވުނެވެ.
ޚިޔާލުތަކަށް ގެއްލިފައި އަހަރެން އޮއްވާ އަހަރެން ކޮބާތޯ ހޯދަމުން އައި ހައިކަލް އަހަރެންގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އަހަރެން އޮތްތަން ފެނި ވަގުތުން އައިސް އަހަރެންގެ ގާތަށް އަރާ އޮށޯވެލިއެވެ.
ހައިކަލް: "އެކަނިމާ އެކަނި މި ކޮޓަރީގަ؟ ކޮންކަމަކާ މިހާރު ތި ވިސްނަނީ؟"
ކަމަކާ ނުވިސްނަން ކަމުގައި އަހަރެން ބުނުމުން އުއްޑުން އޮވެފައި ހައިކަލް ކުރުއަތް މައްޗަށް ބަދަލުވެލިއެވެ. އަހަންނަށް ބަލަން އިރުކޮޅަކު އޮވެފައި ވާހަކަދެއްކިއެވެ.
ހައިކަލް:"މިންނު ބުނަން ބޭނުންނޫނިއްޔާ ނުބުންޏަސް އޯކޭ... އަހަރެން ބުނީމެއްނު އުފާވެރި ޚަބަރެއް ދޭނަމޭ. އެނގޭތަ! ބިޒްނަސްގައި އުޅޭ މީހުންނާ ރައްޓެހިކަން ބާއްވަމުން ގޮސް ޝޭޚަކާ ދިމާވި. އޭނާއަކީ ސައުދީން ކިޔަވައިގެން އައިސް މިކޮޅުގެ މިނިސްޓްރީއެއްގައި މަސައްކަތްކުރާ މީހެއް. މިންނު އެދެމެންނު ރަނގަޅު ގޮތުގައި އަހަރެމެންގެ ދިރިއުޅުން އަލުން ފަށަން. އެހެންވެ ޝޭޚުގެ ޚިޔާލެއް އަހަރެން ހޯދިން. އަހަރެންގެ ނިންމުންތައް މުޅިން ގޯސް. އެކަމަކު ދެމީހުން އެކުގައި އުޅޭތާ މިހާ ދުވަސްފަހުން ބޮޑު މަސްލަގަނޑެއް ހިލިދާނޭ ފަދަ ކަމެއް ކުރުމަކީ ވެސް ހައްލެއްނޫން. މިކަމުގެ ސަބަބުން ޒޭންގެ ދިރިއުޅުން ވެސް ހަލާކުވެގެން ހިނގައިދާނެ. އެ ދަރިފުޅުގެ އެއްވެސް ކުށެއްނެތި. މިންނު! ﷲ އަޅުތަކުންގެ ފާފަތައް ފުއްސަވާ ޢައިބުތައް ފޮރުއްވަވާ. މިންނުއާއި ޒޭންގެ އެއްވެސް ކުށެއްނެތް. ތި ދެމައިންގެ ދިރިއުޅުން ހަލާކުކޮށްލާނެހާ ހިތްވަރެއް އަހަރެންގެނެތް. އަހަރެންގެ ފާފައިގެ ސަބަބުން ތި ދެމައިންނަށް ތާއަބަދުގެ ހިތާމައެއް ލިބޭކަށް ނޭދެން. ދުނިޔެއަށް އެނގުމަށްވުރެ މިހާރު ރަނގަޅުވާނީ ސިއްރުތައް ﷲއަށް ވަކީލުކުރުން. އެކަލާނގެ ދެނެވޮޑިގެންވޭ އަހަރެން ކުރި ފާފަ. ކޮންމެ ދުވަހަކު ތަޢުބާވާ އިންސާނެއްކަމުގައި އަހަރެންވާން ބޭނުން...."
ވާހަކަދައްކަމުން ދިޔަ ހައިކަލްގެ އަޑު ބަދަލުވިއެވެ. އެ ދެ ލޯ ފެންކަޅިވަމުން ދިޔަ ތަން ދުށީމެވެ. އަހަރެން ކަންބޮޑުވިއެވެ. އަވަސް އަވަހަށް އިސްޖަހާލަން އުޅުނު ހައިކަލްގެ މޫނުގައި ދެއަތުން ހިފަހައްޓާލީމެވެ. ނުރޯށޭ ބުނީމެވެ. އަހަރެން ހައިކަލްއަށް މާފުކޮށްފިން ކަމާއި އަހަރެންގެ ހަޔާތުގައި ހެޔޮކަމެއް ކުރެވިފައިވާނަމަ އެ ހެޔޮ ކަމުގައި ހައިކަލް ބައިވެރި ކުރުމަށް އެދި ﷲއަށް ދުޢާ ކުރާނަން ކަމުގައި ބުނީމެވެ. ހައިކަލްގެ ފާފަތައް އަފޫކުރައްވާ ތަޢުބާ ޤަބޫލުކުރައްވާތޯ އަހަރެން ދުޢާ ކުރާނަމެވެ. ﷲ އިންސާނުން އުފެއްދެވިއިރު އެ މީހުންނަކީ ނުހަނު ފަސޭހައިން ފާފަތަކަށް އަރައިގަނެވޭ ބައެކެވެ. ހަމައެއާއެކު ކުރެވޭ ފާފައިން ލިބޭ އިބްރަތް ހަނދާންކުރެއެވެ. ދުވަހަކު އެފަދަ ފާފައަކަށް އަރައިނުގަތުމަށް އެ އިންސާނުން އަޒުމް ކަނޑައަޅައެވެ. ﷲއާ ކުއްތަންވެ އެކަލާނގެއަށް ދުޢާ ކުރުން މަތީ ދެމިތިބެއެވެ. ހުރިހާކަމެއް ހިންމަވާ ނިންމަވާ ރަސްކަލާނގެއަކީ ﷲ އެވެ. އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވާނެކަން ކަށަވަރެވެ.
ހައިކަލް: "އައި އޭމް އޯކޭ... މިންނު! މިރޭ... މިރޭ އަންނާނެ ކޯޓުން ދެ މީހަކު. އަހަރުމެންގެ ކައިވެނީގެ ފޯމު ފުރަން. ކުރީން ކުރި ކައިވެންޏަކީ ވެސް އެންމެންގެ ނަޒަރުގައި ކައިވެންޏެއް. ލިޔެކިޔުންތައް ފައިލް ކުރެވިފައި އެބަ ހުރި. އެހެންވެ އެ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް އަހަރުމެންގެ ކައިވެނި ދެވަނަ ފަހަރަށް މި ކުރެވެނީ. ކޯޓުގެ ލިޔުންތަކާއި ކައިވެނީގެ ފޯމުގައި ލިޔެވިގެންދާނީ އަހަރެން މިންނު ވަރިކޮށްފައި އަލުން އިންނަން ބޭނުންވަނީ ކަމުގައި. ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި މިކަން މި ގޮތަށް ކުރާން ޖެހެނީ. އެ ކައިވެނި ޔަގީނުން ވެސް ސައްޙަވާނެ. އެ ކައިވެނި އަހަރުމެން ދެމަފިރިންކަމުގައި ހަދައިދޭނެ"
ހައިކަލްގެ ނިންމުތަކުގެ ސަބަބުން އޭނާގެ ހިތުގައި ވޭން އަޅާކަން އަހަރެންނަށް އިހުސާސް ކުރެވެއެވެ. އެހެންވިޔަސް މީ ހުރިހާ ކަމެއް ރަނގަޅު ކުރާންވީ ފަހަރެވެ. މީގެ ކުރީން ވެސް އަހަރެން ހުރިހާ ކަމެއް ވަކީލު ކުރީ ﷲ އަށެވެ. މިފަހަރު ވެސް އަހަރެން ވަކީލު ކުރަނީ އެކަލާނގެއަށެވެ. ހައިކަލްގެ އަތުގައި ހިފައިގެން އަހަރެން ތެދުވީމެވެ. އަހަރުމެން ދެ މީހުންގެ ނިންމުމުގައި ﷲގެ ބަރަކާތްލެއްވުން ވާން އަހަރެންގެ ޟަމީރު އެދެއެވެ. ހައިކަލްއާއި އަހަރެން ކައިވެނިވެވުމުގެ ކުރީން އަހަރުމެންގެ މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަމުގައި ޔަގީން ކުރާން ބޭނުމެވެ. އެހެންވެ ﷲއަށް ދަންނަވައި ދެ ރަކުއަތުގެ ނަމާދެއް އަހަރެން ކުރީމެވެ. ﷲއަށް އަހަރެން ދެންނެވީމެވެ.
"މާތްރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޢިލްމުފުޅުން (މިކަމުގައި އޮތް) ރަނގަޅުގޮތް، މިއަޅާއަށް ދެއްކެވުން އެދި ދަންނަވަމެވެ. އަދި އިބަރަސްކަލާނގެ ކުޅަދުންވަންތަކަމުން މިއަޅާއަށް ކުޅަދާނަކަން ދެއްވާންދޭވެ. އަދި އިބަރަސްކަލާނގެ ބޮޑުވެގެންވާ ދީލަތިކަމުން، މިއަޅާއަށް ދެއްވުންއެދި ދަންނަވަމެވެ. ފަހެ ހަމަކަށަވަރުން އިބަރަސްކަލާނގެ ކުޅަދުންވަންތައެވެ. މިއަޅާ ކުޅަދާނައެއް ނޫނެވެ. އަދި އިބަރަސްކަލާނގެ ދެނެވޮޑިގަންނަވަމުއެވެ. މިއަޅާއަކަށް ނޭނގެއެވެ. އަދި އިބަރަސްކަލާނގެއަކީ އެންމެހައި ޣައިބެއް އެއްމެ ރަނގަޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. މާތްރަސްކަލާކޮ! އަޅާގެ ދީނާއި، ދުނިޔެއާއި، ނިމިދިއުމާއި، އަވަހަށް ވާންއޮތްކަންތައްތަކާއި ފަހުން ވާންއޮތްކަންތައްތަކަށް މިކަމުގައި ހެޔޮކަމެއް ވާކަން އިބަރަސްކަލާނގެ ދެނެވޮޑިގެންވާނަމަ، މިކަން އަޅާއަށް މިންވަރުކުރައްވައި، ފަސޭހަކުރައްވާންދޭވެ. އަދި އެކަމުގައި މިއަޅާއަށް ބަރަކާތްލައްވައިފާންދޭވެ. އަދި މިއަޅާގެ ދީނާއި، ދުނިޔެއާއި، ނިމިދިއުމާއި، އަވަހަށް ވާންއޮތްކަންތައްތަކާއި ފަހުން ވާންއޮތްކަންތައްތަކަށް މިކަމުގައި ނުބައިކަމެއްވާކަން އިބަރަސްކަލާނގެ ދެނެވޮޑިގެންވާނަމަ، އެކަން އަޅާއާއި ދުރުކުރައްވާފާންދޭވެ. އަދި އަޅާ އެކަމާއި ދުރުކުރައްވާފާންދޭވެ. އަދި ކޮންމެ ހެޔޮކަމެއް އަޅާއަށް މިންވަރުކުރައްވާފާންދޭވެ. އަދި އަޅާ އެކަމާއި ރުއްސަވައިފާންދޭވެ."
މުސައްލަ މަތީގައި އަހަރެން އިނީމެވެ. ހައިކަލްގެ ބުނި މީހުން އައުމުން އަހަންނަށް ގޮވާލާނޭ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންދާ ހަނދާނަށް ވެރިވެގެންދިޔައީ ހުވަފެނުގެ މަންޒަރެވެ. ހައިކަލްގެ އަތުގައި ހިފައިގެން އަހަރެން ހުރީމެވެ. އަހަރެންގެ ހިތާއި ރޫޙަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެއީ ދުލުން ބަޔާން ކޮށްދެވޭނެ ފަދަ ހިނދުކޮޅެއް ނޫނެވެ. ހިތަށް ވެރިވެގެންދިޔަ ފިނިކަން މުޅި ހަށިގަނޑަށް ވެރިވެގެންދިޔަ ފަދައެވެ. ދެލޯ ފެންކަޅިވެ ރޯންފެށުނީ އެއްވެސް އިޚުތިޔާރެއްނެތިއެވެ. ދުލުން ނުކުތީ ހަމައެކަނި ހައިކަލްގެ ނަމެވެ. ހަމައެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑާއެކު ހުޅުވިގެންދިޔައެވެ. އޭރު ކުރިމަތީގައި ހުރީ ހައިކަލްއެވެ. އޭނާއަށް ހީވީ އަހަރެން ނަމާދުކޮށް ނުނިމެނީ ކަމަށެވެ. އަވަސް އަވަހަށް ނުކުމެ ދޮރު ކައިރިކޮށްލިއެވެ.
ހައިކަލް: "މިންނު! ޔޫ އޯކޭ... އަހަރެން ގާތުގައި ނުރޯށޭ ބުނެ މިންނު ކީއްވެ ނަމާދުގައި އިނދެ ރުއީ. އަދިވެސް އަހަންނަށް ގޯސްކޮށް ކަމެއް ކުރެވެނީތަ؟"
ކޮޓަރިން ނުކުތް ވަގުތު އަހަރެން ހުއްޓުވާ ހައިކަލް ސުވާލުކުރިއެވެ. އެއާއެކު އަހަންނަށް ހިނިތުންވެވުނެވެ. ދެން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް ކަމުގައި ބުނީ ހިތުގެ އަޑިން އެކަން ޤަބޫލުކުރާތީއެވެ. ކުރެވެން އުޅެނީ ﷲ ނުރުއްސަވާ ކަމެއްނަމަ އެކަން އަހަރެންގެ ހިތާއި ޟަމީރު ދެނެގަތީހެވެ. އަހަރެންގެ ވާހަކަ ހައިކަލްއަށް ޤަބޫލުނުކުރެވިފައި ހުރި ކަހަލައެވެ. އެހެންވިޔަސް އަހަރުމެން ދެ މީހުން އެކުގައި އައިސް ގޭގައި ހުރި ކުޑަކުޑަ ލައިބްރަރީއަށް ވަނީމެވެ. އެތަނުގައި ހުރި ލިޔާ މޭޒުދޮށުގައި ހައިކަލް ބުނި ފަދައިން ދެ ޒުވާނުން ތިއްބެވެ. އެމީހުންގެ ކުރިމަތީ ހުޅުވާލާފައި އޮތް ފައިލެއް އޮތެވެ. އެކަކު އިނީ ކައިވެނީގެ ފޯމު ހިފައިގެންނެވެ. (ނުނިމޭ)